ޓީރެކްސް ބާސްކެޓްބޯލް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ ޓީރެކްސް ތްރީ އޮން ތްރީ ސްޓްރީޓް ޗެލެންޖު ފަށައިފިއެވެ.
މި މުބާރާތް ފައްޓަވައިދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްއެވެ.
މި މުބާރާތުގައި ޖުމްލަ 46 ޓީމުން ވާދަކުރާއިރު މުޅި މުބާރާތުގައި ޖުމްލަ 79 މެޗު ކުޅޭނެ ކަމަށް ޓީރެކްސް އިން ބުނެއެވެ.
މުބާރާތުގައި ހިމެނޭ ކެޓަގަރީތަކުގެ ތެރޭގައި 13 އަހަރުންދަށް، 15 އަހަރުންދަށް، 18 އަހަރުންދަށް، 23 އަހަރުންދަށް އަދި ސީނިއާ އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނެއެވެ.
މި މުބާރާތުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ފުރަތަމަ މެޗުގައި 13 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގައި ވޮރިއާސް އިން ވަނީ 7-2 ގެ ނަތީޖާއަކުން މާލިންސް ބަލިކޮށްފައެވެ. 13 އަހަރުން ދަށުގެ އަންހެން ކެޓަގަރީގައި ޝޫޓާސްއިން 8-1 ގެ ނަތީޖާއަކުން ޕެންތާސް ބަލިކުރިއިރު 15 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގައި އާޗާސް ބާސްކެޓްބޯލް ކްލަބްގެ މައްޗަށް ޕަވާޕަފް ބޯއީސްއިން ވަނީ 15-8 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. އަދި 15 އަހަރުން ދަށުގެ ފިރިހެން ދެވަނަ މެޗުގައި ސްޕްލެޝްގެ މައްޗަށް ނެކްސްޓްޖެންއިން ކުރިހޯދީ 11-5 ގެ ނަތީޖާއަކުންނެވެ. މި ކެޓަގަރީގެ ތިންވަނަ މެޗުގައި ޓީމް އަންސެޓިފައިޑްއިން ވަނީ އާޗާސް ބާސްކެޓްބޯލް ކްލަބްގެ މައްޗަށް 13-9 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.
23 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީގެ ފުރަތަމަ މެޗުގައި ވައިޕާސްގެ މައްޗަށް ބީޓީސީއިން ކުރިހޯދީ 17-8 ގެ ނަތީޖާއަކުންނެވެ. މި ކެޓަގަރީގެ ދެވަނަ މެޗުގައި ސްކޯޕިއަންސްގެ މައްޗަށް ހޮޓްޝޮޓްއިން ކުރިހޯދީ 12-7 ގެ ނަތީޖާއަކުންނެވެ.
23 އަހަރުން ދަށުގެ އަންހެން ކެޓަގަރީގައި އިން ސިންކް އިން ވަނީ އެންއެމް ސްޕޯޓްސްގެ މައްޗަށް 11-5 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.
ބުދަ ދުވަހުގެރޭ ސީނިއާ ފިރިހެން ކެޓަގަރީގެ ތިން މެޗެއް ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުގައި ބީޓީސީ އިން ކުޑަހެންވޭރު ޔުނައިޓެޑްގެ މައްޗަށް ކުރިހޯދީ 21-10 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި އައިލޭންޑް ބޯއީސްގެ މައްޗަށް ސުލްތާން ބާސްކެޓް ކްލަބުން ކުރިހޯދީ 15-12 ގެ ނަތީޖާއަކުންނެވެ. އަދި ފަހު މެޗުގައި ރޯޔަލް ބާސްކެޓް ކްލަބުން ވަނީ ސްކޯޕިއަންސްގެ މައްޗަށް 16-10 ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ.
މި މުބާރާތުގެ މެޗުތައް ކުޅެވިގެންދާނީ އާޓިފިޝަލް ބީޗުގައެވެ. އަދި މުބާރާތް ކުރިއަށްދާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.