ކުޅިވަރު

ވޯލްޑް ކަޕުގެ މެޗެއް ދެއްކުމުގެ އަގު އެއް މިލިޔަން ޑޮލަރުގައި


ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕަކީ މުޅި ދުނިޔެ އަަބަދުވެސް އެ މުބާރާތަކަށް ވަރަށް ބޮޑަށް އިންތިޒާރު ކުރާ މުބާރާތެކެވެ. ދުނިޔޭގެ އިތުރުން ފުޓްބޯޅައަށް އިންތިހާއަށް ލޯބިކުރާ ދިވެހިންވެސް އެ މުބާރާތަކަށް ދުރާލާ އިންތިޒާރު ކުރާއިރު، މުބާރާތަށް ދުރާލާ ދިވެހިން ތައްޔާރުވެއެވެ.

ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ފުޓްބޯޅަ މުބާރާތުގެ އާންމުދަނީގެ ބޮޑު ބަޔަކީ ޓީވީ ރައިޓްސްއެވެ. އެހެންކަމުން ކޮންމެ މުބާރާތެއްގެ އާމްދަނީގެ ބޮޑުބަޔެއް ބިނާވަނީ ޓީވީ ރައިޓްސްއަށް ކަމަށް އަބަދުވެސް މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން ހާމަކުރެއެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އެ މެޗެއްގެ ރައިޓްސް ނަގާ ބަޔަކަށް ނޫނީ މެޗު ދެއްކުމުގެ ހުއްދަ ނެތުމެވެ.

މުބާރާތްތަކުގެ ޓީވީ ރައިޓްސްއަކީ ކޮންމެ ބަޔަކަށްވެސް ނެގިދާނެ ރައިޓްސް އެކެވެ. އެއީ ކޮންމެހެން ޓީވީއަކަށް ވުން ލާޒިމެއް ނޫނެވެ. މި އަހަރުގެ ފަހު ކޮޅު ގަތަރުގައި ބާއްވާ ވޯލްޑް ކަޕްގެ ޓީވީ ރައިޓްސް އަކީ އެހެން ހުރިހާ އަހަރުތަކާއި ޚިލާފަށް އަގު ބޮޑު ރައިޓްސްއަކަށް މިހާރު ވަނީ ވެފައެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށް ވެފައި ވަނީ މި ސަރަހައްދުގެ ރައިޓްސް އިންޑިއާގެ އެންމެ ބޮޑު އެއް މަހުޖަން ކަމަށްވާ މުކޭޝް އަމްބާނީގެ ވައިކޮމް18 އިން ބޮޑު އަގުގައި ނަގާފައި ވުމެވެ.

މި ސަރަހައްދަށް ހަމައެކަނި ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމުގެ ހުއްދަ ވައިކޮމްއިން ނަގާފައި ވަނީ 90 މިނެޓްގެ ކޮންމެ މެޗެއް އެއް މިލިޔަން ޑޮލަރަށެވެ. އަދި މުޅި މުބާރާތް 64 މިލިޔަން ޑޮލަށެވެ. އެހެން ކަމުން މިއީ މީގެ ކުރިން މި މުބާރާތުގެ ހުއްދަ މި ސަރަހައްދަށް ލިބެމުން އައި އަގަށް ވުރެން އެތައް މިލިޔަން ޑޮލަރު ބޮޑު އަގެކެވެ.

ވައިކޮމް އަދި އަމްބާނީ ކުންފުނި:

އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީގެ މިލްކިއްޔާތުގައި 100 ބިލިޔަން ޑޮލަރު ހުރިކަމަށް ފޯބްސްއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. އެއާއެކު އޭނާ ވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުން ޖާގަ ހޯދާފައެވެ.

ގަތަރުގައި މި އަހަރު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަކީ އެތަށް ގޮތަކުން ޚާއްސަ މުބާރާތަކަށް މިހާރުވެސް ވެފައިވާއިރު، މި މުބާރާތް 200 އަށްވުރެ ގިނަ ގައުމުގައި ދައްކާނެ ކަމަށް ބެލެވެއެވެ. އެކަމަކު މި މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ދީފައިވަނީ މަދު ގައުމުތަކަކަށެވެ. އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ، ޖަޕާން، ޗައިނާ، އިންޑިއާ، އުތުރު ކޮރެއާ، އޮސްޓްރޭލިއާ އަދި ސައުތު އެފްރިކާއެވެ.

ވޯލްޑްކަޕް 2022 މި ސަރަހައްދުގައި ދެއްކުމުގެ ރައިޓްސް ނަގާފައިވާ ކުންފުންޏަކީ މުކޭޝް އަމްބާނީގެ ވައިކޮމް18 އެވެ. ވައިކޮމްއިން ބްރޯޑްކާސްޓިން ރައިޓްސް ނަގާފައިވަނީ ސޮނީ އަދި ސްޓާ ކުންފުންޏާ ވާދަކޮށެވެ. ވައިކޮމްއިން މި މުބާރާތުގެ ރައިޓްސް ގަނެފައިވަނީ 450 ކުރޯޑަށެވެ. މިއީ މިހާ އަގުބޮޑުކޮށް އިންޑިއާގެ ކުންފުންޏަކުން ވޯލްޑް ކަޕުގެ ރައިޓްސް ނެގި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2014 އަދި 2018 ވަނަ އަހަރު އިންޑިއާގެ ސޮނީން ވަނީ މި މުބާރާތުގެ ރައިޓްސް ގަނެފައެވެ.

