ކުޅިވަރު

ޔުނައިޓެޑަށް ލީގު ތަށި ކާމިޔާބުކުރަން 30 އަހަރެއް ނުނަގާނެ: ރަންގްނިކް


އިންގްލިޝް ޕްރިމިއަރ ލީގުގެ ތަށި ކާމިޔާބު ކުރުމަށް ލިވަޕޫލެކޭ އެއްގޮތަށް 30 އަހަރު މެންޗެސްޓަރ ޔުނައިޓެޑަށް މަޑު ކުރަން ނުޖެހޭނެކަމަށް އެޓީމްގެ ކޯޗްކަން ވަގުތީ ގޮތުން މިހާރު ކުރަމުންދާ ރަންގްނިކް ހާމަކޮށްފިއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ ލީގުގައި މިރޭ ލިވަޕޫލާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗްގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. ޕްރިމިއަރ ލީގުގައި އެންމެ ދުވަސްވީ ހަތުރުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޔުނައިޓެޑާއި ލިވަޕޫލްގެ މިރޭގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ލިވަޕޫލްގެ ދަނޑުގައެވެ. އަދި ރަންގްނިކްގެ މިވާހަކަތަކީ ލިވަޕޫލަށް ދިން ބަހުގެ ހަމަލާއެއްކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ރަންގްނިކް ހާމަކުރިގޮތުގައި ޔުނައިޓެޑަށް ބަދަލު ތަކެއް އައްނަން ޖެހޭ ކަމަށާއި ނަމަވެސް ލިވަޕޫލުން ނެގިހާ ގިނަ ދުވަސް ނަގާނެ ކަމަށް ގަބޫލް ނުކުރާކަމަަށެވެ. މިދެޓީމް މިސީޒަންގައި ކުޅުނު ފުރަތަމަ މެޗް 5 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ލިވަޕޫލެވެ. ލިވަޕޫލުން 2020 ވަނަ އަހަރު ޕްރިމިއަރ ލީގު ކާމިޔާބު ކުރެވިފައިވަނީ 30 އަހަރަށް ފަހުއެވެ. ޔުނައިޓެޑުން މިހާރު އަންނަނީ ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރު ބުނެވޭގޮތުގައި އެމަގާމަށް އައުން އެންމެ ގާތީ އަޔެކްސް އެމްސްޓަރޑަމްގެ މިހާރުގެ ކޯޗް އެރިކް ޓެން ހާގްއެވެ.