ޚަބަރު

ދުނިޔޭގެ މަސްރަހުގެ ގޮންޖެހުންތަކާ އެކުވެސް ރާއްޖޭގެ އިޤްތިޞާދީ ދުވެލި ބާރު: ވޯލްޑް ބޭންކު


ދުނިޔޭގެ މަސްރަހުގެ ގޮންޖެހުންތަކާއި ނިޒާމީ ބަލިކަށިކަމާ އެކުވެސް ރާއްޖޭގެ އިޤްތިޞާދީ ދުވެލި ބާރުކަމަށް ވާލްޑް ބޭންކުން ބުނެފިއެވެ.

ވާލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ސަރަހައްދީ އިޤްތިޞާދީ އަޕްޑޭޓުގައި ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވި މިނެއްގައި އިއާދަވަމުން އައުމުގެ ސަބަބުން 2022 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 7.6 އިންސައްތައިގައި ކުރިއަރާނެ ކަމަށެވެ. އަދި ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން 2023 ވަނަ އަހަރު އިއާދަވާނެ ކަމަށް އަންދާޒާކުރެވުނު ނަމަވެސް ރާއްޖޭގެ ދަރަނި ބޮޑުވުމަކީ ކަންބޮޑުވުމެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުގެ 'ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް ރީޝޭޕިން ނޯމްސް: އަ ނިއު ވޭ ފޯވާޑް'ގައި އަންދާޒާކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގެ އިޤްތިޞާދު 2022 ވަނަ އަހަރު 6.6 އިންސައްތަ އަދި 2023 ވަނަ އަހަރު 6.3 އިންސައްތަ ކުރިއަރާނެއެވެ. ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކުރި އަސަރުތަކުގެ ސަބަބުން 2022 ވަނަ އަހަރުގެ ސަރަހައްދީ އަންދާޒާގެ، ޖަނަވަރީ މަހުގެ އަންދާޒާއާ އަޅާބަލާއިރު 1.0 އިންސައްތަ ދަށްކޮށް ވަނީ މުރާޖައާ ކުރެވިފައެވެ.

ދެކުނު އޭޝިޔާގެ ގައުމުތަކަށް މިހާރު ވެސްވަނީ ތަކެތީގެ އަގުތައް އުފުލެމުން ދިއުމާއި ސަޕްލައިގެ ދަތިކަމާ އަދި މާލީ ދާއިރާތަކުގެ ނާޒުކުކަމާ ކުރިމަތިލާންޖެހިފައެވެ. ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި ގޮންޖެހުންތައް އިތުރުވެ، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އިތުރަށް އުފުލި އަދި މާލީ ހާލަތު މިހާރަށް ވުރެ ގޯސްވެގެންދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.

ސަރަހައްދީ އަޕްޑޭޓާއެކު ނެރުނު 'މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް'ގެ އެންމެ ފަހުގެ އަދަދުގައި ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިއާދަވަމުން އައުމާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އަންނަ މިންވަރު ދައްކުވައިދިނުމުގެ އިތުރަށް، އިޤްތިޞާދީ ކުރިއެރުމަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެފައެވެ. މެދުރާސްތާގައި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ވަރުގަދަވާނެ ކަމަށް ލަފާކުރެވޭއިރު، 2023 ވަނަ އަހަރު ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ނަމަވެސް، ޖީޑީޕީގެ ނިސްބަތުން ގިނަ އަދަދަކަށް ތެޔޮ އެތެރެކުރުމާއި ރަޝިއާ އާއި ޔޫކްރެއިން އިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމާއި ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ސަބަބުން ރާއްޖެއަށްވަނީ ނާޒުކު ހާލަތެއް ކުރިމަތިވެފައި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ދުނިޔޭގެ ހަކަތައިގެ އަގުތައް އިތުރަށް އުފުލިގެން ދިއުމަކީ އިތުރު މާލީ ބުރައެއް އުފުލަން ޖެހިދާނެ ކަމެކެވެ. ރަޝިއާ އާއި ޔޫކްރެއިންގެ ޓޫރިސްޓުންގެ އަދަދު ދިގު މުއްދަތަކަށް މަދުވުމާއި ކޯވިޑް-19ގެ އާ ރާޅުތަކުގެ ސަބަބުން ޓޫރިޒަމަށް ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޒަމާނުއްސުރެ ހިއްސާވާ ގައުމުތަކުންނާއި އާ މާކެޓުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމުގެ ކޮންމެވެސް ވަރެއްގެ އުއްމީދެއް އެބައޮތެވެ.

މި ރިޕޯޓާއި ގުޅޭގޮތުން ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ ފަތުރުވެރިކަން ބާރަށް ކުރިއެރުވުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އިއާދަވާ މިންވަރު މައްޗަށް ދާނެ ކަމަށް ބެލެވޭއިރު، 2023 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިޤްތިޞާދު ކޯވިޑްގެ ކުރިން ހުރި މިންވަރަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ފަތުރުވެރިކަމަށް ބަރޯސާވުމާއި އެހެން ދާއިރާތަކަށް އިޤްތިޞާދު ފުޅާކުރަން ހުރި ފުރުސަތުތައް ހަނިވުމަކީ ވެސް ނިޒާމީ ގޮތެއްގައި ހުރި ގޮންޖެހުންތަކެއް. ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރާއްޖެއަށް އެއްބާރުލުން ދީ، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކޮށް، ފެހި، ކާރިސާތަކަށް ތައްޔާރުވެފައި އޮންނަ އަދި އެންމެންގެ ބައިވެރިވުން އޮންނަ ތަރައްގީގެ މަގެއް ހޯދުމަށް އަޅުގަނޑުމެން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނަން." ވާލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވިއެވެ.

މިސަރަހައްދަށް ކުރިމަތިވެފައިވާ އަނެއް ގޮންޖެހުމަކީ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އަންހެނުންނަށް ކުރިމަތިވެފައިވާ ބޮޑު އިގުތިސޯދީ ގޮންޖެހުމެވެ. ދެކުނު އޭޝިޔާގެ ރިޕޯޓުގައި މި ސަރަހައްދުގައި މިންތީގެ ތަފާތުކުރުންތައް އޮތް މިންވަރާއި އެ ކަންކަން މުޖުތަމައުގައި އަށަގެންފައިވާ އިޖްތިމާއީ މިންގަނޑުތަކާ ގުޅޭ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލުމުގެ އިތުރަށް، އިގްތިސާދީ ފުރުސަތުތައް އަންހެނުންނަށް ލިބުމަށް އެހީތެރިވެދޭނެ ސިޔާސަތުތައް ކަނޑައެޅުމާއި ތަފާތުކުރުންތައް ނައްތާލުމާ އަދި އެންމެން ޝާމިލުވާ ކުރިއެރުމަށްޓަކައި މިންތީގެ ހަމަހަމަކަމުގެ ނަތީޖާ ރަނގަޅުކުރުމަށް ލަފާދޭ ސިޔާސަތުތައް ހިމަނާފައިވެއެވެ.