ދިވެހިންނަށް ވޯލްޑް ކަޕް ފެންނާނެތަ؟

މިހާ ބޮޑު އަގެއްގައި ވޯލްޑް ކަޕްގެ ރައިޓްސް މި ސަރަހައްދަށް ނަގާފައިވާއިރު، ހަމަ ޔަގީނުންވެސް މެޗުތައް ރާއްޖެއަށް ދައްކަން ކުރަން ޖެހޭ ޚަރަދު އެތައް ގުނައެއް ބޮޑު ވެގެން ދާނެއެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕް ދެއްކުމަށް ރާއްޖޭގެ ޓީވީ ސްޓޭޝަންތަކުން 26 މިލިޔަނަށް ވުރެން ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ. އޭގެ ތެރެއިން ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން އެކަނި 10.79 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ވޯލްޑް ކަޕް ދެއްކުމަށް ޖުމްލަ ރާއްޖެއިން 26 މިލިޔަނަށް ވުރެން ގިނަ ރުފިޔާ ބޭރުވެފައިވާއިރު، މި އަހަރު ވޯލްޑް ކަޕް ދެއްކުމަށް މި އަދަދު އެތައް ގުނައެއް ބޮޑުވާނެ ކަމަށް މިހާރުވެސް ޔަގީންކުރެވެއެވެ. ދިވެހިންނަކީ އިންތިހާއަށް ފުޓްބޯޅައަށް ލޯބިކުރާ އަދި މި ފަދަ މުބާރާތްތައް އިންތިހާއަށް ބަލަން ކެތް މަދުވެފައިވާ ބަޔަކަށްވާތީ، ރައިޓްސް ނަގާ ކުންފުނިތަކުންވެސް ރާއްޖެއަށް މުބާރާތް ދޭ އަގު ބޮޑުކަމަށް ފާހަގަކުރެވެއެވެ.

ދިވެހިން ދެކެނީ ކިހިނެއް؟

މިހާ އަގު ބޮޑުކޮށް މުބާރާތް ދެއްކުމާ ދު އެކި ފަރާތްތަކުގެ ޚިޔާލު ތަފާތެވެ. ބައެއް ދިވެހިން ދެކޭގޮތުގައި ކޮވިޑް-19 ގެ ހާލަތަށްފަހު ގައުމު މުޅިން އަރައި ނުގަނެވި އުޅެނިކޮށް މިފަދަ ބޮޑު ހޭދައެއް ކުރުން ރަނގަޅެއް ނޫނެވެ. މިއީ ގައުމުގެ ތަރައްގީއަށް އެތައް މަސައްކަތެއް ކުރެވޭނެ ފައިސާކަމަށް ގިނަ ބަޔަކު ދެކެވެ.

އަވައްޓެރި ސްރީ ލަންކާއަށް ކުރިމަތިވި ހާލަތާއެކުވެސް ރާއްޖެފަދަ ވަސީލަތް މަދު ގައުމަކުން ވޯލްޑް ކަޕް ދެއްކުމަށް މިހާ ބޮޑު ހޭދައެއް ކުރުން އެމީހުންގެ ނަޒަރުގައި ރަނގަޅެއް ނޫނެވެ. އެހެން ނަމަވެސް ފުޓްބޯޅަށް މަރުދޭ ދިވެހިން ދިވެހި ޒުވާނުންގެ ތެރެއިން ބައެއް މީހުން ބުނަނީ ހަތަރު އަހަރުން އެއް އަހަރު އަންނަ ފުޓްބޯޅައިގެ އެއްމެ ބޮޑު އީދު ކަމަށްވާ ވޯލްޑް ކަޕް ރާއްޖެއިން ނުފެނުމަކީ އެ މީހުންނަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރާއްޖެ އަކީ ފަތުރުވެރިކަމުގެ ސުވަރުގެ ގޮތުގައި މަޝްހޫރުވެފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އެހީތެރިވެގެންވެސް މި މުބާރާތް ދިވެހިންނަށް ދައްކައި ދޭން ޖެހޭނެ ކަމަށް އެމީހުން ގަބޫލުކުރެއެވެ. ކޮންމެ އަކަސް ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތް ކަމަށްވެފައި، އެ މުބާރާތް ބެލުމަށް ދުނިޔޭގެ އެތައް މިލިޔަން ބަޔަކު ޝައުގުވެރިވާއިރު، ދިވެހިންވެސް މުބާރާތް ބަލަން ބޭނުންވާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. މުބާރާތް ދިވެހިންނަށް ނުފެނިއްޖެ ނަމަ އެއީ ފުޓްބޯޅައަށް ލޯބިކުރާ ދިވެހިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްދަތި ކަމެކެވެ. އެހެން ނަމަވެސް ވޯލްޑް ކަޕް ދިވެހންގެ ސިޓިން ރޫމުތަކާ ހަމަޔަށް ގެނައުމަށް ކުރަން ޖެހޭ ހޭދަ ބޮޑުވެފައި ރާއްޖެއިން ބޭރު ކުރަން ޖެހޭ ފައިސާގެ އަދަދު ގިނަކަން އެއީ މިހާރުވެސް ކަށަވަރުވާ ކަމެކެވެ.