ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް 2020ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގައި ފުރަބަންދު އިޢުލާންކޮށްފައިވަނިކޮށް ޕާޓީއެއް ބޭއްވެވިކަން ހާމަވުމުން އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ޖޫރިމަނާކޮށްފިއެވެ. އެއާއެކު ޖޮންސަންވެފައިވަނީ ވެރިކަމުގައި ހުންނަވައި ޤާނޫނާއި ޤަވައިދާ ޚިލާފަށް ޢަމަލުކުރެއްވިކަން ސާބިތުވި އިނގިރޭސިވިލާތުގެ ފުރަތަމަ ބޮޑުވަޒީރަށެވެ.
އިނގިރޭސިވިލާތުގެ ފުލުހުންވަނީ ޖޮންސަންގެ އިތުރުން އޭނާގެ އަނބިކަނބަލުންނާއި އެ ޤައުމުގެ މާލީ ވަޒީރު ރިޝީ ސުނާކް ޖޫރިމަނާކޮށްފައެވެ. ޖޮންސަން ވިދާޅުވި ގޮތުގައި އޭނާ ކުރެއްވީ ޤާނޫނާއި ޤަވައިދާ ޚިލާފު ޢަމަލެއްކަމެއް ކުރިން އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި ޖޫރިމަނާދައްކަވައި މަޤާމުގެ ޒިންމާ ޢަދާކުރެއްވުމަށް އިސްކަންދެއްވާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭނާ އިސްތިޢުފާދެއްވުމަށް އެ ޤައުމުގެ ޢާއްމުންވަނީ ގޮވާލަން ފަށައިފައެވެ. އަދި ކޯވިޑް-19 ޖެހިގެން މަރުވި އެތައް ހާސް ބަޔަކަށް ޖޮންސަންގެ އެއްވެސް އިޙުތިރާމެއް ނެތްކަން އެނގިއްޖެކަމަށް އެ ޤައުމުގެ ގިނަ ޢަދަދެއްގެ ޢާއްމުންވަނީ ފާހަގަކޮށްފައެވެ.
ފާއިތުވި ދުވަސްތަކުގައި ޖޮންސަންގެ މަޤުބޫލުކަންވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެ ގޮތުން ޚިޔާލުހޯދުމުގެ ސާވޭތަކުން ދައްކައި ގޮތުގައި އޭނާ އިސްތިޢުފާދެއްވަން ޖެހޭކަމަށް %57 މީހުން ޤަބޫލުކުރެއެވެ. އަދި އޭނާ ޤަސްތުގައި އިތުރުފުޅުހެއްދިކަމަށް %75 މީހުން ޤަބޫލުކުރެއެވެ.
2020ވަނަ އަހަރުގެ ޖޫން މަހުގެ 19ވަނަ ދުވަހު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ބާއްވާފައިވަނީ ޖޮންސަނަށް 56 އަހަރުފުރުމުގެ މުނާސަބަތުގައި ބޭއްވި އުފަންދުވަހުގެ ހަފުލާއެކެވެ. މީގެ ކުރިން ޖޮންސަން ވިދާޅުވީ އެއީ ޕާޓީއެއްކަމެއް އޭނާއަށް ކުރިން އެނގިވަޑައިނުގަންނަވާކަމަށާއި އޭނާ އެ ހަފުލާގައި ހޭދަކުރެއްވި 10 ވަރަކަށް މިނެޓުކަމަށެވެ.