ޚަބަރު

ރައީސްގެ ވަޢުދާއި އެއްގޮތަށް ހުޅުމާލެއިން 1000 ގޯތި ދޫކުރާ ސަރަހައްދު ކަނޑަޅައިފި


މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ 1000 ގޯތި ދިނުމަށް ކަނޑައެޅިފައިވާ ސަރަހައްދު ފައިނަލްކޮށް، މިމަސް ނިމުމުގެ ކުރިން ޕްލޭނިން މިނިސްޓްރީއަށް ފޮނުވާނެކަމުގައި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

މިމަޝްރޫޢަށް ކުރިމަތިލުމަށް އަންނަ ޖޫންމަހު ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ވެފައިވާ ވައުދާއި އެއްގޮތަށް ހުޅުމާލެއިން ޚާއްސަކުރާ 1000 ގޯތި ދޭނެ ސަރަހައްދު އެޗްޑީސީން ވަނީ ކަނޑައަޅާފައެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ޚާއްސަކޮށްފައިވަނީ ހުޅުމާލޭ ފޭސް 2އިން ކަމަށެވެ.

ގޯތި ދޭނެ ސަރަހައްދު ކަނޑައަޅައި، މިމަސައްކަތް ފެށުމަށްޓަކައި، ޕްލޭނިން މިނިސްޓްރީއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް މިމަސް ނިމުމުގެ ކުރިން ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

"1000 ގޯތި ނަގާނެތަން އަޅުގަނޑުމެން ވާނީ އައިޑެންޓިފައި ކޮށްފަ. ދެން އިތުރަށް ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން މިބަލަނީ މިމަސް ނިމުގެ ކުރިން ހައުސިން މިނިސްޓްރީއަށް ފޮނުވަންޖެހޭ މައުލޫމާތުތައް ފޮނުވަން" ސުހައިލް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ޚާއްސަކުރެވޭ ސަރަހައްދާއިއެކު ފޭސް ދޭއްގެ ޕްލޭނަށްވެސް ބަދަލު ތަކެއް އަންނާނެކަމަށް ސުހައިލް ވިދާޅުވިއެވެ. އަދި އެސަރަހައްދުގެ މަގު ހެދުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްވެސް ކުރުމަށް މަސައްކަތް ފެށިގެންދާނެކަމަށް ސުހައިލް ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޢިއުލާންކުރައްވާފައިވާ ގޯތިދޫކުރުމުގެ މަޝްރޫއަށް ކުރިމަތިލުމަށް އަންނަ ޖޫންމަހުގެ ތެރޭގައި ހުޅުވާލާނެކަމަށް މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކާ މާލެއަތޮޅު ގިރާވަރު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2000 ގޯތި ދޫކުރުމުގެ މަޝްރޫޢެއް ރައީސުލްޖުމްހޫރިއްޔާވަނީ މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާ ދެއްވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވާފައެވެ. އަދި ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ހަމަޖެއްސުމަށް ނިންމަވާ، އިތުރު 2000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެއްޓެވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށަށްވެސް ދިމާވެފައިވާ އިޖުތިމާޢީ އެންމެ ބޮޑު މައްސަލައަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތި ދަތި ޙާލުގައި ކުޑަ ތަންކޮޅެއްގައި ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅެންޖެހުމެވެ. މިމައްސަލަ ޙައްލުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ 60 މަޝްރޫޢެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެތެރެއިން 2159 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި އަދި 2023 ވަނަ އަހަރު 2429 ޔުނިޓު ނިމޭނެކަމަށާއި 2024 ގެ ނިޔަލަށް 3361 ހައުސިންގ ޔުނިޓުގެ މަސައްކަތް ނިމި ރައްޔިތުންނަށް އޭގެ މަންފާކުރާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ސައީ

މާލޭގައި ސަރުކާރު ތަކުން ދިރި އުޅޭނެ ބިންކޮޅެއް ނުދީ ހާލުގަ ޖެއްސި އާބާދީ އަށް ބިންކޮޅެއް ދެއްވަން ނިންމެވީތީ މި ސަރުކާރަށް ޝުކުރު ދަންނަވަން. ބިންކޮޅެއް ދެއްވުމުގައި ތަރިކައިން ލިބުނު ބިން ކޮޅު ސަރުކާރަށް ނަންގަވާނަމަ ނަންގަވަން ވާނީ އޭނާ އެ ބިންކޮޅަށް ކޮށްފަ ހުރި ހަރަދު ގެ ބަދަލު ދެއްވާފަ ޢެހެން ނޫނީ އޭނާ މުޅި އުމުރުގައި ލިބުނު ހުރިހާ އެއްޗެއް ދާނީ ނިގުޅައި ގަނެވިގެން. ޢެ ނިކަމެތި މީހާ އިތުރަށް ސަރުކާރުން އިހާނެތި ކޮއްލީ ކަމަށް ނޫނީ ނުބެލެވޭނެ. ކޮންމެ އަކަސް މި ސަރުކާރަށް ޝުކުރިއްޔާ

ޒަރީ.

ލައްކަ ދުވަހު ސަރުކާރު ތަކުން ރައްޔިތުން ގަނަ ތަޅުވައި ފީމު. ތަރިކައިން ލިބުނު ބިންކޮޅު އަތުލާނަމަ އެތަނަށް ކޮއްފަވާ ހޭދައިގެ ބަދަލު ދެއްވަން ވާނެ. ޢެހެން ނޫނީ އަނެއްކާވެސް އެ މީހާ އިތުރަށް އެ ނިކަމެތި ކޮށް ލެވެނީ.