ކުޅިވަރު

ލެސްޓާ އަތުން ނިއުކާސަލަށް މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ނިއުކާސަލް ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ނިއުކާސްލުގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމުން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ލެސްޓަރއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލްއިންނެވެ. އެކަމަކު މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ކާމިޔާބުކުރީ ލެސްޓަރއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އަޑެމޮލާ ލޫކްމަންއެވެ.

ނަމަވެސް މެޗްގެ 30 ވަނަ މިނެޓްގައި ނިއުކާސްލްގެ ބްރޫނޯ ގިމަރާއިސްވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މެޗްގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ގިމަރާއިސްވަނީ ބޮލުން ލަނޑެއް ޖަހައި، ނިއުކާސްލަށް މެޗް ކާމިޔާބުކޮށްދީފައެވެ. މެޗަށްފަހު އޭނާ ހާމަކުރިގޮތުގައި މިއީ އޭނާގެ ކެރިއަރުގައި ބޮލުން ޖެހި ފުރަތަމަ ލަނޑެވެ.

މިކާމިޔާބީއާއެކު ނިއުކާސްލް މިހާރުވަނީ ކުޅުނު 32 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ލެސްޓަރ އުޅެނީ 30 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ.