ޔޫކްރެއިނުގެ ވެރިރަށް ކިޔޭވަށް ރަޝިޔާގެ ފައުޖުތަކުން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.
ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ކިޔޭވަށް ކުރޫސް މިސައިލުން ޙަމަލާދީފައިވާނެކަމަށާއި އެ ޙަމަލާތައް ޢަމާޒުކޮށްފައިވަނީ މިސައިލް އުފައްދާ ކާރުޚާނާއަކަށްކަމަށެވެ. އެ ތަނުގައި ކަނޑު އުޅަނދުފަހަރަށް ޙަމަލާދިނުމަށް ބޭނުންކުރާ މިސައިލުވެސް އުފައްދާކަމަށްވެއެވެ. ބެލެވޭ ގޮތުގައި ކިޔޭވަށް ވަރުގަދަ ޙަމަލާތަކެއް ދީފައިވަނީ ޔޫކްރެއިނުން ދިން މިސައިލު ޙަމަލާއެއްގައި ކަޅު ކަނޑުގައި ޙަރަކާތްތެރިވާ ރަޝިޔާގެ އެންމެ ބޮޑު އަދި ޒަމާނީ މަނަވަރު ފެތުމުންނެވެ. އެއީ ފާއިތުވި ހަތް ހަފުތާގެ ތެރޭގައި ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ޔޫކްރެއިނަށް ހޯދުނު އެންމެ އެދެވޭ ކާމިޔާބު ޙަމަލާއެވެ. ރައްދުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިންވަނީ އަލުން ކިޔޭވަށް ވަރުގަދަ ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރުދީފައެވެ.
މީގެ ދެ ހަފުތާކުރިން ކިޔޭވަށް ޙަމަލާދިނުން ހުއްޓާލައި އެ ސަރަޙައްދުން ރަޝިޔާގެ ފައުޖުތައް ފަހަތަށް ޖެހިފައިވަނީ ދެ ޤައުމުގެ ދެމެދުގައި ދާޢިމީ ޞުލްޙައެއް ޤާއިމުކުރުމަށް ކުރަމުންދާ މަޝްވަރާތަކަށް ޖާގަދިނުމަށެވެ. ނަމަވެސް ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިން ވިދާޅުވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ކުރަމުންދިޔަ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާކަމަށާއި ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރެވިދާނެކަމަށް ނުބެލެވޭކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި ޔޫކްރެއިނުގެ އިރުދެކުނު ސަރަޙައްދުތަކަށް ރަޝިޔާއިން ދެމުންދާ ޙަމަލާތައްވަނީ ވަރުގަދަކޮށްފައެވެ. އެ ޙަމަލާތަކުގައި އަވަށްޓެރި ޤައުމުތަކުން ޔޫކްރެއިނަށް ފޮނުވާފައިވާ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި އެ ޤައުމުގައި ޙަރަކާތްތެރިވާ ކުލީ ސިފައިންނަށްވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައެވެ. އަދި ރަޝިޔާއިންވަނީ ދިގުރާސްތާގެ ބޮންއަޅާ މަތިންދާބޯޓު ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށައި ޔޫކްރެއިނުގެ ދެކުނުގައި އޮންނަ މެރިއުޕޯލަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.
އދން ބުނެފައިވާ ގޮތުގައި ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާއިން ޙަމަލާދޭން ފެށުމުން ޔޫކްރެއިނު ދޫކޮށް ފަސް މިލިޔަނަށްވުރެ ގިނަ ޢާއްމުން ހިޖުރަކޮށްފައިވާކަމަށެވެ.