ޚަބަރު

އިންޑިޔާއިން އިތުރު 2 ބިލިޔަން ޑޮލަރު ލަންކާއަށް ދެނީ


ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް އެ ޤައުމަށް އިތުރު ދެ ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް އިންޑިޔާއިން ނިންމައިފިއެވެ.

ފާއިތުވި ދުވަސްތަކުގައި ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަޑިގަނޑުން އަރައިގަތުމަށް އިންޑިޔާއިންވަނީ ލޯނާއި ހިލޭ އެހީގެ ގޮތުގައި 1.9 ބިލިޔަން އެމެރިކާ ޑޮލަރު ދީފައެވެ. އޭގެ އިތުރުން ސުރީ ލަންކާއިން ފަހުން ދައްކައި ގޮތަށް 500 މިލިޔަން އެމެރިކާ ޑޮލަރުގެ ތެޔޮ އިންޑިޔާއިންވަނީ ފޯރުކޮށްދީފައެވެ. އޭގެ އިތުރުން އިންޑިޔާއިންވަނީ އެތައް ސަތޭކަހާސް މެޓުރިކް ޓަނުގެ ހަނޑުލާއި ހަކުރާއި ގޮދަން ސުރީ ލަންކާއަށް ފޯރުކޮށްދީފައެވެ.

1948ވަނަ އަހަރުގެ ތެރޭގައި ސުރީ ލަންކާއަށް މިނިވަންކަން ލިބުނުފަހުން އެ ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޤްތިޞާދީ ކާރިޘާއިން އަރައިގަތުމަށް އިންޑިޔާއިންނާއި ޗައިނާގެ އެހީތެރިކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ އެދިފައެވެ. އެ ގޮތުން ޗައިނާއިންވަނީ އިތުރު 1.3 ބިލިޔަން އެމެރިކާ ޑޮލަރު ލޯނުގެ ގޮތުގައި ސުރީ ލަންކާއަށް ދީފައެވެ. އަދި އެ ނޫން ގޮތްގޮތުން އިތުރު 1.5 ބިލިޔަން އެމެރިކާ ޑޮލަރު ސުރީ ލަންކާއަށް ޗައިނާއިން ދީފައިވެއެވެ. ސުރީ ލަންކާއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނި ފަސް ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. އެއާއެކު އެ ދަރަނިތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސެމަށް ދެ ޤައުމުންވަނީ މަޝްވަރާކުރަން ފަށައިފައެވެ.

ސުރީ ލަންކާގެ ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ޤައުމަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް ކުރިޔަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ތިން ބިލިޔަން ޑޮލަރު ބޭނުންވާކަމަށެވެ. އަދި އަންނަ ޖުލައި މަހުގެ ތެރޭގައި އެ ޤައުމުން އެއް ބިލިޔަން އެމެރިކާ ޑޮލަރު ދަރަނީގެ ގޮތުގައި އެކި ފަރާތްތަކަށް ދައްކަން ޖެހެއެވެ. ނަމަވެސް އެ ޤައުމުގެ ސަރުކާރުން ބުނެފައިވަނީ އެ ޤައުމުގެ ޢާއްމުންނަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދެވެންދެން ބޭރުގެ ދަރަނިތައް ދެއްކުން މެދުކަނޑާލަން ނިންމާފައިވާކަމަށެވެ.