ޚަބަރު

ރާއްޖޭގެ 7 ރަށެއްގައި ހޮސްޕިޓަލް ޤާއިމްކުރަން ކުވައިތު ފަންޑުގެ އެހީ ލިބިއްޖެ


ރާއްޖޭގެ 7 ރަށެއްގައި ހޮސްޕިޓަލް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް ކުވައިތު ފަންޑުން ދިނުމަށް ހަމަޖެހިފައިވާ އެހީ، މިހާރު ރާއްޖެއަށް ލިބިފައިވާކަމަށް މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކުރީ މި ހިނގާ އޭޕްރީލް 6 ވަނަ ދުވަހުއެވެ.

މި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހދ. ހަނިމާދޫއާއި ށ.މިލަންދޫއާއި ނ.ވެލިދޫއާއި، ކ.ތުލުސްދޫއާއި، އދ.މާމިގިލީއާއި ވ.ފެލިދޫގެ އިތުރުން ތ.ވިލުފުށްޓެވެ. މި ޕްރޮޖެކްޓްތައް ހިންގަނީ "ދަ ކުވެއިތް ފަންޑް ފޮރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް"ގެ އެހީގައެވެ.

މި މަސައްކަތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ ޕްރޮޖެކްޓްގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ދޭކަމަށާއި ކުވައިތު ފަންޑުގެ ފަރާތުން ދޭންޖެހޭ އެހީއާއި ގުޅޭ މަސައްކަތްތައްވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

"ކުވައިތް ފަންޑުގެ އެހީގައި ރާއްޖޭގެ 7 ސަރަޙައްދުގައި ޕްރޮޖެކްޓް އެބަ ހިންގޭ. މި ހޮސްޕިޓަލްތައްކުގެ މަސައްކަތަށް ކުވައިތް ފަންޑުން ލިބެންޖެހޭ އެހީ މިހާރުވަނީ ލިބިފައި." ހެލްތް މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް މިއަހަރު ފެށުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.

7ރަށުގެ ހޮސްޕިޓަލް މަޝްރޫޢުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިހާރު ވަނީ އިޢުލާންކޮށްފައެވެ. މި ޕްރޮޖެކްޓަށް ބިޑް ހުޅުވުން އޮންނާނީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ ސިއްޙީ ނިޒާމަށް ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ 5 ސަރަޙައްދުގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އާބާދީ އިތުރުވަމުން އަންނަ ރަށްރަށުގެ ސިއްޙީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލުކުރުމާއި، އަދި އެކި ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގެ އެކްސްޓެންޝަން މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.