ޚަބަރު

ޙަމާސާއި ޔަހޫދީން ޙަމަލާބަދަލުކޮށްފި


ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީ އިސްތިޢުމާރީ ފައުޖުތަކާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފިއެވެ.

ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ އިރުމަތީ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާއަށް ޔަހޫދީ އިސްތިޢުމާރީ ފައުޖުތަކުން ވަދެގަނެ 150އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލައި 300އަށްވުރެ ގިނަ މީޙުންވަނީ ހައްޔަރުކޮށްފައެވެ. އަދި ހަރުކަށި ޔަހޫދީ ޖަމާޢަތްތަކުންވަނީ އަޤްޞާގެ ޙުރުމަތް ކެނޑުމަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށައިފައެވެ.

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނެފައިވަނީ ކޮންމެ އަގެއް ދައްކައިގެންވެސް ފަލަސްޠީނުގެ ރައްޔިތުން މަސްޖިދުލް އަޤްޞާ ޙިމާޔަތްކުރާނެކަމަށާއި މިސްކިތުގެ ޙުރުމަތް ކަނޑަން ޔަހޫދީންނަށް އެއްވެސް ޖާގައެއް ނުދޭނެކަމަށެވެ. އަދި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައާއި އިސްރާއީލުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުން އެކަތިގަނޑަކަށްވެ މަސްޖިދުލް އަޤްޞާ ޙިމާޔަތްކުރުމަށްވެސް ޙަމާސުންވަނީ ގޮވާލައިފައެވެ.

ޙަމާސާއި ޔަހޫދީ އިސްތިޢުމާރީ ފައުޖުތަކާ ދެމެދު ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފައިވަނީ ޣައްޒާއިން ޔަހޫދީންނަށް ޢަމާޒުކޮށް މިސައިލެއް ފޮނުވާލުމުންނެވެ. އެއާއެކު ޔަހޫދީންވަނީ ޣައްޒާއަށް ވައިގެ ޙަމަލާތަކެއް ދޭން ފަށައިފައެވެ. އަދި ރައްދުގައި ޙަމާސުންވަނީ މިސައިލުން ޙަމަލާދީފައެވެ. ނަމަވެސް އެ ޙަމަލާތަކުގައި ލިބުނު ގެއްލުމެއް ދެ ފަރާތުންވެސް ޢާއްމުކޮށްފައެއް ނުވެއެވެ.

މިދިޔަ ރަމަޟާން މަހުގެ ތެރޭގައިވެސް މަސްޖިދުލް އަޤްޞާގައި ޔަހޫދީ އިސްތިޢުމާރީ ފައުޖުތަކުން ލާއިންސާނީ ޢަމަލުތައް ހިންގަން ފެށުމުން ޙަމާސުންވަނީ ޔަހޫދީ އާބާދީތަކަށް އެތައް ހާސް ރޮކެޓު ޙަމަލާތަކެއް ދީފައެވެ. އެއާއެކު ޔަހޫދީންވަނީ އެއްވެސް ޝަރުތަކައި ނުލައި ފަހަތަށް ޖެހި މަސްޖިދުލް އަޤްޞާގައި ހިންގަމުންދިޔަ ޖަރީމާތައް މެދުކަނޑާލައިފައެވެ.