ޚަބަރު

އަންނަ މަހު، 26 ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެ އަންނާނެ: ނަސީމް


ރާއްޖޭގެ ސިއްޚީ ދާއިރާގައި ޚިދުމަތްކުރާ ޑޮކްޓަރުންގެ ދަތިކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގެތެރއއިން މެއި މަހުގެ ތޭރޭގައި ކިއުބާއިން 26 ޑޮކްޓަރަކު އަންނާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމުގައި ހުރި މައްސަލަތަކުގެ ތެރެއިން ޑޮކްޓަރުންގެ ދަތިތަކަށް ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިމައްސަލައަކީ ޞިއްޚީ ދާއިރާގައި މިވަގުތު އޮތް އެންމެބޮޑު އެއްމައްސަލަ ކަމަށެވެ.

ޚާއްސަކޮށް ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ތިބި ގިނަ ޑޮކްޓަރުންތަކެއް ރާއްޖެ ދޫކޮށް ދިއުމާއި ގުޅިގެން ބަދަލުގައި ޑޮކްޓަރުން ހޯދުމަކީ ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށެވެ. ޚާއްސަކޮށް މިސަރަހައްދުން ޑޮކްޓަރުން ލިބުމުގައި އޮތް ދަތިކަމަކީ އެންމެ ބޮޑު ގޮންޖެހުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށް ޑޮކްޓަރުންނާއި، މުވައްޒިފުންނާއި، ވަސީލަތް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން ކިއުބާއިން މޭމަހުގެ ތެރޭގައި 26 ސްޕެޝަލިސްޓް ޑިކްޓަރުން އައުމަށް ހަމަޖެހިފައިވާކަމަށާއި، އެއާއިއެކުވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ޑޮކްޓަރުންގެ ދަތިކަމަށް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

"އެގިވަޑައިގަންނަވާނެ ކޯވިޑް ތެރޭގައި އަޅުގަނޑުމެންނަށް ބޭނުންވާ ވަރަށް ގިނަ މީހުން މިތަނުން ފުރައިގެން ހިގައްޖެ. އަޅުގަނޑުމެންނަށް ރެކްރޫޓް ކުރެއްވުމަށްވުރެ ފުރައިގެން ދިޔަމީހުންގެ އަދަދު މާ ގިނަ. އެހެންވީމަ އެގެޕް އަދިވެސް ފިލް ނުވެގެން މިއުޅެނީ. މިހާރުވެސް ސަރަހައްދުން ޑޮކްޓަރުން ގެނައުމަށް ވަރަށް ބޮޑަށް ދަތިވެގެން މިއުޅެނީ. ކިއުބާއިން އަންނަ ޑޮކްޓަރުން މޭމަހު އަންނާނެ. އެއީ 26 ސްޕެޝަލިސްޓް ޑޮކްޓަރުން." މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ބަޖެޓް ކުރެވިފައިވާ ރަށްރަށުގެ ޞިއްޙީ މަރުކަރުކަޒުތަކާއި، އާބާތުރަ ފިލުވުމަށް ބަޖެޓް ކުރައްވާފައިވާ ހޮސްޕިޓަލުތަކާއި، މަރުކަޒުތަކާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ތެރޭގައި ގިނަ ރަށްރަށުގެ މަސައްކަތްތައް ފެށިގެންދާނެކަމަށެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ހުރި މުވައްޒިފުންގެ ދަތިތަކަށްވެސް މިއަހަރުގެ ތެރޭގައި ހައްލު ގެނެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ރީޖަނަލް ހޮސްޕިޓަލްތަކަށާއި، އަދި މިހާރުވެސް ޚިދުމަތް ދެމުންދާ ހޮސްޕިޓަލުތަކަށް ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީނުކުރުމަށް ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތުތަކެއްވެސް ސަރުކާރުން ވަނީ ހުޅުވާލާފައެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލި ޑޮކްޓަރުން ސްޕެޝަލައިޒްވުމުގެ މި ސްކޮލަރޝިޕްގެ ދަށުން 15 ފުރުސަތު ވަނީ ހުޅަވާލައިފައެވެ. އެގޮތުން ސްޕެޝަލައިޒްވުމަށް 13 ދާއިރާއަކުން ޚާއްސަކޮށްފައިވާ 7 ހޮސްޕިޓަލަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ސްކޮލަރޝިޕްތަކުގައި ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް ދިވެހި ސަރުކާރުގެ ފަރާތުންކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ދެކޮޅު ޓިކެޓް، ސްޓައިޕެންޑް، ބުކް އެލަވަންސް، ކޯސް ފީ، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް އަދި އިންޝުއަރެންސްގެ އިތުރުން ވިސާ ޚަރަދުވެސް ހިމެނެއެވެ.