ޚަބަރު

އެކަނިވެރިމައިންނަށް ދޭ އެލަވަންސް ތިންހާހަށްވުރެ ގިނަ މީހުނަށްދޭ


އެކަނިވެރި މައިންނާއި ބަފައިންނަށް ދެމުންދާ އިނާޔަތަށް އެދި މަހެއްގެ މައްޗަށް ސަތޭކަ އެއް ހާ މީހުން އެދެމުންދާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރައްވައިފިއެވެ.

މިއެހީ މިހާރު ތިންހާހަށްވުރެ ގިނަ މީހުންނަށް ދޫކުރެއެވެ.

އެންސްޕާއިން ދެއްވާ އެހީތަކަށް އެދި ހުށަހަޅާ ފޯމަށް ގެންނެވި ބަދަލާއި ގުޅޭގޮތުން ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި މަޢުލޫމާތުދެއްވަމުން އެންސްޕާގެ ޕްރޮޖެކްޓް ޑިރެކްޓަރ މުޙައްމަދު އިސްމާއީލް ފުޅު ވިދާޅުވީ، އެކަނިވެރި މައިންނާއި ބަފައިން ބަލަހަައްޓާ ކުދިންނަށް ދެވޭ، އިނާޔަތުގެ ފޯމާއި ފަޤީރު ހާލުގައި ދިރިއުޅޭ ޤާނޫނީ ގޮތުން ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓާ ކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތަށް ދޭ އެހީއަށް އެދި ހުށަހަޅާ ފޯމަށް ބަދަލުތައް ގެނައީ، އެ އިނާޔަތް އެންމެ ޙައްޤުވާފަރާތްތަކަށް ދިނުމަށްޓަކައި ފޯމް ހުށަހަޅާ ފަރާތްތަކަށް ފަސޭހައިން ފޯމް ފުރުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ކަމަށެވެ. ފޯމަށް ގެނައި ބަދަލުގެ ސަބަބުން މަޢުލޫމާތު އެއްކުރުމަށް އެންސްޕާއަށްވެސް ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، އެހެން ނަމަވެސް ލިބެންޖެހޭ އެއްވެސް މަޢުލޫމާތެއް އުނިވެގެން ނުދާނެކަމަށް މުޙައްމަދު އިސްމާއީލް ވިދާޅުވިއެވެ.

" ފޯމްގައި މިހާރު ފުރަންޖެހޭ އެއްވެސް މަޢުލޫމާތެއް މަދެއް ނުވާނެ. ހުރިހާ މަޢުލޫމާތެއް ލިބޭނެ. އެކަމަކު ކުރިންވެސް ހޯދި ހުރިހާ މަޢުލޫމާތު މި ޝީޓުން ލިބިގެންދާނެއެވެ." މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.

އެންސްޕާއިން ދެމުންދާ އެކި އެކި އިނާޔަތްތަކަށް އެދި ދުވާލެއްގެ މައްޗަށް ސަތޭކައަށްވުރެ ގިނަ ފޯމް ހުށަހެޅޭކަމަށް އެންސްޕާއިން މަޢުލޫމާތުދެއްވައެވެ. މީގެ ތެރެއިން އެކަނިވެރި މައިން އަދި ބަފައިންނަށް ދެވޭ އިނާޔަތަށް އެދި މަހަކު ސަތޭކަވަރަށް މީހުން ހުށަހަޅާކަމަށްވެސް އެންސްޕާއިން މަޢުލޫމާތުދެއްވައެވެ.

މިހާތަނަށް އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެލަވަންސް ތިންހާހަށްވުރެ ގިނަ މީހުނަށް އެންސްޕާއިން ދޫކުރެއެވެ. އަދި ފަޤީރު ހާލުގައި ދިރިއުޅޭ ޤާނޫނީ ގޮތުން ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓާ ކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތަށް ދޭ އެހީ އެއްހާހަށްވުރެ ގިނަ މީހުނަށް ދޫކުރެއެވެ.