މުނިފޫހިފިލުވުން

ވާހަކަ: މެދުފިރި


މަންމީ... އަޅުގަނޑު ބޭނުން ބައްޕަ ވެސް ގެންދަން. ކީއްވެތަ ބައްޕަ ނާންނަނީ؟
ދަރިފުޅާ ޔޫސުފް! ބޭނުންވާ ކޮންމެ ކަމެއް ނުވާނެޔޭ. މަންމަވެސް ބޭނުންވާ ބައިވަރު ކަންކަން ހުރޭ. އެކަމަކު ކިހިނެއް އެ ހުރިހާ ކަމެއް ވާނީ؟ މިއީ ދުނިޔެ. އެކި ފަހަރު ފެންނާނީ އެކި ކުލަ. މިންވަރުފުޅަށް އީމާންވާންޖެހޭނެ. ދެން ހިނގާ ދާން."
އެއީ ޝެހެނާޒު އެންމެ ފަހުން ބުނި ބަސްކޮޅެވެ. ދެން ނުކުތީ އަހަރެން ވެއްދި ދޮރުންނެވެ. އިތުރު ތަންމައްޗަކާއި އެކުގައެވެ. އެއީ ކައިވެނި މައްޗަށް އަހަރެން ދިން ހަދިޔާއެކެވެ. ޝެހެނާޒު ބޭނުން ވެގެންނެވެ. އަހަރެން އެކަމަށް ތައްޔާރުވެގެންނެއް ނޫނެވެ. އަހަރެން އެނބުރުނީ އަނެއް ފަރާތަށެވެ. އެ ދެލޮލުގައިވި މޮޅިވެރިކަމާއި އާދޭސް އަހަރެން ދުށީމެވެ. ބަލަން ބޭނުން ނުވީއެވެ. ފެންނަކަމަށްވެސް ނުހެދީއެވެ. ވީ ދެރައަކުން ނޫނެވެ. އެއީ އަހަރެން ބޭނުންވި ގޮތަށްވީމައެވެ. އަހަރެން ހުރީ އުފަލުންނެވެ. އެއީ އަހަރެން ކުރެހި މަންޒަރަކަށްވީމައެވެ. އެ މަންޒަރުގައި ކުލަޖެއްސީވެސް އަހަރެން ބޭނުންވި ގޮތަށެވެ. އަހަރެންގެ އަމިއްލަ ފިހިންނެވެ. ބޭނުންވާވަރު ވުމުން ދެން އެގަނޑު އިރާލީއެވެ. ހަމަ އަހަރެންގެ ދެއަތުންނެވެ.

އާގަނޑެއްގައި ކުރަހަން ބޭނުން ވުމުންނެވެ. އެކަމަށް ހިތާއި ނަފުސު އެދުންވެރި ވީލެއް ބޮޑުކަމުންނެވެ.
ޝެހެނާޒަކީ ކެތްތެރި އަންހެނެކެވެ. ގެވެހި އަނތްބެކެވެ. ދީންވެރިކަމުގެ ނަމޫނާއެކެވެ. އޯގާތެރި ހިންހެޔޮ ބައިވެރިއެކެވެ. ކިޔަމަންތެރިކަމުގެ ލާމަސީލެކެވެ. އަމިއްލަ އިހުސާސްތައް އެހެންމީހުންނަށް ސިއްރުކޮށްލަން އެވަރެއް ނުހުންނާނެއެވެ. އޭނާގެ ޖާނާއި މާލު އަހަރެންނަށް ހަދިޔާ ކުރީ އަހަރެންގެ ރަނގަޅުކަމަކުން ނޫނެވެ. އޭނާގެ ''މުށް ދޫ '' ކަމުންނެވެ. ދީލަތި އަންހެނެކެވެ. ފަސްމީރު ކުރި ރުކެކެވެ. އަހަރެންނަށް ނުވެވުނީ އޭނާދެކެ ލޯތްބެވެ. އެއީ އެންމެ މުހިންމު ކަންތައް ކަމުގައި އަހަރެން ދުށީމެވެ. ދެން އަހަރެން ބޭނުންވީ ފައިސާއެވެ. ޝެހެނާޒުގެ ހިތް މުއްސަންޖެވެ. އަހަރެން ބޭނުންވީ ޑޮލަރު އެކައުންޓެކެވެ. ޝެހެނާޒަކަށް އެޔެއް ނުދެވުނެވެ. އަހަރެން ފޫހިވީ އެސަބަބާ ހުރެއެވެ. ޝެހެނާޒުދެކެއެވެ. އެ ދިރިއުޅުން ދެކެއެވެ.

