ޚަބަރު

ފުރަތަމަ 11 ދުވަހު ޒަކާތުގެ ގޮތުގައި 8 ލައްކަ ރުފިޔާ


މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 11 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން 8 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. އެ މިނިސްޓްރީން އާއްމުކުރި ހިސާބުތަކަށް ބަލާއިރު މީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒަކާތް ދެއްކި މިންވަރަށް ވުރެ މަދު އަދަދެކެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީން އަންނަނީ ފިތުރު ޒަކާތް ބަލައިގަންނަމުންނެވެ. ރޯދަމަހުގެ ފުރަތަމަ ދިހައެއް ނިމުނު އިރު މިހާތަނަށް 19523 މީހުންވަނީ ޒަކާތް ދައްކާފައެވެ. އެއީ 878،646.00 ( އަށްލައްކަ ހަތްދިހަ އަށްހާސް ހަސަތޭކަ ސާޅީސް ހަ) ރުފިޔާއެވެ.

މިހާތަނަށް ޒަކާތް ދެއްކި މީހުންގެ ތެރެއިން އިސްލާމިކް މިނިސްޓްރީގެ އެކައުންޓްތައް މެދުވެރިކޮށް ފައިސާ ދައްކާފައިވަނީ 4956 މީހުންނެވެ. އޮންލައިންކޮށް ޒަކާތް ދެއްކީ 14567 މީހުންނެވެ. އިސްލާމިކް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ދެ އަހަރު މި މުއްދަތުގައި ޒަކާތް ދެއްކި މިންވަރު އިތުރެވެ. މިދިޔަ ރޯދަމަހުގެ ފުރަތަމަ ދިހައެއްގައި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 899،031.00 (އަށްލައްކަ ނުވަދިހަ ނުވަހާސް ތިރީސް ) ރުފިޔާއެވެ. އަދި 2020 ވަނަ އަހަރުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި 1.9 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.

ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒުގެ ހޯލުންވެސް ކުރިއަށްގެންދާއިރު މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށެވެ. މިނިސްޓްރީން ޒަކާތްބަލައިގަންނަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން މެންދުރު 1 އާއި ހަމައަށެވެ.

އޮންލައިންކޮށް ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އޮންލައިންކޮށް ފައިސާ ރަމަޟާންމަހުގެ 28ވަނަ ދުވަސް (29 އެޕްރީލް) ވަނަދުވަހުގެ ނިޔަލަށެވެ. ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކަށާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮށެވެ.

މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތްބަލައިގަތުން ރަމަޟާންމަހުގެ އެންމެފަހު ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކުރިއަށް ދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ފިޠުރު ޒަކާތް ބަހާނީ ރަމަޟާންމަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ފިޠުރު ޒަކާތް ދޭނީ ފަޤީރުންގެ ލިސްޓުގައިވާ މީހުންނަށެވެ. މިއަހަރުގެ ފަޤީރުންގެ ލިސްޓުގައި ހިމެނެނީ 8984 މީހުންނެވެ. ފަޤީރުންގެ ދަފްތަރު އަޕްޑޭޓްކޮށްފައިވަނީ މިހިނގާ ރަމަޟާންމަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. މިދިޔަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނީ 7778 މީހުންނެވެ.