ޚަބަރު

"ހިތްހަމަޖެހިގައިވާ ނަފްސެއްގެ ވެރިއަކަށްވުމަށް ގަދައަޅާ މަސައްކަތް ކުރޭ"


ނަފްސަށް ގެއްލުންވާ ފަދަ ކަންކަން ނުކުރުމަށާއި ހިތްހަމަޖެހިފައިވާ ނަފްސެއްގެ ވެރިއަކަށްވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ޑރ.އަނާރާ ނަޢީމް އިލްތިމާސްކުރައްވައިފިއެވެ.

ޑރ.އަނާރާ މިފަދައިން އިލްތިމާސް ކުރެއްވީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 5 ވަނަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

”ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން” މި މަޢުޟޫއަށް އިޙްޔާ ފޯރަމްގައި ވާހަކަދައްކަވަމުން އަނާރާ ވަނީ އިންސާނާގެ ނަފްސް ރައްކާތެރިކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަދައްކާފައެވެ. މިގޮތުން ކީރިތި ޤުރުއާނުގައި ނަފްސް 3 ބަޔަކަށް ބެހިގެންވާކަން އަންގަވާފައިވާކަން ފާހަގަކުރައްވާ އަނާރާ އިންސާނާގެ ނަފްސަކީ ޠާހިރު އެއްޗަކަށް ހެދުމަށާއި ނަފްސް ރައްކާތެރިކުރުމަށް ގޮވާލައްވާފައެވެ. އަދި އިންސާނާ ކުރާ ކޮންމެ ކަމެއް ކުރުމުގެ ކުރިން ވިސްނާލުމަށާއި ކުރާ ކޮންމެ ހެޔޮކަމަކީ އަޅުކަމެއްކަމަށާއި އެކަމުން އެތަކެއް ޡަވާބު ހުރިކަން އަނާރާ ފާހަގަކުރެއްވިއެވެ.

އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ މާތް ﷲ އަޅުގަނޑުމެންނަށް ދެއްވި އަމާނާތެއްކަމަށާއި ނަފްސް ހިމާޔާތްކޮށް ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް އަނާރާ ވިދާޅުވިއެވެ. އަދި ތިމާގެ ނަފްސްގެ އިތުރަށް އެހެން މީޙުންގެ ނަފްސް ހިމާޔަތް ކުރުމަށްޓަކައި މަސައްކަތް ކުރުމަށް އަނާރާ އިލްތިމާސްކުރެއްވިއެވެ. އަނާރާ ވަނީ އެއް މުސްލިމަކު އަނެއް މުސްލްގެ ހައްޤުތައް ރައްކާތެރިކުރުމަށާއި މުޅީ އިންސާނިއްޔަތަށް އިޙްތިރާމް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

"ދިރާސާތަކަށް ބަލާއިރު ޒުވާނުން އަމިއްލައަށް މަރުވަނީ އަމިއްލަ ނަފްސަށް ގެއްލުން ދީގެން އެހެންމީހެއް ނަފްސަށް ގެއްލުންދިނުމަކީވެސް ހަރާންކަމެއް."މީހަކު ނެތްތަނަކު އެމީހެއްގެ ންފސް ރައްކަތެރިކުރުން. ނުބައި ނިޔަތެއް ހިތުގައި ނުލުން. ހިތް ސާފު ކުރުމަކީވެސް ވަރަށް މުހިއްމު ކަމެއް." ޑރ. އަނާރާ ނައީމް ވިދާޅުވިއެވެ.

އިޙްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުން ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވަނީ ނަފްސް ހިމާޔަތް ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވާފައެވެ. އަދި ނަފްސަށް ގެއްލުމެއް ދީފިނަމަ އަންނާނެ އަޒާބުގެ މައްޗަށްވެސް އަލިއުޅުވާލައްވާ ޒަކަރިއްޔާ ވާހަކަދެއްކެވިއެވެ.

ކޮންމެ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ބާއްވާ އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް 21:30 އިން 22:30 އަށެވެ. އާދިއްތަ އަދި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީ، އިސްލާމީ މަރުކަޒުގައެވެ.

ހުކުރު ދުވަހުގެ ރޭގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި އަތޮޅުތަކުގައެވެ. އެގޮތުން 8 އޭޕްރީލްގައި ކުޅުދުއްފުށި ސިޓީގައި އިޙްޔާ ފޯރަމް ވަނީ ބާއްވާފައެވެ. އަދި މާދަމާ އައްޑޫ ސިޓީގައި މި ފޯރަމް ކުރިއަށް ދާނެއެވެ. މިމަހުގެ 22 ވަނަ ދުވަހު ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރީލްގައި ރ. ދުވާފަރުގައި ފޯރަމް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.