އެ ސޫރަދެކެއެވެ. ދެން އެ ސޫރައާ ގުޅިގެން އުފަންވި އަހަރެންގެ ކުޑަ ސޫރަ ދެކެއެވެ. އަހަރެން ކަމެއްގެ މަތިން ފޫހިވެއްޖެނަމަ ވާ ގޮތަކީ މިއީއެވެ. އެކަމަކުން އެއްކޮށް އަތް ފޮޅާލަން ޖެހޭނެއެވެ. އެހެންނޫނީ ހަށިފުރާ ނޭވާއެއް ނުލެވޭނެއެވެ.އެހެނަސް އިށީއިންނާނެ ގަލެއް ނުބަލާ އުދުއްސައިގަތުމަކީ އަހަރެންގެ ގޮތެއް ނޫނެވެ. އެހެންވެ އެއްކަމުގެ ތެރޭން އަނެއްކަމެއް ފެށީމެވެ. ހަމައަށް ގަލުގައި ފައިހަރުލުމުން ކުރިން ކޮށްޓަށްލީ ދޫނި މިނިވަން ކުރީއެވެ. ޝެހެނާޒު ވަރި ކުރީއެވެ. ދެން ގެއިންވެސް ނެރެ ބޭރުކޮށްލީއެވެ. މިއަދު އޭނާ އެދަނީ އަހަރެން ދިން ސެޓްފިކެޓާއި އެކުގައެވެ. ގެއިން ނުކުތުމުގެ ހުއްދައެވެ. އެ މައުސޫމް ދަރިފުޅާވެސް އެކުގައެވެ. އެއީ އަހަރެން ނިޔާ އިއްވި ގޮތެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލުމުގެ ނަތީޖާއެވެ.

'' ކެތްތެރިވާންވާނީވެސް ވަކި ވަރަކަށް. ލޯބިނުވާ މީހަކާ އެއްކޮށް ތިޔަހެން ގަނެތެޅޭނެ ކަމެއް ނެތް. ހަމީދު ތިއީ ފިރިހެނެއްނު. ބާރުގެ ބޭނުން ކޮށްލާ. ބުނި ވަރެއް ދޭނަން. އަހަރެންގެ އަތުގާ ހިފާ.''

އަހަރެންގެ ރާޅުބާނީ އިސްތަށިގަނޑުގެ ތެރެއަށް ހުދުނާގެ ހިމަހޯލި އިނގިލިތައް ކޮށްޕާލަމުން ބުނެލިއެވެ. ހުދުނާގެ އެ ބަސްތަކުގެ އަސަރު އަހަރެންގެ ސިކުނޑީގެ އެންމެ ފުނަށް ކުރުވިއެވެ. އެ ދޮން މޫނުގައިވި އަސަރުތައް ތަރުޖަމާކުރަން އަހަރެންނަށް އުނދަގުލެއް ނުވިއެވެ. އެދިގު އެސްފިޔަތަކުގެ ތެރޭން ކަޝްފުވި ދެލޮލުގައިވި އެދުންވެރިކަން ދުވާލުގެ އަލިކަންހެން ފާޅުވެ އެނގެން ހުއްޓެވެ. އަހަރެންނަށް ހުދުނާއާމެދު ފިކުރާވެވުނީ އެހިސާބުންނެވެ. ޝެހެނާޒުގެ ނަން ހިތުން ފޮހެލަން ބޭނުން ކުރި ރަބަރު ދިނީ ހުދުނާއެވެ. އެއީ ފިސާރި ކަނބަލެކެވެ. ތެދަށް ހިނގާ މީހާވެސް އެކޮޅުކޮޅުން ހިނގުވާފަދަ ކުޅަދާނަ އަންހެނެކެވެ. މީހުންގެ ނަޒަރުތައް ލަންބުވާލާފަދަ ހިތްގައިމު ކަމެއް ހުދުނާއަށް ލިބިފައިވެއެވެ. އޮމާން އަލި ހަންގަނޑެކެވެ. ފަށުވި ދިގު އިސްތަށިގަނޑެކެވެ. މަޑު ފިޔާތޮށިކުލައިގެ ތުނި ތުންފަތެކެވެ. ހީލުމުން ކަނައަތު ކޮލުން ފާޅުވާ އަޑިކޮޅެވެ. ބުރުހަމަ މޫނެކެވެ. ހިތްތައް ފޮތިފޮތިކޮށްލާފަދަ ތޫނު ކަޅިރަވައެކެވެ. ސަމައްތަރުހެޔޮ މެދުމިން ހަށިގަނޑެކެވެ. ހާމަކަންބޮޑު ހެދުން އެޅުމުގެ ވައްޓަފާޅިއެވެ. މީހުންނަށި ސިހުރު ޖައްސަމުން ހިނގަމުންދާ ފަރި ހިނގުމެކެވެ. މިހެން ގޮސް ނަން ހުސްކޮށެވެ. މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިއެކެވެ. ލޯބިން ހަލާކުކޮށްލާފައިވާ ޖިސްމެކެވެ. ފައިސާމަތީ އުދުހެމުން ދާއިރު ޚިޔާލެއް ފިކުރެއް ނެތެވެ.

ހުދުނާއާއި އެންމެ ފުރަތަމަ ހަތަރުކަޅި ހަމަވީ ދުވަސް އަހަރެން އަދިވެސް ހަނދާން އެބަހުއްޓެވެ. މާދުރުނޫން ހަނދާނެއްގެ ގޮތުގައެވެ. އެއީވެސް ގޭގެ އޮޅި ގިރާނުކުރަންވެގެން މަގުތައްމަތީ ކުރުކާލި ކެނޑި ދުވަހެކެވެ.
'' ހަމީދު! މަޑުކޮށްބަލަ!''

