ޚަބަރު

ފުރަަތަމަ 3 މަހު ލިބުނު އާމްދަނީ 30 އިންސައްތަ އިތުރު


މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހާއި އަޅާބަލާއިރު އިތުރުކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަަތަމަ 3 މަސް ދުވަހު ؛ލިބުނު އާމްދަނީ ވަަނީ 30 އިންސައްތަ އިތުރުވެފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.2 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު 5.5 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 30 އިންސައްތަ އިތުރު އަދަދެކެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި އެކި އެކި ޓެކްސްގެ ގޮތުގައި ދައުލަތަށް 5.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ލިބުނު 4.2 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 26 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.9 ބިލިއަން ރުފިޔާއެވެ. މިއީވެސް މިދިޔަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހާއި އަޅާބަލާއިރު 72 އިންސައްތަ އިތުރު އަދަދެކެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު ފުރަތަމަ 3 މަސްދުވަހު ދައުލަތުގެ ހަރަދުތައް ހުރީ 8.9 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ ފުރަަތަމަ 3 މަސްދުވަހުގެ ތެރޭގައި ދައުލަތުން ކުރި ހަރަދުތަކާއި އަޅާބަލާއިރު 25 އިންސައްތަ އިތުރު އަދަދެކެވެ. ދައުލަތުގެ ހަރަދު 8.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެތެރެއިން 6.5 ބިލިއަން ރުފިޔާއަކީ ދައުލަތް ހިންގުމުގެ ހަރަދެވެ. ދައުލަތް ހިންގުމުގެ ހަރަދުގެ ތެރެއިން 2.7 ބިލިއަން ރުފިޔާ ސަރުކާރުގެ މުސާރަތަކަށް ހަރަދުވެފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ކެޕިޓަލް ހަރަދުގެ ގޮތުގައި 2.3 ބިލިއަން ހަރަދުކޮށްފައިވާއިރު، އޭގެތެރެއިން ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވަނީ އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތަކަށެވެ.

ކޯވިޑަށްފަހު ދައުލަތަށް ލިބެމުންދާ އާމްދަނީ އިތުރުވަމުންދާއިރު، މިއަހަރަކީ ރާއްޖޭގެ އިޤްތިޞާދު ކޯވިޑަށްފަހު ބާރަށް ކުރިއަރައިގެންދާނެ އަހަރެއްކަމަށް އޭޑީބީ، ވޯލްޑް ބެންކު އަދި އައިއެމްއެފްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މާލީ އިދާރާތަކުން ލަފާކުރާގޮތުގައި ރާއްޖޭގެ އިޤްތިޞާދު 8 އިންސައްތައާއި 11 އިންސައްތައާ ދެމެދުގެ އަދަދަކުން ކުރިއަރައިގެންދާނެއެވެ. އަދި ރާއްޖެ ވެގެންދާނީ އޭޝިޔާ ސަރަހައްދުގައިވެސް އެންމެ ބާރަށް ކުރިއަރައިގެންދާނެ އިޤްތިޞާދަކަށް މާލީ އިދާރާތަކުން ބުނެއެވެ.