މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗުގެ ފަހު ވަގުތު ޖެހި ލަނޑުތަކާއެކު ދިވެހި ސިފައިންގެ ކުލަބުން މޯލްޑިވްސް ސޮކަ މޭޓްސްއާ އެއްވަރުކޮށްފިއެވެ.
އެފްއޭއެމުގެ އެއް ނަމްބަރު ޓާފު ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 4-4 ގެ ނަތީޖާއަކުންނެވެ.
މި މެޗުން މޮޅުވެގެން، ލީގުގެ ކުރީގައި އޮތް ހުޅުމާލެ ވެޓެރަންސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު ސޮކަ މޭޓްސްއަށް އޮތެވެ. އެކަމަކު، ފަހު ވަގުތު ސިފައިން ދެ ލަނޑުޖަހައި، އެއްވަރުކުރުމުން ސޮކަ މޭޓްސްއަށް މި ވަނީ މުހިންމު ޕޮއިންްޓްތަކެއް ގެއްލިފައެވެ
ލީގު ބުރުގެ އެއް ވަނައިގައި އޮތް ހުޅުމާލެ ވެޓެރަންސް ކްލަބާއި ދެ ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. ހުޅުމާލެ ވެޓެރަންސްއަށް ފައިދާ ލަނޑުން ކުރި ލިބެނީ ދަ ގްރާންޑޭއަށް ވުރެ އިތުރަށް ފައިދާ ލަނޑުގެ ގޮތުގައި ތިން ލަނޑު އޮތުމުންނެވެ. ތިން ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ސޮކަ މޭޓްސްއެވެ.
މި މެޗުގެ 11 ވަނަ މިނިޓްގައި އަހުމަދު ފަޒަލް ޖެހި ލަނޑުން ސިފައިން ލީޑުނެގިއެވެ. ސޮކަ މޭޓްސް އިން ލަނޑަށް ފަހު ކުޅުން ރަނގަޅުކޮށް، ނަތީޖާ ހަމަހަމަކުރިއެވެ. މި ލަނޑު މެޗުގެ 23 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު މަމްދޫހުއެވެ. އެކަމަކު، އޭގެ މިނިޓެއް ފަހުން ފަޒަލް ވަނީ އިތުރު ލަނޑެއް ޖަހައި، ހާފު ނިމުމުގެ ކުރިން ސިފައިންނަށް އަލުން ލީޑުނަގައިދީފައެވެ.
ދެ ވަނަ ހާފަށް ނުކުމެ، ސޮކަ މޭޓްސް އިން ވަނީ އަށް މިނިޓް ތެރޭ ދެ ލަނޑު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފައެވެ. މި ލަނޑުތައް ޖެހީ ސޮކަ މޭޓްސްގެ ކެޕްޓަން އައްސަދު އަބްދުލް ޣަނީ އާއި މަމްދޫހުއެވެ. އަދި މެޗުގެ 50 ވަނަ މިނިޓްގައި އަލީ ނާސިފް ވަނީ ސޮކަ މޭޓްސްއަށް ހަތަރު ވަނަ ލަނޑު ޖަހައިދީ، އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ. މުޅި މެޗުގައި ވެސް ތަފާތު ހިތްވަރެއްގައި ކުޅުނު ސިފައިން ވަނީ ފަހު ވަގުތު ދެ ލަނޑު ޖަހައި އެއްވަރުކޮށްފައެވެ. މެޗު ނިމެން އެއް މިނިޓަށް ވެފައި ހުއްޓައި، ފަޒަލް ވަނީ ލަނޑެއް ޖަހައި ސިފައިންނަށް އުންމީދެއް ހޯދައިދީފައެވެ. އަދި އިތުރު ވަގުތުގައި އަހުމަދު އިރުފާން ވަނީ ލަނޑެއް ޖަހައި، ސިފައިންނަށް ޕޮއިންޓެއް ހޯދައިދީފައެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ޓީމުގެ ފަޒަލް އެވެ.
ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ. މުބާރާތް ކުރިއަށްދަނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ
މުބާރާތުގައި ދެން މެޗެއް އޮންނާނީ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ކުޅޭނީ ލީގުގެ ކުރީގައި އޮތް ދެ ޓީމު ކަމަށްވާ ހުޅުމާލެ ވެޓެރަންސް އާއި ދަ ގްރާންޑޭއެވެ. މެޗު ފަށާނީ 16:30 ގައެވެ.