ޚަބަރު

ލ.އަތޮޅުގައި ޙިމާޔަތްކޮށްފައިވާ 3 ސަރަހައްދު


ލ.އަތޮޅުގެ 3 ސަރަހައްދެއް ޙިމާޔަތްކޮށް، މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން އެކަން ހާމަކުރައްވައިފިއެވެ.

މިއީ ކުރިންވެސް ރައްކާތެރިކޮށްފައިވާ ސަރަޙައްދުތަކެއްކަމަށް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.

ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދަކީ ލ. ގާދޫގެ ވެލާ އަރާ ސަރަހައްދާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި ފަޅު އަދި މޫދުވިނަ ސަރަހައްދެވެ. މި ސަރަހައްދު ޙިމާޔަތްކޮށްފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން 23 ޑިސެމްބަރު 2021ގައެވެ. މި ސަރަހައްދު ޙިމާޔަތްކޮށްފައިވަނީ 6ވަނަ ގިންތީގައި ކަމަށާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ބޮޑުމިނަކީ 614 ހެކްޓަރު ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މިތަން ހިމާޔަތްކޮށްފައިވަނީ އެރަށުގެ ދެކުނު ފަރާތާއި ހުޅަނގު ފަރާތުގެ ގޮނޑުދޮށަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އަދި ދުނިޔޭގެ ފެންވަރުގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ދެ ބާވަތްކަމުގައިވާ ކަހަނބު އަދި ވެލާ ބިސްއަޅާ، ވިހާ އާލާވާކަމަށް ޒަމާނުންސުރެ ފާހަގަ ކުރެވިފައިވާ ސަރަހައްދަކަށް ވާތީއެވެ. އެރަށުގެ ވަށައިގެންވާ މޫދު ވިނައާއި ފަރުގެ ސަރަހައްދަކީ ވެލާ ކަހަނބުގެ ކާނާ ފޯރުކޮށްދޭ އަދި ފަރުމަހުގެ ދިރުންތައް އާލާވުމަށް ބޭނުންކުރާ މާހައުލެއް ކަމަށާއި، އަދި ދުނިޔެ ހޫނުވުން ކުޑަކޮށްދިނުމަށް ކާބަން ރައްކާކޮށްދޭ މޫދުވިނައިގެ 6 ބާވަތަކާއި ފަރުމަހުގެ 91 ބާވަތް މި ސަރަހައްދުން ފެނިފައިވާކަމަށް ރެކޯޑުކުރެވިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި ރަށުގެ އިރުމަތީ ފަރާތުގައިވާ ޗަސްބިން ސަރަހައްދުގައިވާ މީރު ފެންކުޅިއަކީ ރަށުގެ ފެން ފަށަލަ ތާޒާކޮށްދޭ އަދި ރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކުރާ ސަރަހައްދެއް ކަމަށާއި، އަދި މި ސަރަހައްދުން މޫސުމީ ދޫންޏާއި، ހިމާޔަތްކޮށްފައިވާ ދޫނީގެ މާހައުލުތައް ދަމަހައްޓަން އެހީވެދޭ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ލ.އަތޮޅުން ޙިމާޔަތްކޮށްފައިވާ ދެވަނަ ސަރަހައްދަކީ ލ.ގާދޫ ހިތަދޫ ކަނޑުގެ ސަރަހައްދެވެ. މި ސަރަހައްދު ޙިމާޔަތް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން 23 ޑިސެމްބަރު 2021 ގައެވެ. މި ސަރަހައްދު ހިމާޔަތްކޮށްފައިވަނީ 6ވަނަ ގިންތީގައި ކަމަށާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ބޮޑުމިނަކީ 777 ހެކްޓަރު ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި ސަރަހައްދު ހިމާޔަތްކޮށްފައިވަނީ މި ސަރަހައްދަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ފަރުމަހުގެ ބާވަތްތައް ބިސް ދޫކޮށް ވިހާ އާލާވާކަމަށް ރިކޯޑް ކޮށްފައިވާ ސަރަހައްދަކަށް ވާތީ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މި ސަރަހައްދުން ފެންނަ މުހިންމު ދިރުންތަކުގެ ތެރޭގައި ދިވެހި ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ވެލާ އާއި ކަހަނބު އަދި އެންމަޑިއާއި ފަރުމަހުގެ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުން ތަފާތު ބާވަތްތަކުގެ މިޔަރާއި މަޑި ފެންނަކަމަށްވެސް ރެކޯޑް ކުރެވިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ލ. އަތޮޅުން ހިމާޔަތްކޮށްފައިވާ ތިންވަނަ ސަރަހައްދަކީ ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދެވެ. އެ ސަރަހައްދު ހިމާޔަތްކޮށްފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން 23 ޑިސެމްބަރު 2021 ގައި ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މި ސަރަހައްދު ހިމާޔަތްކޮށްފައިވަނީ 7 ވަނަ ގިންތީގައި ކަމަށާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ބޮޑުމިނަކީ 706 ހެކްޓަރު ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ސަރަހައްދު ހިމާޔަތްކޮށްފައިވަނީ މި ސަރަހައްދަކީ ފަރުމަހުގެ ބާވަތްތައް ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށްވާތީއާއި، ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރެއިން އެންމަޑި، ކަހަނބު، ވެލާ އަދި އެކި ބާވަތްތަކުގެ މިޔަރު މި ސަރަހައްދުން ފެންނަ ކަމަށް ރެކޯޑް ކޮށްފައިވާތީ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. ބޮޑު ފިނޮޅަކީ އައިންމަތީ ދޫނި ނިދުމަށާއި ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ.