ޚަބަރު

އާސަންދައިގެ އިސްރާފުކުޑަކޮށް، ހަރުދަނާ ބަދަލުތަކެއް ގެންނަނީ


ރައްޔިތުންގެ ޓެކްސް ފައިސާއިން ހިނގާ އިސްރާފުގެ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާއަށް ކުރާ ޚަރަދު ކުޑަކުރުމަށް ޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އާސަންދަ މެދުވެރިކޮށް ބޭސްފަރުވާގެ ޚިދުމަތް ދިނުމަށް ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން 16 ބިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. އާސަންދައިން ރައްޔިތުންގެ ބޭސްފަރުވާއަށް ބޮޑުހޭދައެއް ކުރާއިރު، އަދިވެސް ބައެއް ކުދިކުދި ބަލިތަކަށާއި، އާންމު ބައެއް ބަލިތަކަށްވެސް އާސަންދަ ލިބުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އާސަންދައިގެ ޚިދުމަތުގައި ހުރި މައްސަލަތައް ދެނެގަނެ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ފަށާފައިކަމަށެވެ.

އާސަންދައިން ކުރެވޭ ބޭކާރު ޚަރަދުތަކާއި، އަދި އެންމެ ޢާންމު ކުދިކުދި ޞިއްޙީ ކަންކަމަށްވެސް އާސަންދަ ނުލިބޭކަމުގެ ޝަކުވާއަކީ ލިބޭ ޝަކުވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަންކަމަށް ޙައްލު ގެނައުމަށްޓަކައި އާސަންދައިގެ ތެރޭގައި ހުރި މިފަދަ މައްސަލަތައް ދެނެގަނެ، ގެންނަން ޖެހޭ ބަދަލުތަކާއިއެކު އެކުލަވާލެވޭ ޚާއްސަ ރޕޯޓެއް މަޖިލީހަށްވެސް ހުށަހަޅުއްވާނެކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

"އާސަންދައިގެ އެހީ ލިބެންޖެހޭ ބައިވަރު ކުުދިކުދި ނުލިބޭ ކަންތައްތައްވެސް އެބަހުރި. އަޅުގަނޑު ބަލާފަ އެކަންތައްތަކަށް ވީ އެންމެ ރަނގަޅަކަށް ހައްލު ހޯދައި ދޭނަން." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައިވެސް އާސަންދައިން އެންމެބޮޑު މަސައްކަތެއް ކުރައްވާފައިވަނީ ކުންފުނި ހަރުދަނާކުރުމަށެވެ. އެގޮތުން ދެފުށްފެންނަ ނިޒާމެއް ކުންފުނީގައި އުފައްދައި ކުންފުނީގެ އަހަރީ ހިސާބުތަކުގައިހުރި ބޮޑެތި މައްސަލަތައް ޙައްލުކޮށް ކުންފުނީގެ އޮޑިޓެއް ހިންގަވައި ހުއްޓިފައިވާ ވިނަވި އާސަންދަ ސިސްޓަމްގެ ދަށުން މާލެއާއި އަތޮޅުތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުންވަނީ ގުޅާލާފައެވެ.

މަޖިލީހުގައި ކުރި ސުވާލުތަކުގެ ތެރެއިން ރާއްޖޭގެ ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް ޢިމާރާތްކުރުމަށް ކުރެވޭ މަސައްކަތާއި ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ ކުވެއިތު ފަންޑުން ކުރިއަށްދާ މިމަޝްރޫޢުގެ ފައިސާވެސް ހަމަޖެހިފައިވާކަމަށެވެ. މިމަސައްކަތް އެއްވެސް ހުއްޓުމެއްނެތި ކަނޑައެޅިފައިވާ ތާރީޚުގެ ތެރޭގައި ނިންމާލެވޭނެކަމުގައި މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.