ކުޅިވަރު

ފަހު މެޗުގައި ތުރުކުމެނިސްތާން އަތުންވެސް ރާއްޖެ ބަލިވެއްޖެ


އޭޝިއަން ފުޓްސަލް ކަޕް ކޮލިފިކޭޝަނުގެ ފަހު މެޗުގައި ތުރުކެމިނިސްތާން އަތުން ރާއްޖެ ބަލިވެއްޖެއެވެ.

އަންގާރަ ދުވަހު ހަވީރު ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 7-0 ގެ ނަތީޖާއަކުންނެވެ.

ކޮލިފިކޭޝަނުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން އޭޝިއާގެ ގަދަ ބާރު އީރާން އަތުން ބަލިވީ 17-0 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި ކިރްގިސްތާން އަތުން 7-1 ގެ ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފައެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ތުރުކެމިނިސްތާނުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. އެއާއެކު ރާއްޖޭން ވަނީ ތުރުކެމިނިސްތާންގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން އަލީ ހާފިޒް (ހާއްޕެ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި ހުޒައިފަތު ރަޝީދު (ހުޒޭ) ފޮނުވާލި ހަމަލާތައް ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތުރުކެމިނިސްތާނުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ތުރުކެމިނިސްތާނުން ވަނީ ފަސް ލަނޑު ރާއްޖެ ކޮޅަށް ޖަހައިފައެވެ. އެކަމަކު މި ހާފުގައި ވެސް ރާއްޖޭން ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އިޝާން އިބްރާހީމް (ސައްޓު) ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު ޝާއްޕެ ހުސްކޮށްހުރެ ފޮނުވާލި ހަމަލާއެއް ތުރުކެމިނިސްތާނުގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި ކޮލިފިކޭޝަނަށް ރާއްޖޭގެ ފުޓްސަލް ޓީމު ގޮސްފައިވަނީ ގޮންޖެހުންތަކަކާއެކުގައެވެ. އެގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދަން ހިރިