ޚަބަރު

މާފުށީ ޖަލަށް 50 ގޮޅީގެ ޔުނިޓެއް އިތުރުކުރަނީ


ކ.މާފުށީ ޖަލުގައި އިތުރު 50 ގޮޅީގެ ޔުނިޓެއް ހަދަން ނިންމައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން އިޢުލާންކޮށްފައިވަނީ މާފުށީ ޖަލުގެ ޖާގަ އިތުރުކުރުމަށް ހަދާ 50 ގޮޅީގެ ޔުނިޓްގެ ކޮންސެޕްޓް ޑިޒައިންކުރުމާއި ޑީޓެއިލް ޑްރޯވިންގްތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށެވެ.

ތަހުޤީގީ މަރުޙަލާގައި ތިބޭ މީހުންނާއި ހުކުމް ތަންފީޒް ކުރަމުންދާ މީހުން ބޭތިއްބުމަށް ރާއްޖޭގައި ބޭނުންކުރަމުންދަނީ 4 ޖަލެވެ. އެއީ މާލޭ ޖަލާއި ހުޅުމާލެ ޖަލާއި ހިންމަފުއްޓާއި މާފުށީ ޖަލެވެ. މި ޖަލުތަކުގެ ޖާގައަކީ 1300 މީހުންނެވެ. ނަމަވެސް މިހާރުވެސް ޖަލުތަކުގައި ދެހާހެއްހާ ގައިދީން ތިބިކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެކިފަހަރުމަތިން ވިދާޅުވެފައިވެއެވެ. މިއީ ޖާގައަށްވުރެ ހަތްސަތޭކައެއްހައި މީހުންގެ އިތުރުވުމެކެވެ.

މިއީ ސަރުކާރުގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ޖަލުތަކުގެ ޖާގަ އިތުރުކޮށް، ޖަލުގެ ޙާލަތު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކެއް ސަރުކާރުން ވަނީ ފަށްޓަވާފައެވެ.

މީގެތެރޭގައި މާފުށީ ޖަލަށް 50 ގޮޅީގެ ޔުނިޓް އިތުރުކުރުމުގެ، ޕްލޭން ތައްޔާރުކޮށް ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބުދަ ދުވަހުގެ 12:00ގެ ކުރިން މިނިސްޓްރީއަށް މެއިލުން އަންގަންޖެހޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ 24 އޭޕްރިލްގައެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޖަލުތަކުގެ ޙާލަތުގެ ސަބަބުން ޤައިދީން ތަޙައްމަލުކުރާ ދަތިތަކަށް ޙައްލު ހޯދިނުމަށެވެ. ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ މި ސަރުކާރު އައީ ދިވެހިންގެ ހިތުގައި ޖަލުތަކާ މެދު އުފެދިފައިވާ ކިލަނބީ ތަސައްވަރު، ދިލާސީކުރުމުގެ ފުރިހަމަ ތަސައްވަރާއެކު ކަމަށެވެ.

ސަރުކާރުން މަސައްކަތްކުރަނީ ޖަލުތައް ހިންގުމުގެ މުޅި ނިޒާމް ރިފޯމްކޮށް, އިންސާނީ ކަރާމާތާއި, އަސާސީ ހައްޤުތައް ކަށަވަރުވާނޭ ފަދައިން ޖަލުގެ ކަންކަން ތަރުތީބުކޮށް ހިންގުމުގެ މިސްރާބަށް ކަމަށް ވިދާޅުވިއެވެ.

ޖަލުތަކުގެ ގޮތުގައި ބޭނުންކުރަމުންދާ ގިނަ އިމާރާތްތަކަކީ އޭގެ އަސްލު އުފެދުމުގެ އެހެން ބޭނުންތަކަށް ބޭނުންކުރި އިމާރާތްތަކެވެ. ޖަލުގެ ގޮތުގައި ޚާއްސަކޮށް ފަރުމާކޮށް ހަދާފައިވަނީ މަދު ތަންތަނެވެ. ނަމަވެސް މި ތަންތަންވެސް ހުރީ އިންސާނީ ކަރާމާތާއި, އިންސާނީ ހައްޤުތަކަށް ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބަލައިގަތުމަށް އެކަށީގެންނުވާ، ދަށް ފެންވަރެއްގައިކަން އެއީ ޤަބޫލުކުރާ ހަޤީޤަތެއްކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ޖަލުތަކުގެ ހިންގުމަށް ގެންނަ ބަދަލުތަކުގައި ޖަލުގެ އިމާރާތްތައް މަރާމާތުކުރުމާއި، އަސަސީ ޚިދުމަތްތައް ރަނގަޅުކުރުމާއި އަދި ތަމްރީން ލިބިފައިވާ އޮފިސަރުންގެ ޚިދުމަތް ފުޅާކުރުން ހިމެނެއެވެ.

އަދި ޖަލުތަކުގައި ދޭންޖެހޭ އެކިއެކު ފަރުވާތަށް އިތުރުކުރުން ހިމެނެއެވެ. އަދި ހުކުމް ތަންފީޒްކުރުމުގެ މަރުޚަލާގައި ގައިދީން އިސްލާހުވުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުން ހިމެނެއެވެ.

މީގެއިތުރުން ސަރުކާރުންވަނީ ހދ.ނޭކުރެންދޫގައިވެސް ޖަލެއް ހެދުމުގެ މަސައްކަތްތައް ކުރަމުންނެވެ. އޭގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް ސަރުކާރުން ހާމަކުރެއެވެ.