ކުޅިވަރު

އެތުލެޓިކޯ ކަޓުވާލައި ސިޓީ ސެމީއަށް


ޔުއޭފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން މެންޗެސްޓަރ ސިޓީ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ސެމީފައިނަލުން ސިޓީ ޖާގަހޯދީ ކްއާޓަރ ފައިނަލްގައި އެޓްލެޓިކޯ މެޑްރިޑައި ބައްދަލުކޮށް 1-0 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗް އެއްލަނޑު ސުންލަނޑުން ސިޓީ ކާމިޔާބުކުރިއިރު އެޓްލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.

ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ސިޓީއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އެޓްލެޓިކޯއިންނެވެ. މިއީ މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗާއި އަޅާބަލާއިރު ތަފާތު ކަމެކެވެ. ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގްގައި އެޓްލެޓިކޯއިން ހުރިހާ ކުޅުންތެރިން ފަހަތަށް ފައިބައިގެން މުޅިން ޑިފެންޑް ކުރިއިރު އެރޭ އެންމެ ހަމަލާއެއްވެސް އެޓީމަށް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް އެއާ ހިލާފަށް ރޭގެ މެޗްގައި 14 ހަމަލާ އުފައްދާފައެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ސިޓީއިންވެސް ރަނގަޅު ކުޅުމެއް ދައްކާ ލަނޑު ޖަހާނެ ރަނގަޅު އެއް ފުރުސަތު ހޯދި ނަމަވެސް ދެވަނަ ހާފްގައި މޮޅަށް ކުޅެފައިވަނީ އެޓްލެޓިކޯއިންނެވެ. އަދި ސިޓީއަށް ޖެހުނީ މިހާފްގައި ގިނައިރު ޑިފެންޑް ކޮށް ލިބޭ ފުރުސަތެއްގައި ކުރިއަށް އެހެވޭތޯ ބަލާށެވެ. އަދި އެޓްލެޓިކޯގެ ފަރާތުން ވަރަށް ފިޒިކަލް ގޭމެއް ފެނިގެންދިޔައިރު މެޗްގެ ފުރިހަމަ ވަގުތު ހަމަވަނިކޮށް ދެތީމްގެ މެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއްވެސް ހިނގާދިޔައެވެ.

އަދި އެޓްލެޓިކޯގެ ފެލީޕޭ ސިޓީގެ ފިލް ފޯޑަންއަށް ކުރި ފައުލަކާއި ގުޅިގެން ދެވަނަ ރީނޑޫ ކާޑަކާއި އެކު ރަތް ކާޑު ދައްކާފައެވެ. އަދި ފޯޑަން ވެއްޓިފައިވަނިކޮށް އެޓްލެޓިކޯގެ ސްޓެފަން ސެވިޗް އޭނާ ދަނޑުން ބޭލުމަށް ގައިގާ އަތްލުމާއެކު ދެޓީމްގެ މެދުގައި އިތުރަށް މައްސަލަ ހޫނުވެގެންދިޔައެވެ. އެޓްލެޓިކޯގެ އެއްކުޅުންތެރިއެއް މަދުކޮށް ކުޅުމާއެކުވެސް މެޗް ނިމެނިކޮށް އެޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެންދިޔައެވެ.

މިކާމިޔާބީއާއެކު މިމުބާރާތުގެ ސެމީފައިނަލުން ސިޓީއަށް ޖާގަ ލިބިފައިވާއިރު ސެމީފައިނަލްގައި އެޓީމަށް ބައްދަލުކުރަންޖެހޭނީ މެޑްރިޑަށް ނިސްބަތްވާ އަނެއް ޓީމް ކަމަށްވާ ރެއާލް މެޑްރިޑާއެވެ.