އަންހެންވަންތަ އަޑެކެވެ. ހީވީ އަކުރުތަކާއިއެކު ބަސްތައް ވެސް ކަންފަތަށް ވިރުވާ އަޅާލި ހެންނެވެ. ޖާދުވީ މަސްތީއަސަރެއް އެއަޑުގައި ވިއެވެ. ކުރިއަށް ނެގިފިޔަވަޅުވެސް އެޅުނީ ފަހަތަށެވެ. ދެން އިތުރަކަށް ކެތެއް ނުވިއެވެ. އެއަޑުގެ ނިވަލުގައިވާ ސޫރަ ދުށުމަށް ސިކުނޑި ހިތަށް އިންޒާރު ދިން ފަދައެވެ. ފިލުމެއްގެ ލަސް މަންޒަރެއްހެން ވަށައިގެންވީ މާހައުލު ސިފަވާން ފެށިއެވެ. އެ މަންޒަރުގައިވަނީ އެ ޖާޒުބީ އަޑުގެ ވެރި އަންހެން ކުއްޖާއާއި އަހަރެންނާހެން ހީވިއެވެ. މަޑުމަޑުން އަހަރެން ވާތްފަޅިއަށް އެނބުރުނީމެވެ. އަޑު އައީ އެފަޅިން ކަމަށް ޔަގީން ކޮށްފައެވެ. ދެން ބައްދަލުވީ ހަތަރު ކަޅިއެވެ. އަހަރެންގެ ހަށިގަނޑާއެކު ހުއްޓުނީ ހިތެވެ. ދުނިޔެ މަތީ ކަމެއްބާއޭ ހިތަށް އެރިއެވެ. ރަންކުލައިގެ ފަން އިސްތަށިގަނޑެކެވެ. ރޫފަހެޔޮ ހަށިގަނޑެކެވެ. ފޮރުވިފައިވާ ބަޔަށްވުރެ ބޮޑީ ހާމަކަންބޮޑު ބައެވެ. ޒަމާނީ އަވިއައިނަކުން ފަރުދާކޮށްލާފައިވާ ދެލޮލެވެ. ކުޑަ ނޭފަތެކެވެ. ލަދުރަކި ހިނިތުންވުމެއް އަހަރެންނަށް ރައްދުކޮށްގެން އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގައި އެއްފައި މައްޗަށް ހުއްޓިލައިގެން ހުއްޓެވެ.

އަހަރެންނަކަށް ބަހެއް ނުބުނެވުނެވެ. އަނގަތެރޭގައި ދޫ ތާށިވީހެންވެސް ހީވިއެވެ. ސިކުނޑިވެސް ވަގުތު ކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. އޭނާ އެގޮވަނީ އަހަރެންނަށް ބާއޭ ހީވެ ދެކޮޅުވެސް ބަލާލެވުނެވެ. އިތުރު މީހަކު ފެންނާކަށް ނެތެވެ. އަހަރެންގެ މޭގައި ޝަހާދަތް އިނގިލި ޖައްސާލަމުން ނިތަށް ރުލެއް އަރުވާލާފައި އަހަންނަށްހޭ ބުނާފަދަ އިޝާރާތެއް ކޮށްލެވުނެވެ. އެއީ އަހަރެންނަށް ވީވަރެވެ. އެއްގޮތަކަށްވެސް އަނގައެއް ނުހުޅުވުނެވެ. މިވީ ވަރެއްތާއޭ ބުނެ އަމިއްލަ ނަފުސަށް ކުދިކިޔާލެވުނެވެ. އިންސާނުންނަކީ ރީތި އެއްޗެއްސާ ތަންތަނަށް ލޯބިކުރާ ބައެކޭ ބުނާތީ އަޑުއަހަމެވެ. އެ ބަހުގެ ހަގީގަތް މިއެނގުނީ އަދި ކިރިޔާތާއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ލޯ ކުރިމަތީން ފެންނަން ހުރީ ހަތްރީތި ހުސްކޮށްގެން ހުރި ފަތްމިންޏެކެވެ. ހަމަގައިމުވެސް އަހަރެންގެ ޖިސްމަށް ވަރުގަދަ ސިހުރެއް ޖެހިއްޖެއެވެ.
'' ހަމީދަށޭ މިގޮވަނީ.. ހަމަހޭގަތަ ތިހުރީ؟ ތިއީވެސް ހިނދުކޮޅު އަންނަ މީހެއްދޯ؟ ''
'' އާނ.. ހަމަހޭވެރިކަން ގެއްލިއްޖެ. ހިނދުކޮޅުވެސް އަތުވެއްޖެ. ހަދަންވީގޮތްވެސް އޮޅިއްޖެ. ލޭދައުރުވުމުގެ ތަރުތީބުވެސް ބަދަލުވެއްޖެ. އަޑުވެސް ކާޅު ގެންގޮއްސި. ނުވާންހުރި ކަންކަން ވެސް ވެއްޖެ. ''
އަހަރެންނަށް ހިތާހިތާ ކިޔާލެވުނެވެ. ދުލާއި ހަމައަށް އެބަސްތައް ފޯރާ ގޮތެއް ނުވިއެވެ. ދެންވެސް ޖެހި ބުދެއްހެން އެތާ ހުރެވުނީއެވެ. ބަސް ހުއްޓިފައެވެ. ލޯވެސް ހުއްޓިފައެވެ. ހިތުގެ ހިނގުން ނުހުއްޓޭކަމާއިމެދުވެސް ޝައްކެވެ.
'' ބަލަ ހަމީދޫ... އަހަރެން ނޭނގުނީތަ؟ މިއީ ހުދުނާއޭ... ބަދުރުއްސަމަދުގެ ދަރި''

