ކުޅިވަރު

އިމިގްރޭޝަނާއި ކުޅިވަރާ ބެހޭ ވުޒާރާއިން ފެށުން ރަނގަޅުކޮށްފި


ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕް ބޯލް މުބާރާތުގައި އާދީއްތަ ދުވަހު ކުޅުނު މެޗުތައް ކުޅިވަރާ ބެހޭ ވުޒާރާގެ އިތުރުން އިމިގްރޭޝަނުން ކާމިޔާބުކޮށްފިއެވެ.

އާދީއްތަ ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އާއި ވާދަކޮށް އިމިގްރޭޝަން މޮޅުވީ ފަސް ވިކެޓުންނެވެ. އަދި މުލިއާގެ ރެކްރިއޭޝަން ކުލަބް އަތުން ކުޅިވަރާ ބެހޭ ވުޒާރާ ކުރިހޯދީ ފަސް ވިކެޓުންނެވެ.

އާދީއްތަ ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗުގެ ޓޮސް ދިމާވުމުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ކުޅެން އެރުމަށެވެ. އެ ޓީމުން ކުޅެން އަރާ އަށް އޯވަރު ހަމަވިއިރު، 81 ލަނޑު ވަނީ ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 14 ލަނޑުހެދި އާދަމް އަބްދުﷲ އާއި 10 ލަނޑު ހެދި އިބްރާހީމް ހަސަންއެވެ.

ޖަވާބުގައި އިމިގްރޭޝަނުން ކުޅެންއަރާ 5.5 އޯވަރުގެ ތެރޭގައި 85 ލަނޑު ވަނީ ހަދާފައެވެ. އެ ޓީީމުން އެންމެ ރަނގަޅަށް ކުޅުނީ 19 ބޯޅައިން 35 ލަނޑު ހެދި އަޙްމަދު އާމިރެވެ.

އާދީއްތަ ދުވަހު ހަވީރު ކުޅުނު ދެވަނަ މެޗުގެ ޓޮސް ދިމާވުމުން ކުޅިވަރާ ބެހޭ ވުޒާރާއިން ނިންމީ ފީލްޑު ކުރުމަށެވެ. މުލިއާގެ ރެކްރިއޭޝަން ކުލަބުން ކުޅެން އަރައި އަށް އޯވަރުގެ ތެރޭ 123 ލަނޑު ވަނީ ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 35 ލަނޑު ހެދި ޕްރަސަންތަ ރަޖެންދްރަން އާއި 11 ބޯޅައިން 31 ލަނޑު އެއްކުރި މުޙައްމަދު ކަމާލްއެވެ.

ޖަވާބުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ކުޅެންއަރައި ހަތް އޯވަރުގެ ތެރޭގައި 127 ލަނޑު ހަދައި މެޗުން ވަނީ މޮޅުވެފައެވެ. ކުޅިވަރާ ބެހޭ ވުޒާރާގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުވަ ބޯޅައިން 22 ލަނޑު ހެދި އިމާދު އިސްމާއިލް އާއި 17 ލަނޑު އެއްކުރި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްއެވެ.