ޚަބަރު

ރާއްޖޭގެ 16 ރަށެއްގެ ސިއްޙީ މަރުކަޒު ތަރައްޤީކުރުން އެކި މަރުޙަލާގައި ކުރިއަށްދޭ: ނަސީމް


ރާއްޖޭގެ ކޮންމެ ރަށަކީވެސް އެކަށީގެންވާ ސިއްޙީ ޚިދުމަތް ލިބޭ ތަންތަނަށް ހެދުމަށް ސަރުކާރުންވަނީ ގިނަ މަސައްކަތްތަކެއް ފައްޓަވާފައެވެ. މީގެތެރޭގައި ޑޮކްޓަރުން ނެތް ރަށްތަކަށް ޑޮކްޓަރުން ހޯދުމާއި، ސިއްޙީ މަރުކަޒުތަކުގެ ޖާގަ އިރުތުރުކުރުމާއި ހޮސްޕިޓަލްތަކަށް ބޭނުންވާ އެމްބިއުލާން ފޯރުކޮށްދިނުމުގެ ގިނަ މަސައްކަތްތައް ކުރިއަށްދެއެވެ.

ސަރުކާރުން ފަށާފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ކުދި އާބާދީތައް އޮންނަ ރަށްތަށްވެސް ބާކީނުކޮށް، އެ ރަށްރަށުންވެސް އެކަށީގެން ސިއްޙީ ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މި މަސައްކަތުގެ އެންމެ މުހިންމު އެއް ބަޔަކީ، ވީރާނާވަމުންދާ ސިއްޙީ މަރުކަޒުތައް މަރާމާތުކޮށް، ޚިދުމަތަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކެވެ.

ސިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަަދައްކަވަމުން ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ މިވަގުތުވެސް 16 ރަށެއްގެ ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކުރުމުގެ މަސައްކަތްތައް އެކި މަރުޚަލާގައި ކުރިއަށްދާކަމަށެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ މީގެތެރެއިން 3 ރަށެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށް މަސައްކަތްތައް ފަށާފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ ށ.މަރޮށި، ހއ.އުތީމު އަދި ބ.ކެންދޫގެ ސިއްޙީ މަރުކަޒުގެ މަސައްކަތްކެވެ. މި ޕްރޮޖެކްޓްތަކަކީ 2022 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކޮށް ތަރައްޤީކުރުމުގެ 4 ރަށެއްގެ މަސައްކަތް މިމަހު ކޮންޓްރެކްޓަރުންނާއި ހަވާލުކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ށ.ފޭދޫ، ނ.ލަންދޫ، ތ.ދިޔަމިގިލި އަދި މ.ދިއްގަރު ސިއްޙީ މަރުކަޒުގެ މަސައްކަތެވެ. އަދި 9 ރަށެއްގެ މަސައްކަތް ޓެންޑަރިންއަށް ހުޅުވާލުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

އެގޮތުން ހއ.ކެލާ، ރ.އިނގުރައިދޫ، ފ.ފީއަލީ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ބީލަމަށް ހުޅުވާލުމަށް މިމަހު ފީނޭންސް މިނިސްޓްރީއަށް ހުޅުވާލާނެކަމަށް ވިދާޅުވިއެވެ. އަދި އަންނަ މަހުގެ ތެރޭގައި އއ.ތޮއްޑޫ، ހދ.މަކުނުދޫ، ށ.ގޮއިދޫ، ށ.ކަނޑިތީމު، އއ.އުކުޅަސް އަދި ކ.ގާފަރު ސިއްޙީ މަަރުގެ ބީލަން އަންނަ މަހު ހުޅުވާލުމަށް ފޮނުވާނެކަމަށެވެ.

ސިއްޙީ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތުގައި ވެއިޓިން އޭރިއާގެ ޖާގަ އިތުރުކުރުމާއި، ޑޮކްޓަރުން ބަލާ ކޮޓަރި އިތުރުކޮށް ބަލި މީހުން އެޑްމިޓްކުރާ ވޯޑުތަކުގެ ޖާގަ އިތުރުކުރުން ހިމެނެއެވެ.

މިނިސްޓަރ ވިދާޅުވީ އަހަރުގެ ފަހު ކުއާޓަރަށްވެސް ގިނަ މަސައްކަތަކެއް ރާވާފައިވާކަމަށެވެ. މީގެއިތުރުން ހެލްތް ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް ޑޮކްޓަރުން ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

"ކައިރި ޤައުމުތަކުން ޑޮކްޓަރުން ލިބުމުގެ ދަތިކަން ބޮޑު. ނަމަވެސް ކިއުބާއިން ޑޮކްޓަރުން ހަމަޖެހި، 26 ޑޮކްޓަރުން އަންނަ މަހު ކުރީކޮޅު ރާއްޖެއަށް އަންނާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ގެންދަވަނީ ހޮސްޕިޓަލްތަކަށް ވަސީލަތްތައް ހަމަކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްގެންދަމުންނެވެ. އެގޮތުން ހޮސްޕިޓަލްތަކަށް ކޮމްޕިއުޓަރ ސިސްޓަމްތައް ހޯދުުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށާއި މިއަހަރު ނިމެންވާއިރަށް، މުވައްޒަފުންގެ ދަތިކަންވެސް ޙައްލުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.