އެއީ ތިންވަނަ ފަހަރެވެ. ހުދުނާގެ ދުލުން އަހަރެންގެ ނަން އެކިއީ ތިންވަނަ ފަހަރަށެވެ. އަހަރެންނަށް ހަތްވަނަ އުޑުން ބިމަށް ފޭބުނުހެން ހީވިއެވެ. ވަރަށް މަސައްކަތުން ނަފުސުގެ ހުންގާނު ހަމައަކަށް އެޅުވީމެވެ. ހުދުނާއާ ކުރިމަތިލުމަށް މައިދާނަށް ނުކުތީމެވެ. ކަށިން ހިތްވަރު ނެރެގެންނެވެ. ދިރިއުޅުމުގައި ކަމަކާޖެހި އެއާ ހިތްވަރުކުރަންޖެހުނު ފަހަރެއް އެނޫނީ އަހަރެން ހަނދާނެއް ނުވެއެވެ. އެހެންވީމާ އެހަނދާންނެތޭނީވެސް ކިހިނަކުން ހެއްޔެވެ؟

އެއީ ހުދުނާއާ އަހަރެންގެ ފުރަތަމަ ބައްދަލުވުމެވެ. ސަލާމަށް އެދި ދިއްކޮށްލި އަތުގައި އަހަރެން ހިފީ ހިތުންރުހުމުންނެވެ. އަމިއްލަ ނަފުސަށް ފަޙުރުވެރިވެ ހުރެއެވެ. ނަސީބު އަތުގާ ހިފީކަމުގައި ޔަގީންކޮށްގެންނެވެ. އެއީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއްދުވަހެވެ. ހުދުނާ ކަހަލަ ހޫރުޕަރިއެއްގެ ރާޑަރަށް އަހަރެންފަދަ އޮއްސިފައި އިން ތަރިއެއް އެރީމެވެ.

ހުދުނާވީ އަހަރެންގެ އުޑަށްއެރި ހަނދަކަށެވެ. އެ ހަނދުގެ އަލިކަމުން އަހަރެންގެ މުޅި ހަޔާތް ރޯޝަންކުރަމުން ދިޔައެވެ. ދުވަހެއް ދުވަހަކަށް އެއަލި ދިޔައީ ގަދަވަމުންނެވެ. ބައެއް ފަހަރު އަހަރެންގެ ލޯ މަރާލަންޖެހޭ ފަހަރުވެސް އާދެއެވެ. އެ އަލީގެ ވަރުގަދަކަމުންނެވެ. އަހަރެންނަށް މަދުވާ އެއްޗެއް ނުހުރެއެވެ. އެ އެއްޗެއްގެ ފުރަތަމަ އަކުރު ބުނާއިރު އެ ހުންނަނީ ކުރިމަތީގައެވެ. ރެސްޓޯރެންޓުތަކަށްގޮސް ބިލު ދައްކާކަށް ނުޖެހެއެވެ. އަހަރެންގެ ޖީބުން އަތް ނުނެގި އުޅެނިކޮށް ހުދުނާ އެކަން ނިންމާލާނެއެވެ. އަގުބޮޑެތި ހަދިޔާތައް ގަނެދޭކަށް ނުޖެހެއެވެ. ހުދުނާ އަތުގައި މަދުވާ އެއްޗެއް ނުހުންނާތީއެވެ. އެއީ ބޭކާރު ހަރަދެއް ކަމުގައި ހުދުނާ ދެކޭތީއެވެ. އަހަރެންނަށް ހުދުނާ ދެކޭ ގޮތަށް ވަރަށް އިހުތިރާމު ކުރެވެއެވެ. ހުދުނާވެސް އެފަދައިން ކަންތައް ކުރާތީއެވެ. ހުދުނާއަކީ އެއްވަނައެވެ. ހުރިހާކަމެއްވެސް އެހާ ފުރިހަމައެވެ. އެހެން މީހުންނާ މުޅިން ތަފާތެވެ. އެއީ އަހަރެންނަށް ހުދުނާއާމެދު ނިންމުނު ގޮތެވެ. އަހަރެންގެ ހިތް ހުދުނާ ފަތަހަ ކުރީ އެފަދަ އުކުޅުތަކަކުންނެވެ. މާކުރިން އަހަރެން ދަސްކޮށްފައިވާ މީހެއްފަދައިންނެވެ.
'' ހަމީދު! އަހަރެން ބޭނުންވަނީ އަބަދުގެ އަބަދަށް ހަމީދުގެ މިލްކަކަށް ވާން. އަހަރެންނަކަށް ދެން ހަމީދާ ވަތްކަކުން ނޫޅޭވޭނެ. ކޮންއިރަކުން އަހަރެންނަށް ހަމީދުގެ އަނތްބެއްގެ ޝަރަފު ލިބޭނީ؟'' އަހަރެންގެ މޭގެތެރޭ އެ ސާދާ މޫނު ފޮރުވައި މެދުހަށީގައި އެ ދެއަތް ވަށާލައިގެން އޮވެ އާދޭހުގެ ރާގެއްގައި ހުދުނާ ބުނެލިއެވެ.

