ކުޅިވަރު

ޕޮލިސް ކުލަބުން ރައީސް އޮފީސް ބަލިކޮށްފި


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕްބޯލް މުބާރާތުގައި މީރާ އަދި ޕޮލިސް ކުލަބް ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި އެމްއެމްއޭ އާއި ބައްދަލުކޮށް 6 ވިކެޓްން މެޗު ކާމިޔާބުކުރީ މިރާގެ ޓީމެވެ.

އެމްއެމްއޭ އިން 8 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން 82 ލަނޑުހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 10 ލަނޑުހެދި އަބްދުއްރަސީދުއެވެ. މީގެ އިތުރުން މުހަންމަދު އުސޭދު އަދި އަލީ މުއާޒް ކޮންމެ އުކުންތެރިއެއް ދެވިކެޓްނެގިއެވެ. ޖަވާބުގައި މީރާ ކުޅެންއަރާ 6 ވަނަ އޯވަރުގައި 85 ލަނޑުހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑުހެދި މުހަންމަދު ޖިނާހް އަދި 27 ލަނޑުހެދި ކަމުރުލްއެވެ.

ހޮނިހިރު ދުވަހު ކުޅުނު ދެވަނަ މެޗު ރައީސް އޮފީސް ކުޅެންއަރާ އެންމެ ކުޅުންތެރިއެއް ނުބައިވެގެން 114 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނުީ 33 ލަނޑުހެދި މުންސިދު މުހަންމަދާއި 31 ލަނޑުހެދި ނައިބު ރައީސް ފައިސަލް ނަސީމެވެ. ޖަވާބުގައި ޕޮލިސް ކުލަބް ކުޅެންއަރާ 7 ވަނަ އޯވަރުގައި 115 ލަނޑުހަދާ މެޗު ކާމިޔާބުކުރިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ރިމާހް އަދި ސާޒިންއެވެ. މިއިން ކޮންމެ އުކުންތެރިއެއް އެއްވިކެޓް ނެގިއެވެ.

މި މުބާރާތުގައި އާދީއްތަ ދުވަހުވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުލަބް އިމިގްރޭޝަން އަދި ހަޔަ އެޑިއުކޭޝަން އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އެމްއާރްސީ އާއި ޔޫތް މިނިސްޓްރީއެވެ.