ޚަބަރު

ޕާކިސްތާނުގެ އައު ސަރުކާރުން ސަބްސިޑީތައް ކަނޑާލަނީ


ޕާކިސްތާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމަށް އަޅައި ފިޔަވަޅުތަކުގެ ދަށުން އެ ޤައުމުގައި ދެމުންދާ ބައެއް ސަބްސިޑީތައް ކަނޑާލަން އެ ޤައުމުގެ އައު ސަރުކާރުން ނިންމައިފިއެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމުރާން ޚާނުގެ ސަރުކާރުންވަނީ ދުނިޔޭގައި ތެލުގެ އަގު މައްޗަށް ދިޔަ ނަމަވެސް އެ ޤައުމުގައި ވިއްކައި ޕެޓުރޯލާއި ކަރަންޓުގެ އަގުތައް ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. ނަމަވެސް ކޯވިޑް-19އާއި ޔޫކްރެއިނުގެ ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހީނަރުވެފައިވާ ޕާކިސްތާނުގެ އިޤްތިޞާދަށް އެ ނިންމުމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށްވަނީ ކޮށްފައެވެ. އެ ގޮތުން ޕާކިސްތާނުގެ އައު ބޮޑުވަޒީރު ޝާހުބާޒު ޝަރީފުގެ ސަރުކަރުން ބުނެފައިވަނީ އިމުރާން ޚާން މަޤާމުން ދުރުކުރަން ޖެހުނު މައިގަނޑު ސަބަބަކީ އޭނާގެ ބައެއް ނިންމެވުންތަކުގެ ސަބަބުން އެ ޤައުމަށް އިޤްތިޞާދު އަނދަވަޅަކަށް ވެއްޓުމުންނެވެ.

ޕާކިސްތާނުގެ މާލީ ވުޒާރާއިން ބުނެފައިވާ ގޮތުގައި ދަތި ދުވަސްވަރެއްގައި ސަބްސިޑީގެ ގޮތުގައި އެ ޤައުމުގެ ސަރުކާރުންވަނީ 2.06 ބިލިޔަން އެމެރިކާ ޑޮލަރު ކަނޑައަޅައިފައެވެ. އަދި އެ ކަމުގެ ސަބަބުން ޕާކިސްތާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާއާ ކުރަން ނިންމާފައިވާ މަޝްވަރާތަކަށް ހިޔަނިއެޅޭނެކަމަށް އެ ވުޒާރާއިންވަނީ ބުނެފައެވެ. ބައިނަލްއަޤްވާމީ މާލީ އިދާރާއިން ހަ ބިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށް ޕާކިސްތާނުން ކުރަމުންދިޔަ މަޝްވަރާތައްވަނީ 2019ވަނަ އަހަރުގެ ތެރޭގައި މެދުކެނޑިފައެވެ.

ފާއިތުވި ދުވަސްތަކުގައި ޕާކިސްތާނުގެ އިޤްތިޞާދީ ޙާލަތު ހީނަރުވެ އެ ޤައުމުގެ ރިސާވުވަނީ 11.3 ބިލިޔަން ޑޮލަރަށް ވެއްޓިފައެވެ. އަދި ކޯވިޑް-19އާއި ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ ތަކެތީގެ އަގުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ޕާކިސްތާނުގެ މާލީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގެ ރިސާވުގައި ބާކީހުރީ އެންމެ ގިނަވެގެން 50 ދުވަހަށް ބޭނުންކުރެވޭ މިންވަރަށެވެ.