ކުޅިވަރު

ނިއު ރޭޑިއަންޓާ ފުށޫ އަރާތީ ރޭޑިއަންޓަށް ކުރިއަށް ދިޔުމަށް ހުރަސްތަކެއް


މިދިޔަ މަހު ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓާ ފުށޫ އަރާ މައްސަލައެއް ކުރިމަތިވެއްޖެއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބްތަކުގެ ތެރޭގައި ހިމެނޭ ނިއު ރޭޑިއަންޓް ވަނީ 2019 ވަނަ އަހަރު ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކޮށްފައެވެ. އެ ކްލަބް އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ އެފްއޭއެމްއިންނެވެ. އޭގެ ފަހުން ފީފާއިން ވެސް ވަނީ އެ ކްލަބަށް ފިޔަވަޅުއަޅާފައެވެ. ފީފާއިން އެ ކްލަބަށް ފިޔަވަޅު އެޅީ ބިދޭސީ ކުޅުންތެރިންނަށް މުސާރަ ދިނުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހުގައެވެ.

ރޭޑިއަންޓަކީ ނިއުގެ ސަޕޯޓަރުން އިސްވެތިބެ އުފެއްދި ކްލަބެކެވެ. އަދި މިއަހަރުގެ ތިންވަނަ ޑިވިޝަނުގައި ވާދަކުރަން އެ ކްލަބުން ވަނީ ސްކޮޑެއް އެކުލަވާލުމުގެ މަސައްކަތްކޮށްފައެވެ. އެގޮތުން އެ ކްލަބުން ވަނީ ކޯޗިން ޓީމާއި، ބައެއް ކުޅުންތެރިންނާއެކު އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ.

އެފްއޭއެމްގެ އެސޯސިއޭޓް މެމްބަރަކަށްވުމަށް ރޭޑިއަންޓުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު ހުށަހަޅާފައެވެ. އެކަމަކު އެކަން އެގޮތަށް ކުރިއަށް ގެންދެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސް އާއި އޭއެފްސީގެ މަޝްވަރާގެ މަތިންކަމަށް އެފްއޭއެމުން ވަނީ ނިންމާފައެވެ. އެފްއޭއެމުން އެކަން އެގޮތަށް ނިންމީ ކްލަބުގެ ކުލަ އާއި ލޯގޯއަކީ ނިއު ރޭޑިއަން އަސްލަކަށް ބަލައިގެން އުފައްދާފައިވާތީއެވެ.

ސްޕޯޓިންގ ސަކްސެސާއެއްގެ ގޮތުގައި ރޭޑިއަންޓަށް ކުރިއަށް ދިޔުމަށް ފުރުސަތު އެބައޮތެވެ. އެކަމަކު އެ ފުރުސަތު ރޭޑިއަންޓަށް ލިބެން އޮތް ގޮތަކީ ނިއު ރޭޑިއަންޓްގެ ދަރަންޏާ ހަވާލުވުމެވެ.

އެފްއޭއެމް އާއި ރޭޑިއަންޓްގެ އިސް އޮފިޝަލުން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހު ރޭޑިއަންޓްގެ ކޮމިއުނިޓީ ވައިބާ ގްރޫޕްގައި ބުނީ އެފްއޭއެމުން ނިންމާފައިވަނީ ރޭޑިއަންޓަކީ ނިއު ރޭޑިއަންޓް ކަމަށެވެ. އަދި އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ރޭޑިއަންޓްއަށް ނެތް ކަމަށްވެސް ވަނީ ބުނެފައެވެ.

1979 ނިއު ރޭޑިއަންޓް ވުޖޫދުވެ ފުޓުބޯޅައިގެ ގަދަ ބާރަކަށްވުމުގެ ކުރިން ހެންވޭރުގައި ވަނީ ރޭޑިއަންޓް ކްލަބް ހަރަކާތްތެރިވެފައެވެ.