ވިޔަފާރި

ބީއެމްއެލްގެ ހިއްސާގެ ފައިދާ ބަހަނީ


ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ހިއްސާ ދޫކުރަން ފަށައިފިއެވެ. މި ފަހަރު ހިއްސާގެ ގޮތުގައި ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާއަކަށް 13 ރުފިޔާއެވެ.

ބީއެމްއެލްގެ ހިއްސާގެ ފައިދާގެ ގޮތުގައި 69،964،960 (ފަސްދޮޅަސް ނުވަ މިލިއަން ނުވަސަތޭކަ ފަސްދޮޅަސް ހަތަރުހާސް ނުވަސަތޭކަ ފަސްދޮޅަސް) ރުފިޔާ ބަހަން ވަނީ ފާސްކޮށްފައެވެ. ބީއެމްއެލްގެ ހިއްސާގެ ބަހަން ނިންމާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ބޭންކުގައި ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ.

ހިއްސާދާރުންގެ ތެރެއިން ބޭންކަށް އަންގަންޖެހޭ މުހިއްމު އެންގުތައް އަންގާފައިވާ ފަރާތްތަކަށް މިހާރު ހިއްސާ ޖަމާކޮށްދީފައިވާކަމަށް ބީއެމްއެލުން ބުނެއެވެ. އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު ބުނާގޮތުން ހިއްސާ ޖަމާކުރެވޭނީ އެމީހަކު ވަޒަންވެރިވެފައިވާ ތަނެއް ބޭންކަށް އެންގުމުންނެވެ. ބޭންކުން ވަނީ އެ މައުލޫމާތުތައް މިހާތަނަށް ފޮނުވާފައި ނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ބޭންކަށް އެކަން އެންގުމަށް އެދިފައެވެ.

ބޭންކުން ވަނީ ހިއްސާދާރުންގެ ތެރެއިން މިހާތަނަށް އެމީހަކު ވަޒަންވެރިވެފައިވާ ތަން ނާނގާ ވާ ފަރާތްތަކުން އެ މައުލޫމާތުތައް މި އަހަރުގެ އޮގްސްޓްގެ ނިޔަލަށް ބޭންކަށް ހުށައެޅުމަށް އެދިފައެވެ. އަދި އެ މުއްދަތުގައި އެ މައުލޫމާތުތައް ނުފޮނުވާ ފަރާތްތަކަށް ހިއްސާގެ ފައިސާ ޖަމާވާނީ ވިތްހޯލްޑިން ޓެކްސް އުނިކުރުމަށްފަހުކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުތަކަށް ބަލާއިރު ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.7 ބިލިއަށް ރުފިޔާ ވަނީ ލިބިފައެވެ. އަދި އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއީ ކޯވިޑުގެ ބަލިމަޑުކަމާ ގުޅިގެން ކޮށްފައިވާ ނޭދެވޭ އަސަރާއެކު ލިބުނު ގެއްލުމުން އަރައިގަތުމުގައި ރަނގަޅު ކުރިއެރުމެއް ހޯދައި، ޢާމްދަނީ ލިބޭ މައިގަނޑު ދާއިރާތަކުން އަންދާޒާ ކުރެވުނު ވަރަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދައިގެން ލިބުނު ކުރިއެރުމެއްކަމަށް ބީއެމްއެލުން ހާމަކުރެއެވެ. އަދި ދައްކަންޖެހި ނުދައްކާ އޮތް ލޯނަކަށް ތިންވަނަ ކުއާޓަރގައި އެއްފަހަރާ ލިބުނު ފައިސާ ހިމެނޭހެން ހޯދުނު ނަތީޖާއެއްކަމަށްވެސް ބީއެމްއެލުން ވިދާޅުވެއެވެ.