ކުޅިވަރު

ޓީރެކްސް ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖުގެ ޗެމްޕިއަންކަން ރޯޔަލްސްއަށް


ޓީރެކްސް ބާސްކެޓްބޯލް ކުލަބުން އިންތިޒާމުކޮށްގެން ބޭއްވި ޓީރެކްސް ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖުގެ ޗެމްޕިއަންކަން ރޯޔަލްސް ބާސްކެޓްބޯލް ކުލަބުން ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުޅުނު ސީނިއާ ކެޓަގަރީގެ ފައިނަލު މެޗުގައި ބީޓީސީ އާއި ބައްދަލުކޮށް ރޯޔަލްސް އިން މެޗު ކާމިޔާބުކުރީ 12-11 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ އުމުރުފުރާތަކުގެ ފައިނަލު މެޗުތައް ވެސް އާދީއްތަ ދުވަހުގެރޭ ވަނީ ކުޅެފައެވެ. އެގޮތުން 23 އަހަރުން ދަށުގެ ފިރިހެން ފައިނަލުގައި ހޮޓްޝޮޓްސް އާއި ވާދަކޮށް ބީޓީސީއިން ވަނީ 12-10 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފައެވެ. އަދި 23 އަހަރުން ދަށުގެ އަންހެން ފައިނަލް މެޗު އިން ސިންކް އާއި ވާދަކޮށް ރޭވަންސް އިން ކާމިޔާބުކުރީ 6-5 ގެ ނަތީޖާއަކުންނެވެ.

18 އަހަރުން ދަށުގެ ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް އަންސެޓިފައިޑް އިން ހޯދީ ޕާނޭ ބީސީ އާއި ވާދަކޮށް 15-9 ގެ ނަތީޖާއަކުންނެވެ. އަދި އެ އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ކްލަޗް އާއި ވާދަކޮށް އެންއޭއިން ކާމިޔާބުކުރީ 7-4 ގެ ނަތީޖާއަކުންނެވެ.

15 އަހަރުން ދަށުގެ އަންހެން ފައިނަލް މެޗުގައި ސްޓްރީކާސް އާއި ވާދަކޮށް ޕާލް ކާމިޔާބުކުރީ 13-7 ގެ ނަތީޖާއަކުންނެވެ. އެ އުމުރުފުރާގެ ފިރިހެން ފައިނަލުގައި އާޗާސް ބީސީގެ މައްޗަށް ޓީމް އަންސެޓިފައިޑްއިން ކުރިހޯދީ 18-8 ގެ ނަތީޖާއަކުންނެވެ.

13 އަހަރުން ދަށުގެ ފިރިހެން ފައިނަލް ވޮރިއާސް ކާމިޔާބުކުރީ ރިމްޝޮޓް އާއި ވާދަކޮށް 8-6 ގެ ނަތީޖާއަކުންނެވެ. އަދި އެ އުމުރުފުރާގެ އަންހެން ފައިނަލް މެޗު ޝޫޓާސް އާއި ވާދަކޮށް ސްކައި ކާމިޔާބުކުރީ 7-3 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގައި ޖުމްލަ 46 ޓީމުން ވާދަކުރިއިރު މުޅި މުބާރާތުގައި ޖުމްލަ 79 މެޗު ކުޅެފައިވާ ކަމަށް ޓީރެކްސް ބާސްކެޓްބޯލް ކްލަބުން ބުނިއެވެ.

މިއީ ޓީރެކްސް އިން މި މުބާރާތް ބޭއްވި އަށްވަނަ ފަހަރެވެ.