ވިޔަފާރި

މަސްކިރުން ލިމިޓްކުރި ނަމަވެސް މަސްގަންނަ މިންވަރު ދަށެއްނުވޭ


ރާއްޖޭގެ އެކި ހިސާބުތަކަށް މިދުވަސްކޮޅު މަސްވެރިކަން ރަނގަޅުވެ ބާނާ މަހުގެ ޢަދަދުވެސް ވަނީ އިތުރުވެފައެވެ. އެހެންކަމުން މިފްކޯއިން މަސް ކިރަމުންދަނީ ލިމިޓްކޮށްގެންނެވެ. މިފްކޯއިން ލިމިޓްކޮށްގެން މަސް ކިރަމުން ދިޔަ ނަމަވެސް މިމަހުގެ މިހާތަނަށް ކިރާފައިވާ މަހުގެ ޢަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރެވެ.

ދެކުނުގައި މި ދުވަސްވަރަކީ މަސްވެރިކަން ވަރަށް ރަނގަޅު ދުވަސްވަރަކެވެ. އެހެންކަމުން ގިނަ ޢަދަދެއްގެ ދޯނިތައް މަސްކިރަން އާދެއެވެ. ގިނަ ޢަދަދެއްގެ މަސް ލިބެމުން ދިޔުމާއި މަސް ކިރުވާ ޕްރީޒްކުރަން ވަގުތު ބޭނުންވާތީ މަސްކިރުން މިފްކޯއިން ލިމިޓްކުރިއެވެ. މިހާރު މިފްކޯއިން ދޯންޏަކުން ކިރަމުންދަނީ 7 ޓަނުގެ މަހެވެ.

ދޯނިތަކުން ލިމިޓްކޮށް މަސްގަންނަމުން ދިޔަނަމަވެސް މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު މިފްކޯއަށް ކިރާފައިވާ މަހުގެ ޢަދަދު އިތުރެވެ. އެގޮތުން އޭޕްރީލް މަހުގެ މިހާތަނަށް މިފްކޯއިން ވަނީ 3570 މެޓްރިކް ޓަނުގެ މަސް ކިރާ މަސްވެރިންނަށް 78.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހު މިފްކޯއަށް ކިރާފައިވަނީ 2791 މެޓްރިކް ޓަނުގެ މަހެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް (16 އޭޕްރިލް އާއި ހަމައަށް) މިފްކޯއަށް މުޅި ޖުމްލަ 21،947 މެޓްރިކް ޓަނުގެ މަސް ވަނީ ކިރާފައެވެ. މިއާއިއެކު މަސްވެރިންނަށް މުޅި ޖުމްލަ 351.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިފްކޯއިން ވިދާޅުވީ މިހާރުވެސް ކެޕޭސިޓީއަށް ވުރެ އިތުރަށް މަސްކިރުވާކަމަށާއި އެހެންނަމަވެސް ކެޕޭސިޓީއާއި އެއްވަރަށް މެނޭޖްކޮށްގެން ކުރިޔަށް ގެންދިޔުމަށް މިވަގުތު ދޯންޏަކުން ކިރާނީ 7 ޓަނުގެ މަސްކަމަށެވެ. މިފްކޯއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މަސްވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ވިދާޅުވެއެވެ.