ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން، ސިންގަޕޫރަށް


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅުގެ ތަފްސީލެއް ރައީސް އޮފީހަކުން ހާމައެއް ނުކުރައްވައެވެ.

ރައީސްގެ ދެކަނަބަލުންވަނީ މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުވެސް ސިންގަޕޫރަށް ވަޑައިގެންފައެވެ. އެފަހަރު ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ވަޑައިގަތީ ރައީސްގެ ތައިރޮއިޑްގެ ސާޖަރީއަކަށެވެ. ތައިރޮއިޑްގެ އޮޕަރޭޝަން ކުރެއްވީ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ. 3 ގަޑިއިރަށް ކުރިޔަށް ދިޔަ ސާޖަރީއަށްފަހު ރައީސް ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ އޭގެ ހަތަރު ދުވަސްފަހުންނެވެ. އަދި ފަރުވާއަށްފަހު އެނބުރި ރާއްޖޭ ވަޑައިގެންނެވީ މާރިޗު މަހު 06 ގައެވެ.

ފަރުވާއަށްފަހު ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރަސްމީ ކަންތަކުގައި ބައިވެރިވެޑައިގެންފައެވެ. އަދި ބައެއް ރަސްމީ ދަތުފުޅުތަކުގައި ބައެއް ރަށްރަށަށްވެސް ވަޑައިގެންފައެވެ.

މި ދަތުރުފުޅުތަކުން ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން، ތައިރޮއިޑް އޮޕަރޭޝަނަށް ފަހު 6 ނުވަތަ 7 ހަފްތާ ވަންދެން ވާހަކަ ނުދައްކަވަން ޑޮކްޓަރުން އިލްތިމާސްކޮށްފައިވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ދަތުރަށްފަހު ރާޢްޖެ ވަޑައިގެން ފުރަތަމަ ފަހަރަށް ޤައުމާއި މުހާތަބުކުރައްވަމުން ރައީސް ވަނީ އެމަނިކުފާނުހެ ހާލުކޮޅު ރަނގަޅުކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނަށް ހެޔޮ ދުއާކޮށްދެއްވި ހުރިހާ ފަރާތްތަކަށް އެމަނަިކުފާނު ވަނީ އިހްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވާފައެވެ.