ޚަބަރު

ތިން ރަށެއްގައި ހަދަން ނިންމާފައިވާ ހޮސްޕިޓަލްގެ ކުރެހުންތައް އަލުން ރިވިއުކުރަނީ


ހއ.ދިއްދޫ އާ ބ.އޭދަފުށި އަދި ދ.ކުޑަހުވަދޫގައި ސަރުކާރުން އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލްތައް ކުރެހުންތައް އަލުން ރިވިއުކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ކުރެހުންތައް އަލުން ރިވިއުކުރަން ނިންމީ މިތިން ރަށުގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލްގެ އާ އިމާރާތުގެ ޑިޒައިންތައް ހަދާފައިވަނީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑުވާ ގޮތަށް ކަމަށް ވާތީ ކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ. މީގެ އިތުރުން މިހާރަށްވުރެ ފުޅާކޮށް ޚިދުމަތް ދިނުމަށް ވިސްނާއިރު ބަދަލު ކުރަންޖެހޭ ގިނަކަންތައްތަކެއް ހުރުމަކީވެސް ކުރެހުންތައް އަލުން ރިވިއު ކުރަން ނިންމި ސަބަބެއް ކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހއ. ދިއްދޫ އާއި ބ. އޭދަފުށި އަދި ދ. ކުޑަހުވަދޫގައި ހަދާ ހޮސްޕިޓަލްގެ އާ އިމާރާތް ހުންނާނެ ގޮތުގެ ކުރެހުންތައް އާއްމުކުރީ 2020 ގައެވެ.

ޖާގަ ތަނަވަސްކޮށް އާ އިމާރާތެއް އަޅަން ސަރުކާރުން ނިންމީ މިތިން ހޮސްޕިޓަލްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެހޮސްޕިޓަލުތަކުގެ ޖާގައިގެ މައްސަލަ ކުރިމަތިވެފައިވާތީ އެކަމަށް ހައްލެއްގެނައުމުގެ ގޮތުންނެވެ. އަތޮޅު ތެރޭގެ ސިއްޙީ ނިޒާމު ފުޅާކޮށް، ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި މިވަގުތު ހުރި ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ސަރުކާރުންވަނީ ފަށާފައެވެ. އަދި އަތޮޅުތަކުގައި ހުރި ސިއްހީ މަރުކަޒުތަކީވެސް ރަށުފެންވަރުގައި އެކަށީގެންވާ ފަރުވާ ލިބޭނެ ތަންތަނަށް ހެދުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.

އެގޮތުން ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ޢިމާރާތްކުރާނެ ފަރާތްތައް ހޯދުމަށް ފިނޭންސް މިނިސްޓްރީން ވަނީ މިހާރުވެސް ހުޅުވާލާފައެވެ.

30 އެނދުގެ ހޮސްޕިޓަލް އެޅުމަށް ހުޅުވާލި ރަށްތައް

ހދ.ހަނިމަދޫ
ނ.މިލަންދޫ
ނ.ވެލިދޫ
އދ.މާމިނގިލި
ކ.ތުލުސްދޫ
ވ.ފެލިދޫ
ތ.ވިލިފުށި

ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަޝްރޫއަކީ "ދަ ކުވެއިތް ފަންޑް ފޮރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް"ގެ އެހީގައި ކުރިއަށްގެންދާ މަޝްރޫތަކެކެވެ.

އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ތަރައްޤީކުރުމަށް ކުރިއަށްގެންދާ އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގެ 5 ސަރަޙައްދެއްގެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މިމަސައްކަތަކީ ސިއްހީ ޚިދުމަތް ހޯދުމަށް މާލެ އަންނަންޖެހޭ އައުމަށް ނިމުމެއް ގެނެސް، އަމިއްލަ ރަށުގައި ނުވަތަ ސަރަޙައްދުގައި ތިބެގެން ޚިދުމަތްލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތްތަކެކެވެ.