ވިޔަފާރި

ވިޔަފާރި އުސޫލުން ތަރައްޤީކުރުމަށް ވަށަފަރުން 7 ބިމެއް ދޫކުރަނީ


ވިޔަފާރި އުސޫލުން ބިން ތަރައްޤީކޮށް ހިންގުމަށް ހއ. ވަށަފަރު ބަނދަރު ސަރަޙައްދުން 7 ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމައިފިއެވެ.

ވަށަފަރު ކައުންސިލްގެ އިދާރާއިން މަޢުލޫމާތުދެއްވާގޮތުގައި އެ ރަށުގެ ބަނދަރު ސަރަޙައްދުން ކުޔަށް ދޫކުރުމަށް ހަމަޖެހިފައިވާ މި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އިސްކަން ދެއްވާނީ އެ ސަރަޙައްދުގައި ކައުންސިލުން އިސްނަގައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކާއި، ކުޅިވަރުގެ ހަރަކާތްތަކަށާއި މުނިފޫހިފިލުވުމަށް ބޭނުންކުރާނެ ސްޓޭޖްގެ މަސައްކަތުގެ އިތުރުން ބަނދަރު ސަރަޙައްދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފިނި މައިޒާނެއްގެ މަސައްކަތުގައި އެހީވާނެ ފަރާތްތަކަށް ކަމަށެވެ.

ވަށަފަރު ބަނދަރު ސަރަޙައްދުން ދޫކުރުމަށް ހަމަޖެހިފައިވާ 7 ބިމުގެ ތެރެއިން 2 ބިން ޙާއްސަ ކޮށްފައިވަނީ ތެލުގެ ޚިދުމަތްދޭ ފަރާތްތަކަށް ކަމަށާއި، އެހެން  ސަރަޙައްދަކުން 2 ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ވަޑާން ކުރުން ކަހަލަ މަސައްކަތެއް ކުރަން ހުށަހަޅާ ފަރާތަކަށް ކަމަށްވެސް ވަށަފަރު ކައުންސިލް އިދާރާއިން މަޢުލޫމާތުދެއްވައެވެ.