ޚަބަރު

ކުށްވެރިންގެ ފައިގައި އެޅުވުމަށް 100 މޮނިކޮން ޓެގް ރާއްޖެ ގެނެސްފި


އެއްފަހަރާ 100 ކުށްވެރިން މޮނިޓަރ ކުރެވޭގޮތަށް ނިޒާމް ބައްޓަންކުރުމަށް ބޭނުންވާ މޮނިކޮން ޓެގް ރާއްޖެ ގެނެސްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީން ވިދާޅުވީ، ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމަށް ބޭނުންވާ 100 ޓެގް މިހާރު ރާއްޖެ ގެނެސްފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ޓެގް އެޅުވުމަށް ވާންޖެހޭ ތައްޔާރީތައްކަމަށެވެ. އޭގެތެރޭގައި ޓެކްނިކަލް ގޮތުން ވާންޖެހޭ ތައްޔާރީތައް ކުރިއަށްދާކަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ކުށްވެރިންގެ ފައިގައި އެޅުވުމަށް ބޭނުންވާ ޓެގް ރާއްޖެ ގެނެސްފައިވަނީ އަމިއްލަ ބަޔަކާއި ހަވާލުކޮށްގެންނެވެ. މޮނިކޮން ޓެގް ރާއްޖެ ގެނައުމަށް ބަޔަކު ހޯދުމަށް ހޯމް މިނިސްޓްރީން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ 100 މީހުންގެ ފައިގައި ޓެގް އެޅުވިނަމަވެސް ހާލަތަށް ބަލައި އެ ޢަދަދު އިތުރުކުރަން ޖެހިއްޖެނަމަ އެކަން ކުރައްވާނެކަމަށެވެ. ކުށްވެރިންގެ ފައިގައި ޓެގް އަޅުވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރުގެ ދަށުންނެވެ. އެ ޢަމުރަކީ ބޮޑެތި ކުށުގެ ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ބަލައި، ފާރަލުމަށް ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ހައި ކޯޓުން ނެރޭ އަމުރެކެވެ. ކުށްވެރިއެއްގެ ފައިގައި ޓެގް އެޅުވުމުން އެ މީހަކު ރަށެއްގައި ނުވަތަ ހުރި ތަނެއްގައި، ނުވަތަ ކުށުގެ އެއްވެސް މާހައުލެއްގައި ކުރެވޭ ކަންކަން ދެނެގަނެވޭނެއެވެ.

މީގެ ކުރިންވެސް ބޮޑެތި ކުށްތައް ކޮށްފައިވާ ބައެއް މީހުންގެ ފައިގައި ޓެގް އަޅުވާފައިވެއެވެ. އެކަން ކޮށްފައިވަނީ ހޯމް މިނިސްޓަރަކަށް ޢުމަރު ނަސީރު ހުންނެވިއިރުއެވެ. ނަމަވެސް ކުށްވެރިންގެ ފައިގައި އެޅުވުމަށް ރާއްޖެއަށް އޭރު ޓެގް ގެނެސްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މި މައްސަލާގައި އޭރުގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރުގެ މައްޗަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައެވެ.

ކޫށްވެރިންގެ ފައިގައި ޓެގް އެޅުވުމަށްފަހު މުޖުތަމައުއަށް ދޫކޮށްލިނަމަވެސް އެމީހުން މޮނިޓަރކުރަމުން ގެންދާނެއެވެ. އަދި ޓެގް އަޅުވާފައިވާ މީހުން، އެކަމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އެމީހުން އަނބުރާ ޖަލަށް ބަދަލުކުރާނެއެވެ.