ވިޔަފާރި

އެސްޓީއޯ ގޮދަން ފުށް ފެކްޓަރީން ކުޅުދުއްފުށްޓަށް "އިކޮނޮމިކް ޖަމްޕެއް" ލިބޭނެ: މޭޔަރ އާތިފް


އެސްޓީއޯގެ ގޮދަންފުށް ފެކްޓަރީ ކުޅުދުއްފުށީގައި އަޅާނެ ސަރަހައްދު ކަނޑައަޅައި، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު، މިއީ ކުޅުދުއްފުށްޓަށް އިގްތިސާދީގޮތުން އިންގިލާބީ ބަދަލުތަކެއް ގެންނާނެކަމަށް ޕްރޮޖެކްޓެއްކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރ ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ގޮދަންފުށް ފެކްޓަރީ ކުޅުދުއްފުށި ސިޓީގައި އެޅުމަށް އެސްޓީއޯއިން ނިންމާފައިވާކަން އެސްޓީއޯއިން ވަނީ މިދިޔަމަހު ހާމަކޮށްފައެވެ. އެ މަސައްކަތް ކުޅުދުއްފުށިން ކުރާނެ ސަރަހައްދެއް ކަނޑައަޅައި، އެތަން ބެލުމަށް އެސްޓިއޯގެ ޓީމެއް އެސިޓީއަށް ވަނީ ގޮސްފައެވެ. ކުޅުދުންފުށީގައި މިތަން އެޅުމަށް މިހާރު ނިންމާފައިވަނީ ކުޅުދުއްފުށީ ޕޯޓް ހުރި ސަރަހައްދުގައެވެ.

މިތަން ބެއްލެވުމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު އަދި އެސްޓީއޯގެ ޓީމެއް އެސިޓީއަށް ގޮސްފައިވާއިރު، އެމްޕީއެލް މެނޭޖިންގ ޑިރެކްޓަރ އަދި އެމްޕީއެލް ޓީމެއްވެސް މިދަތުރުގައި ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ކުޅުދުއްފުށީ މަޖިލިސް މެންބަރުންވެސް މިދަތުރުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ގޮދަން ފުށް ފެކްޓަރީ އަޅާ ބިން ހަމަޖެހިގެން ދިޔައީ ކުޅުދުއްފުށީ ކައުންސިލްގެ އެދިލެއްވުމަކަށްކަމަށް އެކައުންސިލް މޭޔަރ މުހައްދަމު އާތިފް ވަނީ ވިދާޅުވެފައެވެ. މޭޔަރ އާތިފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސްޓޭޕަލް ފުޑް ފެކްޓަރީ ކުޅުދުއްފުށި ސިޓީގައި ޤާއިމްވެގެން ދިއުމަކީ އެ ސިޓީއަށް ބޭނުންވެފައި އޮތް "އިކޮނޮމިކް ޖަމްޕް" ޖެހުމަށް ނުހަނު ބޮޑު ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

އާތިފް ވިދާޅުވީ މިތަނުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ފުށާއި ހަނޑޫ ކުޅުދުއްފުށިން ސަޕްލައިކޮށްދޭން ފެށުމުން، އެސިޓީގައި ހިންގާ ވިޔަފާރިތަކަށް ހެޔޮބަދަލެއް އަންނާނެ ކަމަށް ދެކޭކަމަށެވެ. އަދި އެސްޓީއޯގެ ފެކްޓަރީ އެސިޓީގައި ޤާއިމުވުމަކީ އެ ސިޓީ ވިޔަފާރި ހަބަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު އުއްމީދެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯގެ ގޮދަންފުށް ފެކްޓަރީ ސަރަހައްދު ބެއްލެވުމަށްފަހު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފެކްޓަރީ އަޅާނެ ބިން ކަނޑައަޅައި ނިންމާފައިވާކަމަށާއި، މިތަނުގެ ސަބަބުން ވަޒީފާގެ ފުރުސަތު އިތުރުވެ، ކާނާގެ ޔަޤީންކަން އިތުރުވެ، ޙަރަދުތައް ކުޑަވެގެން ދާނެ ކަމަށެވެ.

އަމްރު މީގެ ކުރިން ވަނީ، ގޮދަންފުށް ފެކްޓަރީ ތަރައްޤީކުރުމަށް ބޭނުންވާ ސަރވޭތަކުގެ މަސައްކަތް ނިމި އެކަމަށް ބޭނުންވާ ފަންޑުވެސް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ކުޅުދުއްފުށިން ބިން ހަމަޖެހުނުހާ އަވަހަކަށް އެކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަން އޭނާ ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ކުޅުދުށްފުށި ސިޓީން ބިން ލިބުމާއިއެކު ވަރަށް އަވަހަށް މަސައްކަތް ފެށޭނެ ކަމަށް ބެލެވޭކަމަށްވެސް އަމްރު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުން ޕްރޮސެސްކޮށްގެން މިހާރު ގެންނަ ފުށަކީ ގުދަންކޮށްފައި މާ ގިނަ ދުވަހު ބެހެއްޓޭނެ ފުށެއް ނޫންކަމަށް އެސް.ޓީ.އޯއިން ވިދާޅުވެއެވެ. އަދި އެތަކެތި ބެހެއްޓުމަށްޓަކާއި ގުދަންކުރަން ބޮޑެތި ޖާގަ ބޭނުންވާކަން އެކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން މިފަދަ ކާރުޚާނާއެއް ރާއްޖޭގައި ޤާއިމުވެގެންދިއުމުގެ ސަބަބުން އެކި ބޭނުންތަކަށް ޚާއްސަ ފުށް ތާޒާކަމާއެކު އުފެއްދޭނެކަމަށާއި، އެތަކެތި ރައްކާކޮށްފައި ބެހެއްޓޭނެ މުއްދަތު އިތުރުވެގެންދާނެކަމަށްވެސް އެސް.ޓީ.އޯއިން ވިދާޅުވެއެވެ.