މާލޭ މަސް މާރުކޭޓަށް ކަނޑުމަސް ލިބޭ މިންވަރު އިތުރުވެ، މަހުގެ އަގުތައް ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.
މަސް މާރުކޭޓުގައި މިއަދު ކަނޑުމަސް ވަރަށް ތިޔާގިއެވެ. މިއާއެކު އަގުތައްވަނީ ކިލޯއެއް 30ރ އަށް 25ރ އަށް ތިރިވެފައެވެ. ކަނޑުމަސް ތިޔާގި ނަމަވެސް ކަންނެލި ލިބުން ވަނީ ދަތިވެފައެވެ. މިއަދު މާރުކޭޓުގައި ކަންނެލި ކިލޯއެއްގެ އަގު ހުރީ 60ރ އާއި 80ރ އާއި ދެމެދުގެ އަގުތަކެއްގައެވެ.
ރޯދަމަސް ފެށިގެން އައި އިރު، ކަނޑުމަހުގެ އަގުތައް ހުރީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން އޭރު ކަނޑުމަސް ކިލޯއެއް ހުރީ 60 ރުފިޔާއިން މަތީގައެވެ. އަދި އެއަށްފަހު ކަނޑުމަހުގެ އަގުތައް 40ރ އާއި 45ރ އާއި ދެމެދުގެ އަގުތަކަކަށް ހެޔޮވިއެވެ.
ރޯދަމަހުގެ މިހާ ހިސާބަށް އައި އިރު މާރުކޭޓުން ތާޒާ ރެހި ލިބެން ނެތް ނަމަވެސް މިއަދު މާރުކޭޓުގައި ގިނަ އަދަދަކަށް ރެހިވެސް ލިބެން އެބަހުއްޓެވެ. ރެހި ޖޯޑެއްގެ އަގު ހުރީ 30ރ އަށެވެ. އަދި ގިނައިން ނަގާނަމަ 15ރ އަށް ޖޯޑެކެވެ.
މާރުކޭޓުގައި ފަރުމަހުގެ އެކި ބާވަތްތައްވެސް ލިބެން އެބަހުއްޓެވެ. މާރުކޭޓުގައި މަސް ވިއްކާ ފަރާތްތަކުން ލަފާކުރާގޮތުގައި ރޯދަމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި މަހުގެ އަގުތައް އުފުލިގެނެއް ނުދާނެއެވެ.