ވިޔަފާރި

ބޮޑެތި މަޝްރޫޢުތަކާއެކު އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ


އިންޑިއާގައި ރާއްޖޭގައި މިހާރު ފެށުމަށް ހަމަޖެހިފައިވާ
މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ ރާއްޖޭގެ އިޤްތިސާދަށް
ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް މިހާރު ރާއްޖެއައިސް އުޅޭ އައިއެމްއެފްގެ
ވަފްދުން ވިދާޅުވެއްޖެއެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި
މިވަފްދުން ވަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ ޢުމްރާނީ ބޮޑެތި މަޝްރޫޢުތަކާއި،
ރާއްޖޭގެ އިޤްތިސާދީ ޙާލަތު އޮތްގޮތާއި އިޤްތިސާދު ކުރިއެރުވުމަށް ކުރެވިދާނެ
ކަންތައްތަކާއިބެހޭ ގޮތުން ނޫސްވެރިންނާއި މަޢުލޫމާތު ހިއްސާކޮށްފައެވެ.

އައިއެމްއެފްގެ ވަފްދުން މިއަދު
މޯލްޑިވިސް މޮނިޓަރީ އޮތޯރިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ
ވަފްދުގެ އިސްވެރިޔާ އެލިސަން ސްޓުއާޓު ވިދާޅުވީ ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ބޮޑެތި އިންފްރާސްޓްރަކްޗަރ
މަޝްރޫޢުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ކެޕޭސިޓީ އިތުރުވެ، އަމިއްލަ ވިޔަފާރިތައް ކުރިއެރުމަށް މަގުފަހިވެގެންދާނެކަމަށެވެ. މިފަދަ ގިނަ
މަޝްރޫޢުތަކަކީ ބޮޑެތި ލޯނުތަކެއްގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކަކަށް ވާތީ މިކަމާއި ގުޅިގެން ކުރިމަތިވެދާނެ މާލީ ރިސްކުތަކަށް ތައްޔާރު ވުމާބެހޭގޮތުން
ކަމާބެހޭ ފަރާތްތަކާ މަޢުލޫމާތު ހިއްސާ ކުރެއްވި ކަމަށްވެސް އެލިސަން
ވިދާޅުވިއެވެ.

އެލިސަން ފާހަގަކުރެއްވި ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ރާއްޖެ
ފަދަ އެހެނިހެން ފަތުރުވެރިކަމުގެ މަންޒިލްތަކާއި އަޅާބަލާއިރު ވަރަށް ބޮޑެތި
ކުރިއެރުންތަކެއް ހޯދާފައެވެ. އަދި ފަތުރުވެރިކަމާއި އިގްތިސާދީ ކުރިއެރުމުގެ
ދުވެލި 2015 ވަނަ އަހަރު ޖުމްލަގޮތެއްގައި ދަށްވެފައި ވީނަމަވެސް އިތުރު
މާކެޓްތަކުގައި ރާއްޖެ ޕްރޮމޯޓްކުރުމާއި 'ވިޒިޓް މޯލްޑިވްސް ކެމްޕޭން' ފެށުމުގެ
ސަބަބުން މި އަހަރު ފަތުރުވެރިކަން ރަނގަޅު ވާނޭކަމަށް އެލިސަންް ފާހަގަކުރެއްވިއެވެ. ނަމަވެސް ޗައިނާގެ އިޤްތިސާދީ ދުވެލި
ދަށްވުމާއި ޔޫރޯގެ އަގު ޔޫއެސް ޑޮލަރާ އަޅާބަލާއިރު ދަށްވުމުގެ ސަބަބުން
ފަތުރުވެރިކަން ކުރިއަރާ މިންވަރަށް އަސަރު ކޮށްފާނެކަން ވެސް އެލިސަން  ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެލިސަން ވިދާޅުވީ ރާއްޖޭގެ ޓެކުހުގެ ނިޒާމް
އަވަށްޓެރި ގައުމުތަކާ އަޅާބަލާއިރު ހަރުދަނާކަމަށާއި މި ނިޒާމުގެ ތެރެއިން ޓެކްސް ކުރެވޭ ފަރާތްތައް އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ އިތުރުކުރެވިދާނެ އާ ގޮތްތައް
ހޯދިދާނެކަމަށެވެ. އަދި ޚަރަދުތައް ކުޑަކުރުމަށް
ރޭވިފައިވާ ސިޔާސަތުތަކަށް ބަލާއިރު، ސަބްސިޑީ ދޭ އުސޫލާއި ސަރުކާރުގެ
ހިދުމަތްތައް ދިނުމަށް ހިނގާ ޚަރަދުތައް ކުޑަ ކުރުމަކީ ދައުލަތުގެ ދަރަނި މިހާރު
ހުރި މިންވަރަށްވުރެ އިތުރު ވިޔަނުދީ ހިފެހެއްޓުމަށް މުހިއްމު ކަމެއްކަންވެސް
އައިއެމްއެފްގެ ވަފްދުން ވަނީ ފާހަގަކުރައްވާފައެވެ.