ކުޅިވަރު

ޖެނޯއާ ބަލިކޮށް މިލާނުން ލީޑު ދަމަހައްޓައިފި


އިޓާލިއަން ސެރިއާގައި ތާވަލްގެ އެއްވަނައިގާ އުޅޭ އޭސީ މިލާނާއި ގެނޯއާ ބައްދަލުކުރި މެޗު މިލާން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގާ އެޓީމަށް ލިބިފައިވާ ލީޑު ދަމަހައްޓައިފިއެވެ.

މިލާންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާނުންނެވެ. މިމެޗްގައި އެޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 11ވ ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަފައެލް ލިއާއޮއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހާދިނީ ޖޫނިއަރ މަސިއަސްއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.

މިކާމިޔާބީއާއެކު މިލާނަށް މިހާރުވަނީ ކުޅުނު 33 މެޗުން 71 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގާ އުޅޭ އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާނަށް ލިބިފައިވަނީ 32 މެޗުން 69 ޕޮއިންޓެވެ. އެހެން ކަމުން މިވަގުތު މިލާން އެއްވަނައިގާ އޮތް ނަމަވެސް އިންޓަރއަށް އެއްވަނައަށް އެރުމުގެ ފުރުސަތު އަދި އެބައޮތެވެ.