ޚަބަރު

އަވަށްޓެރި ޤައުމުތައް އޮތް ހާލަތަށް ރާއްޖެ ނުވެއްޓުނީ، ހުންގާނުގައި އިޚުލާސްތެރި ކައްޕިއެއް ހުރުމުން: ސަލީމް


ކޯވިޑަށް ފަހު ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ލޮޅުންތަކުގައި، ރާއްޖެއާއި އެންމެ އަވަށްޓެރި ޤައުމުތަކުން މިއަދު ތަޖުރިބާ ކުރަމުންދާ ހިތްދަތި ދުވަސްތައް ރާއްޖެއާއި ކުރިމަތިނުވީ ﷲގެ ހެޔޮ ރަހުމަތާއިއެކު ދިވެހި ޤައުމުގެ ހުންގާނުގައި ކުޅަދާނަ ކައްޕިތާނެއް ހުރުމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތާމެދު ވާހަކަ ދައްކަވަމުންނެވެ.

ދުނިޔޭގެ މަސްރަހުގެ ގޮންޖެހުންތަކާއި ނިޒާމީ ބަލިކަށިކަމާ އެކުވެސް ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދަނީ ކުރިއަރަމުންނެވެ. މިކަން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައިވެސް ވަނީ ފާހަގަކޮށްފައެވެ. ކޯވިޑް-19އަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ރާއްޖޭގެ ރައްޔިތުން ތަޖުރިބާކުރި އެންމެ ހިތްދަތި އުނދަގޫ ދުވަސްތަކެވެ. ފުރަ ބަންދުވެގެން އެތައް ދުވަހަކު ތިބެންޖެހުމާއި، އިޤްތިޞާދީ އެތައް މަސައްކަތެއް އޮތީ މަޑު ޖެހިފައެވެ.

ރާއްޖެއަކީ އުފެއްދުންތެރިކަން ކުޑަ ޤައުމަކަށްވެފައި، ބޮޑު ބައެއް އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން، އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެދާނެ ހާލަތަށް ސަރުކާރުން ދުރާލައި ވަނީ ފިޔަވަޅު އަޅާފައެވެ. މިއަދު މިކަމުގެ ނަތީޖާ ރާއްޖެއިން ފެންނަމުންދާކަން ވޯލްޑު ބޭންކުގެ ރިޕޯޓުންވެސް ވަނީ ހާމަވެފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތައް މިއަދު އޮތް ހާލަތާއި، އަވަށްޓެރި ގައުމުތަކުންވެސް ފެންނަމުންދާ ހިތްދަތި މަންޒަރަކީ، އިބްރަތް ހާސިލް ކުރަންޖެހޭ ކަންތައްތަކެއްކަމަށެވެ. އެންމެ ކައިރިން އޮތް ސްރީލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތަކީ މިކަމުގެ ބޮޑު މިސާލެއްކަމަށް ސަލީމް ވިދާޅުވިއެވެ.

"ކުޅަދާނަ އިޚްލާސްތެރި ކައްޕިތާނެއް މިއަދު އަޅުގަނޑުމެންގެ ހުންގާނުގައި ނެތްނަމަ އަޅުގަނޑު ދަންނަވާނީ މިއޮޑި ފަރަށް އެރީސްކަން. އެކަން އެގޭ ގޮތަކީ ދުނިޔެ ދައްކާ މަންޒަރުތަކުން. އަޅުގަނޑުމެންގެ ވަށައިގެން ކުރެވޭ ތަޖުރިބާތައް. އަވަށްޓެރި ސްރީލަންކާގައި ކަރަންޓެއްނެތް. ކާބޯތަކެއްޗެއްނެތް، ބޭހެއްނެތް، ތެލެއްނެތް، ގޭހެއްނެތް، ބޭރުފައިސާ އެއްނެތް، ދަރަނި ދެއްކޭނެ ގޮތެއްނެތް. އަދި މަދަރުސާ ކުދިންނަށް އިމްތިހާނު ހަދާނެ ކަރުދާހެއްވެސް ނެތް. މިއީ އަޅުގަނޑުމެންނަށްވުރެ މާއުފަލުގައި ފުދިގެން އުޅުނު ޤައުމުތައް." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރާއްޖެއާއި ލަންކާއިން ކޯވިޑްގެ ތެރޭގައި ތަޖުރިބާ ކުރީ އެއް އިހުސާސްތަކެއްކަމަށެވެ. ދެޤައުމަށްވެސް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާގެ ދަރަންޏާއި، ކޯވިޑްގެ ނުރައްކާތެރި ގޮންޖެހުމެވެ. ނަމަވެސް ދިވެހި ސަރުކާރުން ޚާއްސަކޮށް ރައީސް ޞާލިހުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން އެޅި ފިޔަވަޅުތަކަކީ މިއަދު ދިވެހި ޤައުމު މިހާލަތުގައި އޮތް އެންމެ ބޮޑު ސަބަބުކަމަށް ސަލީމް ވިދާޅުވިއެވެ.

ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިޤްތިޞާދީ އަޕްޑޭޓުގައި ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވި މިނެއްގައި އިއާދަވަމުން އައުމުގެ ސަބަބުން 2022 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 7.6 އިންސައްތައިގައި ކުރިއަރާނެ ކަމަށެވެ. އަދި ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 2023 ވަނަ އަހަރު އިއާދަވާނެ ކަމަށް އަންދާޒާކުރެވުނު ނަމަވެސް ރާއްޖޭގެ ދަރަނި ބޮޑުވުމަކީ ކަންބޮޑުވުމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.