ޚަބަރު

ރާއްޖޭގައި ސީޕްލޭންގައި ފުރަތަމަ ފަހަރަށް އަންހެން ފަޅުވެރިން


ރާއްޖޭގައި ފުރަތަމަ ފަހަރަށް ސީޕްލޭންގައި އަންހެން ފަޅުވެރިންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ޝަރަފް މަންޓާ އެއަރގެ 2 އަންހެން ކުރޫ ކަމަށްވާ އާމިނަތު ތަސްލީމާ އާއި އާއިޝަތު މުޒްނާ ހޯދައިފިއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް މުޅިން އަލަށް އަންހެން ކެބިންކްރޫއިންގެ ގޮތުގައި ހަރަކާތްތެރިވާން ފެށީ ކުޅުދުއްފުއްޓަށް އުފަން އުމުރުން 32 އަހަރުގެ އާމިނަތު ތަސްލީމާ އާއި މާލެއަށް އުފަން 31 އަހަރުގެ އާއިޝަތު މުޒްނާއެވެ. ޕައިލެޓުންގެ ގޮތުގައި ބިދޭސީ އަންހެނުން ހަރަކާތެތެރިވީ ނަމަވެސް މި ދެ ފަޅުވެރިންނަކީ ރާއްޖޭގައި ކަނޑަށް ޖައްސާ ބޯޓުގައި ހަރަކާތްތެރިވާ ފުރަތަމަ ދިވެހި އަންހެން ފަޅުވެރިންނެވެ.

އާދައިގެ އެހެން ފްލައިޓް ތަކުގެ ކެބިން ކްރޫއިންގެ މަސައްކަތާއި އަޅާ ބަލާއިރު ސީޕްލޭންގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ހުޅި ނަގާފައި އަންނަ ބޮޑެތި ރާޅުތަކުގެ ތެރެއަށް ބޯޓު ޖައްސާ ވަގުތު، ބޯޓުގެ މައި ދޮރު ހުޅުވައި ވަށައިގެން ނަގަމުންދާ ރާޅުތަކުގެ ތެޅުވުމަށް ބެލުމެއްނެތި ފަހަރަކު ވަލެއް އެއްސުމަކީވެސް ވަރަށް ހިތްވަރާއިއެކު ކުރެވޭފަދަ ކަންތައްތަކެވެ. މީގެ އިތުރުން ބޯޓަށް ތެޔޮ އެޅުމާއި ލަގެޖް ލޯޑުކުރުމުގައި ބަރު ފޮށި އެއްޗެހި އުފުލައި ހެދުމަކީވެސް އެއީ މާ ފަސޭހަ ކަންތައްތަކެއް ނޫނެނެވެ. އަދި މޫސުމަށް އަންނަ ތަފާތު ބަދަލު ތަކުގެ ސަބަބުންވެސް ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެއެވެ.

އެހެންނަމަވެސް މިދެ ފަޅުވެރިން އެ އަންގައިދިނީ އެއީ ހަމައެކަނި ފިރިހެނުންނަށް ކުރެވޭ މަސައްކަތެއް ނޫންކަމާއި ކެރުމެއް ހުރެއްޖެނަމަ އަންހެނުންނަށްވެސް ކުރެވޭނެ މަސައްކަތެއް ކަމާއި، އަދި މިއީ ރާއްޖޭގައި ސީޕްލޭން ކްރޫއެއްގެ ވަޒީފާ އަދާކުރުމުގައި އަންހެން ކުދިންނަށް ހުޅުވިފައި އޮތް ރަނގަޅު މަސައްކަތުގެ ދާއިރާއެއް ކަމެވެ.

ހަމައެކަނި އަންހެން ކްރޫންނާއި އެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ސީޕްލޭންގެ ދަތުރެއް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މަންޓާއިންވަނީ ކޮށްފައެވެ. އަދި މިދިޔަ އަހަރު މަންޓާއިންވަނީ އަންހެން ޕައިލެޓުން ހިމެނޭ ފްލައިޓެއް ފުރަތަމަ ފަހަރަށް އޮޕަރޭޓްކޮށްފައެވެ.