ޚަބަރު

މަސްދުވަސްތެރޭ 300ވުރެ ގިނަ އެނދު ފަތުރުވެރިކަމަށް


މަސްދުވަސްތެރޭ އިތުރު 300 ވުރެ ގިނަ އެނދު ފަތުރުވެރިކަމުގެ ވިޔަފާރީއަށް ނެރެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ "ޓޫރިޒަމް އަޕްޑޭޓު" ރިޕޯޓުގައިވާގޮތުން މިމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް 970 ޓޫރިސްޓް ފެސިލިޓީއަކުން 54662 އެނދުވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މިއަދަދު މީގެ މަސްދުވަސްކުރިން ހުރީ 54340 ގައެވެ. އެހެންކަމުން އެއް މަސްދުވަސްތެރޭ 322 އެނދުވަނީ ފަތުރުވެރިކަމަށް އަލަށް ނެރެފައެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް 54662 އެނދު އޮޕަރޭޝަނަށް ނެރުނުއިރު މީގެތެރޭގައި ހިމެނެނީ 164 ރިސޯޓަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 39064 އެނދާއި، 656 ހޮޓާ އަދި ގެސްޓުހައުސްތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 12644 އެނދުގެ އިތުރުން، 150 ސަފާރީއަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2954 އެނދެވެ.

ރާއްޖޭގައި 1171 ޓޫރިސްޓު ފެސިލިޓީއަކުން 60193 އެނދު ރަޖިސްޓްރީކޮށްފައިވާކަން ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގައި އޮޕަރޭޝަނަށް ގެންނަ އެނދުގެ އަދަދު އިތުރުވަމުން އަންނައިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. މިމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 498235 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 342762 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 45.3 އިންސައްތަ އިތުރު އަދަދެކެެވެ.

ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5133 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.