އެއީ އަހަރެން އިންތިޒާރު ކުރި ވަގުތެވެ. ގުނަމުން ދިޔަ އިންތިޒާރީގެ ނިމުމެވެ. އަހަރެން ބޭނުންވީ ހުދުނާގެ ދުލުން އެހެން ބުނާ އަޑު އަހާށެވެ. އެ ޖުމުލަ އެހުމަށް ހާދަ ކެތްތެރިއެއް ވާންޖެހުނެވެ. އެކަމުގެ މޭވާވެސް ފޮންޏެވެ. ހީކުރި ވަރަށްވުރެވެސް ފޮންޏެވެ. އެހެންވެ ހުދުނާއަށް ޖަވާބެއް ދިނީމެވެ.
'' ހުދޫ.. ތިއަށްވުރެ އަހަރެން ލޯބިވާ އިންސާނަކު މި ދުނިޔެއަކު ހަމަގައިމުވެސް ނުހުންނާނެ. ދެން އަހަރެން ހުދޫއާ ބައްދަލު ކުރާނީ ޣާޒީ އާއި ހެކިންނާއެކު. އެގޮތް ކިހިނެއް ވާނީ؟'' ހުދުނާއަށް ހީވީ ދެ ޢީދު އެއްފަހަރާ އައިހެންނެވެ. ފިނިފެންމަލެއްހެން އެ ދޮން މޫނު ފޮޅިލިތަން އަހަރެން ދުށީމެވެ. އޭނާއަށް އުޅެވުނު ގޮތެއްވެސް ނޭނގުނެވެ.
'' އަހަރެން ވަރަށް އުފާވެއްޖެ. ތިހާ ބޮޑަށް އަހަރެންދެކެ ލޯބިވީމާ.. ތެންކިޔު ހަމީ''
ހުދުނާއަކަށް އިތުރު ބަހެއް ނުބުނެވުނެވެ. އުފަލުންގޮސް ރޮވުނީއެވެ.

ހުދުނާ އަހަރެންގެ ހައްގަކަށް ހެދުމަށް ނިންމީމެވެ. ޝެހެނާޒު ފެޔަށް ޖައްސާލާފައެވެ. އެ ދިރިއުޅުމުގައި ފުލުސްޓޮޕު ޖެހުމަށް ފަހުގައެވެ. އެއީ ހުދުނާ ބޭނުންވި ގޮތެވެ. އެހެންވެ އަހަރެންވެސް އެގޮތް ބޭނުންވީއެވެ. ޝެހެނާޒުގެ ބާބު ނިންމާލީއެވެ. ހުދުނާގެ ބާބަށް ފުރުސަތު ދެމުންނެވެ. ހުދުނާއަށް އަހަރެން އެނގެއެވެ. އަހަރެން އެންމެ ގަޔާވާ އެއްޗެއްސެވެ. ލޯބިކުރާ ކަންކަމެވެ. އަހަރެންގެ ފަތިފުށެވެ. ދެންވެސް ހުރިއްޔާ ހުރި ކަމެކެވެ. އެކަމަކު އަހަރެންނަކަށް ހުދުނާއެއް ނޭނގެއެވެ. އޭނާ ގަޔާވާ ކަންކަމެއް ނޭނގެއެވެ. ގަޔާވާ އެއްޗެއްސެއް ނޭނގެއެވެ. ބޭނުންވާ އެއްޗެއްސެއް ނޭނގެއެވެ. ފަތިފުށެއްވެސް ނޭނގެއެވެ. ހޯދާކަށް ނުވެސް އުޅެމެވެ. ހުދުނާއަށް ކުރާ އިތުބާރުގައި ކުނި ޖެހިދާނޭތީއެވެ. އެ ލޯތްބަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ. އަހަރެން އެފަދަ ކަންކަމާއި ޝަކުވާއެއް ނުކުރަމެވެ. ކުރާނެ ފުރުސަތެއް ނުވެސް ލިބެއެވެ. ހުދުނާގެ ލޯތްބަށް އަހަރެން ޝައްކެއް ނުކުރަމެވެ. އޭނާގެ އަމަލުތައް އެކަމުގެ ހެއްކަކަށް ފުދުނެވެ. އަހަރެން ފެނުމުން އޭނާގެ މޫނުން ފާޅުވާ އުޖާލާ އަލިކަމުންނެވެ. އަހަރެންގެ އެދުންތައް ދެނެގަންނަ ހަލުވި މިނުންނެވެ. ލޯބިންކޮށްލާ ސަމާސާތަކުންނެވެ.

