ވިޔަފާރި

ބީއެމްއެލް އިސްލާމިކް ފައިނޭންސަށް އޮންލައިންކޮށް މިހާރު އެދިލެވޭނެ!


އިސްލާމިކް ޕަރސަނަލް ފައިނޭންސިންގއަށް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެއްކަމަށް އެބޭންކުން ބުނެއެވެ. އެގޮތުން މިހާރު ބީއެމްއެލްގެ އިންޓަރނެޓް ބޭންކިންގް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އިސްލާމިކް ޕާސަނަލް ފައިނޭންސިންގްއަށް އެދެވޭނެކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގއަކީ މުސާރަ ލިބޭ ފަރާތްތަކަށާއި ރިޓަޔަމަންޓް ޕެންޝަން ލިބޭ ފަރާތްތަކަށް 300،000 ރުފިޔާއާ ހަމައަށް ދޫކުރާ ފައިނޭންސިންގއެކެވެ. މި ގޮތުން ތަކެތި ގަތުމުގެ ފުރުސަތުގެ އިތުރުން ކަސްޓަމަރުން ބޭނުންނަމަ ނަގުދު ފައިސާވެސް ދޫކުރާނެއެވެ.

މަހުން މަހަށް މުސާރަ ނުލިބޭ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މައިކްރޯ މެދުވެރިކޮށް 25،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެކަމަށް ބޭންކުން ބުނެއެވެ.

ޕަރސަނަލް ފައިނޭންސް އަދި ޕަރސަނަލް ފައިނޭންސިންގ މައިކްރޯއަށް 5 އަހަރުގެ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެއެވެ. ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާ ނެގޭ ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ފާހަގަކޮށްލެވޭ އުސޫލެއް ކަމުގައިވާ ތަވައްރުގް އުސޫލުންނެވެ.

ބީއެމްއެލް ލުއި އެކްސްޕްރެސް އަދި ލުއި މައިކްރޯ މިހާރު ނަގާފައިވާ ކަސްޓަމަރުންނަށްވެސް މި ފެސިލިޓީ މެދުވެރިކޮށް ރީފައިނޭންސް ކުރެވޭނެއެވެ.