ކުޅިވަރު

އޯލްޑް ޓްރެފަޑް ތަރައްގީކުރުމުގެ މަސައްކަތް ޓޮޓެންހަމުގެ ސްޓޭޑިއަމް ފަރުމާކުރި އާކިޓެކްޓުންނަށް


އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑުގެ ސްޓޭޑިއަމް ކަމަށްވާ އޯލްޑް ޓްރެފަޑް ތަރައްގީކުރުމުގެ މަސައްކަތް ޓޮޓްނަމް ހޮޓްސްޕާގެ ސްޓޭޑިއަމް ފަރުމާކުރި އާކިޓޭކްޓުންނާ ހަވާލުކުރުމަށް ނިންމައިފިއެވެ
.
އެގޮތުން އޯލްޑް ޓްރެފަޑް އަލުން ތަރައްގީކޮށް މިހާރަށްވުރެ ގިނަ މީހުންނަށް ކުޅިބެލުމުގެ އިންތިޒާމު ހަމަޖެއްސޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ހަވާލުކޮށްފައިވަނީ އާކިޓެކްޓް ފާމެއް ކަމަށްވާ ޕޮޕިއުލަސް އަދި މެނޭޖްމަންޓް ކޮންސަލްޓަންޓުން ކަމަށްވާ ލެޖަންޑްސް އިންޓަނޭޝަނަލް އާއެވެ. މި ދެ ކުންފުނިންވަނީ 2019 ވަނަ އަހަރު ހުޅުވި 63 ހާސް މީހުންގެ ޖާގައިގެ ސްޕާސް ސްޓޭޑިއަމުގެ މަސައްކަތުގައި އެއްކޮށް މަސައްކަތް ކޮށްފައެވެ.

އޯލްޑް ޓްރެފަޑް އަކި މިވަގުތު 74 ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ޔުނައިޓެޑުން ހާމަކުރިގޮތުގައި ސްޓޭޑިއަމް ތަރައްގީކުރުމުގެ މަސައްކަތް ވަގުތުން ކުރިއަށް ގެންދެވިގެންދާނެއެވެ.

މިދިޔަ މަހު ޚަބަރުތައް ފެތުރިގެން ދިޔަ ގޮތުން އޯލްޑް ޓްރެފަޑް ތަރައްގީކުރުމަށް އެ ކުލަބުން ގިނަ ކަންތައްތަކަކާ މެދު އަންނަނީ ވިސްނަމުންނެވެ. އެގޮތުން އެ އެސްޓޭޑިއަމް ތަޅާލުމަށްފަހު އައު ސްޓޭޑިއަމެއް އެޅުންވެސް ހިމެނެއެވެ. އޯލްޑް ޓްރެފަޑުގެ ތިން ފަޅިއެއްވަނީ ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ތަރައްގީކޮށްފައެވެ. ނަމަވެސް ސައުތު ސްޓޭންޑް ފަޅި ބޮޑުކުރުމުގައި މައްސަލަތަކެއްވަނީ ކުރިމަތިވެފައެވެ.
އޯލްޑް ޓްރެފަޑުގެ އިތުރުން ޔުނައިޓެޑުގެ ޓްރެއިނިން ފެސިލިޓީ އެންމެ ޒަމާނީ ފެންވަރުގެތާކަށް ހެދުމަށްވެސް އެ ކުލަބުން މިހާރު ވަނީ ނިންމާފައެވެ. އެ މަސައްކަތް އެ ކުލަބުން ހަވާލުކޮށްފައިވަނީ ކޭ.އެސް.އެސް ކިޔާ ކުންފުންޏަކާއެވެ.