އަހަރެންނަށް ދުނިޔޭގެ އެހެންކަމަކާ ފިކުރުކުރާނެ ޖާގައެއް ނުލިބެއެވެ. އަބަދުވެސް ސިފަވަނީ ހުދުނާއެވެ. ކޮންމެ ސިކުންތަކުވެސް ހުދުނާގެ ހިޔަނިހެން ގާތުގައި ވުމަށް އެދެވެން ފެށިއެވެ. އެ ބީހުމަށް ނަފުސު އާދޭސް ކުރަންފެށިއެވެ.
އެހެންވެ ކައިވެނި އަވަސްކުރީމެވެ. ހުދުނާވެސް އެގޮތް ބޭނުންވުމުންނެވެ. ކައިވެނީގެ ފޯމު ފުރީ ހެކިންނެވެ. އަހަރެން ކޮށްލީ ސޮއެވެ. މާބޮޑު ވަލީމާއެއް ބާއްވާކަށް ހުދުނާ ބޭނުމެއް ނުވިއެވެ. އަހަރެންވެސް ބޭނުންވީ ހުދުނާއެވެ. ބޮޑު ޕާޓީއެއް ނޫނެވެ.
ވަރަށް ސާދާ ގޮތަކަށް ކައިވެނީގެ ކަންކަން ނިމުނެވެ. ހުދުނާއަކީ ދެއްކުންތެރިކަން ދެކެ ވަރަށް ފޫހިވާ ކުއްޖެކެވެ. ހަފުލާގެ ތެރެއިން ހުދުނާގެ އާއިލާއިން ފެނުނީ ހަމައެކަނި އޭނާގެ ބައްޕައެވެ. އަހަރެން ސުވާލެއް ނުއުފެދެއެވެ. ހުދުނާގެ އާއިލާ އުޅެނީ ރާއްޖޭން ބޭރުގައެވެ. ހާލަތުގެ ގޮތުން އެމީހުންނަށް ކައިވެނީގެ އުފަލުގައި ބައިވެރިވެވެން ނެތީއެވެ. އެއީ ހުދުނާ ބުނިގޮތެވެ. އަހަރެން ހުދުނާއަށް އިތުބާރު ކުރަމެވެ. ހުދުނާ ބޭނުންވީ އަހަރެންނާ އިންނާށެވެ. އެކަން ކާމިޔާބު ވެއްޖެއެވެ. އަހަރެންވެސް ބޭނުންވީ އެކަމެވެ. ދެމީހުންގެ އެދުންވެސް ފުރިހަމަ ވީއެވެ.

އަހަރެން ހުރީ ހުދުނާ ގޮވައިގެން އެތަނުން ދާން ބޭނުންވެފައެވެ. އެއަތުން އަހަރެންގެ އަތް މިނިވަންވީ ވަގުތެއް ނާދެއެވެ. ޢުމުރަށް ގުޅިފައިވާ ދެ ހިތް ފަދައިން އެދެއަތް ވިއެވެ.

ވަލީމާގެ ކަންކަން ނިމުނެވެ. އަހަރެން ބޭނުންވީ ހުދުނާ ގޮވައިގެން އަހަރެންގެ ގެއަށް ދާށެވެ. ހުދުނާ ބޭނުންވީ ސީދާ ރިސޯޓަށް ދާށެވެ. އެއީ މާމުއި ހަނދަށް ހުދުނާ ކަނޑއަޅާފައިވާ މަންޒިލެވެ. އަހަރެން ހެދީ ހުދުނާ ބޭނުންވި ގޮތެވެ. ހަޔާތުގެ ނައުގެ ހުންގާނު އަހަރެން ދޫކޮށްލީ ހުދުނާގ އަތްމައްޗަށެވެ. ހުދުނާ ބޭނުން ސަހަރަކަށް ބަނދަރުކުރުމުގެ އިޙްތިޔާރު އޭނާ އަށް ދިނީމެވެ.
އަމާން ދަތުރަކަށް ފަހު މަންޒިލަށް ދެވުނެވެ. އަހަރެން އިންތިޒާރު ކުރަމުން އައިފަދަ ވަގުތުކޮޅެއް ލިބުނީ ދެނެވެ. ހުދުނާ އާއެކު އެކަނިވެލާނެ ވަގުތު ކޮޅެކެވެ. އަލަތު ދެމަފިރިންނަށް ތައްޔާރުކޮށްފައިވާ ތަނަވަސް ކޮޓަރިތެރޭގައި އަހަރެންނާ ހުދުނާ އެކަނިވިއެވެ. އަހަރެންނަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ހުދުނާ އަހަރެންގެ އަތުތެރެއަށްލާ ފިއްތާލީމެވެ.
'' ހާދަ ކެތްތެރިކަން ކުޑަވެފާ! އަދި ހަމީދަށް ދޭންވެފައި އޮތް ކައިވެނީގެ ހަދިޔާއެއްވެސް އެބައޮތޭ. ބަލަން ބޭނުމެއް ނުވޭތަ؟ ބައްޕަ އަހަރެންނަށް މާލޭން ގަނެދިން އެޕާޓުމެންޓު ހަމީއަށް ދޭން ނިންމައިފިން. މިއޮތީ ލިޔުން، ބޭނުންވަނީ ހަމީގެ ސޮއި. އިތުރު ކަމަކާ އުޅެން ބޭނުން ވަނީ މިކަން ނިންމާފަ''

އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހުދުނާ އަހަރެންދެކެ ހާދަ ލޯތްބެއްވެޔޭ ހިތަށް އެރިއެވެ. އުފަލުންގޮސް ހުދުނާ އުރާލެވުނެވެ. ވަށައިގެން އެނބުރިލެވުނެވެ. އެތަންމިތާ ބޮސްދެވުނެވެ. އުޅެވުނު ގޮތެއްވެސް ނޭނގުނެވެ. ހުދުނާ ދިން ކަރުދާހުގައި ސޮއި ކޮށްލީމެވެ. ޚިޔާލެއް ފިކުރެއް ނެތިއެވެ. އެ ކަރުދާހަށް ވުރެ ބޮޑަށް އަހަރެން ހުރީ ހުދުނާއަށް ދަހިވެފައެވެ. އެ ޖިސްމުގެ ހޫނުކަމަށް ބޭނުންވެފައެވެ. ހަޤީޤީ އުފާވެރިކަން ފެށުނީ އަދިކިރިޔާއޭ ހީވިއެވެ. ދެ ޖިސްމު އެކުވެ އެއްދާނެއްގައި އުފާ ހޯދަމުން ދިޔައީމެވެ. ލޯބި އޭގެ އިންތިހާއެވެ. ހުދުނާގެ މީރުވަސް މުޅި ޖިސްމު ވަށައިގެންވިއެވެ. ހަށިގަނޑަށް ލިބުނު އަރާމާއެކު ދެލޯ މެރުނީ ކޮންއިރަކު ކަމެއް އަހަރެންނަކަށް ނޭނގުނެވެ. ހޭވެރިކަމެއްވީ އެތައް އިރެއް ފަހުންނެވެ. ބަރުވެފައިވާ އެސްފިޔަތައް މަޑުމަޑުން ފިއްތާލުމަށްފަހު ހުޅުވާލީމެވެ. ފެނުނީ ފުސް މަންޒަރެކެވެ. ޒަމާނީ ކުރެހުން އަޅާފައިވާ ސީލިންކުގެ ޗާލުކަމެއް ނުފެނުނެވެ. އަނެއްކާވެސް އެސްފިޔަތައް ތަޅުވާލާފައި ލޯ ހުޅުވާލީމެވެ. މިފަހަރު މަންޒަރު ސާފު ވިއެވެ. އެމަންޒަރަކުން ހުދުނާއެއް ނުފެނުނެވެ.

އަހަރެންގެ މަގަތުގައި ހުދުނާ އޮތްތަނަށް ބަލައިލެވުނެވެ. ފެނުނީ ރޫބޮނޑިއަކަށްވެފައި އޮތް ފޮތިގަނޑެކެވެ. ހުދުނާއެއް ނެތެވެ. މަޑުމަޑުން އެނދުން ތެދުވެލީމެވެ.
ތަރުތީބު ގެއްލިފައިވާ ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނެވެ. އެތަންމިތަނަށް އުކާލެވިފައިވާ އަންނައުނުތަކެވެ. އެނދުމަތިން އެއްބައި ސޮހި ލެނގިފައިވާ ފޮތިގަނޑެވެ. އަލަމާރި ކައިރީ ގުޅަކޮށްފައިވާ ބާލީސްތަކެވެ. އެއިން އެއްވެސް ތަނެއްގައި ހުދުނާގެ ލިސާނެއްނެތެވެ. މަޑުހިނގުމެއްގައިގޮސް ފާޚާނާ ކައިރިއަށް ހުއްޓުނީމެވެ. ދެތިންފަހަރަކު ހުދުނާއަށް ގޮވާލީމެވެ. ޚަބަރެއް ނުވިއެވެ. ފާޚާނާ ދޮރުގައި އަތް ޖައްސާލީމެވެ. އުނދަގުލެއްނެތި ހުޅުވުނެވެ. ހުދުނާއެއްނެތެވެ. ސިކުނޑީގެ އެއްފަޅިން ބިރުވެރި ސިގުނަލެއް ފޮނުވަންފެށިއެވެ. ނިތްކުރިމަތިން ފެންބޮކި ހިލެން ފެށިއެވެ. އަތުޖެހުނު އަންނައުނެއް ގަޔަށް ހެޔޮވަރުކުރަމުން ކޮޓަރި ދޮރަށް މިސްރާބު ބެހެއްޓީމެވެ. އެއްލި ކަޅިއަކުން ލޮލުގައި އަޅައިގަތީ ވިހުރި ވިހުރި އޮތް ކަރުދާސްގަނޑެކެވެ. އެއީ ރޭގައި ހުދުނާ އަހަރެންނަށް ހަވާލުކުރި ލިޔުމެވެ. އަދި އެހެން ލިޔުމެއް ވެސް އޮތެވެ. އަހަރެން އަވަސް އަވަހަށް އެ ކިޔަންފެށީމެވެ.
'' ހުދުނާއަކީ އަހަރެންގެ އަނތްބެއް ނޫން. މިއީ އަހަރެން ، ހަމީދު އަދުނާނު ބުނިބަހެއްކަމަށް ހެކިވަން ''
ދެންއޮތީ އަހަރެންގެ ސޮއެވެ. ޖެހިގެން އޮތް ގަނޑުވެސް ކިޔަންފެށީމެވެ.
'' އަހަރެން ހަމީދުދެކެ ލޯތްބެއް ނުވަން. އަހަރެން ހަމީދު ހެދީ މެދުފިރިއަކަށް. އަހަރެންގެ އެދުން ފުރިހަމަ ވެއްޖެ. ކޯޓުން ބައްދަލުވާނެ ކަމަށް އުންމީދުކުރަން.''

