ވިޔަފާރި

ބީސީސީގެ އެހީތެރިކަން މިހާތަނަށް 4300 އަށްވުރެ ގިނަ ވިޔަފާރިއަކަށް


ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއަކީ 2017 ވަނަ އަހަރު އުފައްދާފައިވާ ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏެކެވެ. 2017 ވަނަ އަހަރު ބީސީސީ އުފެއްދިނަމަވެސް ބީސީސީގެ މަސައްކަތްތައް ބާރު ސްޕީޑްގައި ފަށައި ކުރިއަށްދާން ފަށާފައިވަނީ 2019 ވަނަ އަހަރުގެ މެދުތެރޭގައެވެ.

އެންމެ ފުރަތަމަ ބީސީސީގެ މެންޑޭޓްގައި ހިމެނެނީ ރާއްޖޭގެ އެކި ސަރަހައްދުގައި ޤާއިމްވެފައިވާ ބިޒްނަސް ސެންޓަރތައް ހިންގުމެވެ. ރައްޔިތުންނާއި ގާތުން ޙިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިވަގުތު ރާއްޖޭގެ 11 ސަރަހައްދުގައި ބިޒްނަސް ސެންޓަރުތައް އަންނަނީ ހިންގަމުންނެވެ. ބިޒްނަސް ސެންޓަރުތަކުގެ އެންމެ މުހިންމު މަގްސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކޮށް އެކަހަލަ ޕްރޮގްރާމްތައް ހިންގުމެވެ.

ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީސީސީގެ ފަރާތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރޭގައި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބީސީސީގެ ޗީފް ކޮމާޝަލް އޮފިސަރ ސާމިހް އާދަމް ވިދާޅުވީ، ވިޔަފާރިއެއް ފަށައިގަންނަ އިރު ވަރަށް މޮޅު ޙިޔާލެއް އޮވެދާނެކަމަށެވެ. ނަމަވެސް އެ ވިޔަފާރި ފަށައި ކުރިއެރުވުމުގައި ވިޔަފާރި ހިންގުމުގެ މައުލޫމާތު ބޭނުންވާކަމަށާއި ގިނަފަހަރު މީހުންނަށް ވިސްނިފައި އޮންނަނީ ވިޔަފާރިއެއް ފަށަން ބޭނުންވަނީ ފައިސާކަމަށް އޭނާ ވިދާޅުވިއެވެ.

ސާމިހު ވިދާޅުވީ، ވިޔަފާރިތަކަށް ކޮންސަލްޓަންސީގެ ޙިދުމަތް ދިނުމަކީ ރީޖަނަލް ބީސީސީ ތަކުންނާއި އަދި މާލޭގައި ގާއިމްވެފައިވާ ހެޑް އޮފީހުންވެސް ވަރަށް ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއްކަމަށެވެ. އެގޮތުން މިހާތަނަށް 4300 އަށްވުރެ ގިނަ ވިޔަފާރިއަކަށް ބީސީސީއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

"އަޅުގަނޑުމެން ހުރިހައި ބޭފުޅުންނަށްވެސް ދޭންވޭނުންވާ މެސެޖެއް އެއީ އަޅުގަނޑުމެން އެބަދެމޭ ކޮންސަލްޓެންސީ ސަރވިސް. ފަށައިގަންނަ ވިޔަފާރިތަކުން އަދި ފަށައިގެންވެސް ވިޔަފާރި ކުރިއަރުވަންވެސް ހުރި ހިސާބުގައި ނުހުރެ އިތުރަށް ދެން ތަރައްޤީ ކުރެވޭނީ ކިހިނެތްތޯ. މިކަންކަމުގައި އެޑްވައިޒެއް ބޭނުންވާކަމުގައި ވަންޏާ ބީސީސީގެ ދޮރު މިހުރީ ހަމަ އާންމު ރައްޔިތުންނަށް ހުޅުވާލެވިފައޭ. ރީޖަނަލް ބީސީއަކަށް، ނުވަތަ މާލޭގައިވެސް އަޅުގަނޑުމެންގެ ވެބްސައިޓް މެދުވެރިކޮށް ކޮންސަލްޓެންސީ ސެޝަންތައް ބުކް ކޮއްލެވޭނެ ހަމަ ބޭނުންފުޅުކަމަށްވަންޏާ. މި ޝެޝަންތައް ވަރަށް ބޭނުންތެރިވެގެންދާނެ ވިޔަފާރިތައް ފަށައިގެން ދެން ކުރިއަށްދާންވީ މިސްރާބު ދެނެގަތުމަށްޓަކައި" ސާމިހް ވިދާޅުވިއެވެ.

ބީސީސީން ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަން ހޯދުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދޭ ޙިދުމަތެކެވެ. އެހެންކަމުން ބޭނުންވާ ކޮންމެ ވިޔަފާރިއަކަށްވެސް މި ޙިދުމަތައް އެދެވޭނެއެވެ. ރާއްޖޭގެ 11 ސަރަހައްދެއްގައި ބީޒްނަސް ސެންޓަރުތައް ޤާއިމްވެފައިވާއިރު މާލެއެކޭ އެއްގޮތައް މި ސެންޓަރުތަކުންވެސް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.