އަހަރެންގެ ކަންކަށިމަތީ ހަންމުއްޓަކުން ވިހެލިހެން ހީވިއެވެ. އޭގެ ބާރުން މެރިފައިވާ ދެލޯ ހުޅުވުނުފަދައެވެ. އަހަރެން ހުރީ ހާދަހާ ކަނެއް ވެފައެވެ. އަންހެނަކާހެދި އާވާރާވެވުނީއެވެ. ތަނެއް ދޮރެއް ވަކިވާވަރު މިވީ އަދިކިރިޔާއެވެ. ހުދުނާގެ މަކަރުވެރިކަން ގިރައިގެން އަހަރެންނަށް ބޯންދިނީއެވެ. އޭގެ ބާރުން އަހަރެންގެ ހޭބުއްދި ފިލައިދިޔައީއެވެ. ހަމަ ހޭވެރިކަން ވީއިރު ދިރިއުޅުމަށް ދަތުރުފެށި ނައު ކަނޑުވެ ނިމިއްޖެއެވެ. ބޯނެ ފެންފޮދެއްވެސް އަތުވާވަރެއް ނުވިއެވެ. ހުރިހާ އެއްޗެއްވެސް އޮޔާ ދިޔައީއެވެ. ބޯމައްޗަށް ބިންދާލި ރާޅާއެކު އަހަރެންވެސް އަޑިޔަށް ދިޔައީއެވެ. އަހަރެންގެ ނޭވާ ހާސްވަމުން ދިޔައެވެ. ދެން ހިތަށް އެރީ ޝެހެނާޒާއި ދަރިފުޅު މަތިންނެވެ. އެއްޗެއް ބީވެދިޔުމުން އެ އެއްޗެއްގެ އަގު ވަޒަން ކުރެވެނީ ކީއްވެބާއެވެ؟ އެއީވެސް އިންސާނީ ޠަބީޢަތް ބާއެވެ؟ އެދެމައިންނަށް އަހަރެން ހާދަ ތުރާލެއް ދިނީމެވެ. ހާދަ ބިކަހާލެއް ޖެއްސީމެވެ. އެވަރުންވެސް ޝެހެނާޒު ބޭނުންވީ އަހަންނެވެ. އެ އަތުން ދޫކޮށްލީވެސް އަހަރެންނެވެ. އެކަމުން އެޅި މޭވާގައި ލީ ސީދާ ހިތިރަހައެވެ. މީހަކަށް ދެރައެއް ދީފައި ފޮނި މޭވާއެއް ކެވޭނެ ހެއްޔެވެ؟ އަހަރެންނަށް މިއަދު އޭގެ ޖަވާބު ސާފު ވެއްޖެވެއެވެ. އެކަމަކު ނެގި ގާގަނޑަށް ބޮލިއަރުވަން ދާހާ ހިތްވަރެއް އަހަރެންގެ ނެތެވެ. އަމިއްލަ އަތުން ފޭހުނު އިލޮށިގަނޑު ވަނީވެސް އަމިއްލަ ލޮލަށެވެ. ދެމީދާ ފެއްސި ބުޅަލަށް ޖެހުނު ހާލު އަހަންނަށްވެސް ޖެހުނީއެވެ. އަހަރެންނަކީ ބަނޑުފުރުމުންވެސް ކާހިތްވީ މީހެކެވެ. ކޭކޭނުން ފެޅުނީ ބަނޑެވެ. އެންމެ ފަހުވަގުތު އަހަރެންނަށް ލިބުނީ ތިންފަށްވެފައި އިން އަންހެނަކު ފަށްކެނޑި މީހާގެ ލަގަބެވެ. 'މެދު ފިރީގެ' ލަގަބެވެ. ހިތުގެ ދަހިވެތިކަމަށް މާބޮޑަށް އިޖާބަދެވުމެގެ ނަތީޖާއަކީ މިއީތާއެވެ.

އަހަރެންނަށް ހުދުނާގެ މަކަރުވެރިކަން ސާބިތުކޮށްދެވުނީހެވެ. އެގޮތް ބޭނުންނުވީއެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވުނުލެއް ބޮޑުކަމުންނެވެ. އަމުދުން ހުދުނާފަދަ ކެހިވެރިއެއްގެ ފަހަތުން ބިސްމަޅިދުއްވަން ބޭނުންވެސް ނުވީއެވެ. އެހެންވެ ހުދުނާ ދިން 'ފަށް' ކަރަށް ހެޔޮވަރުކުރީއެވެ. 'މެދުފިރީގެ' ފުލާއި އެކުގައެވެ

-ނިމުނީ-

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔެ ހުށައަޅާދިނީ އަމިނަތު އަލީ، ދިނަށަ / ރ. އިނގުރައިދޫއެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 10 ރަމަޟާން 1443 އެވެ.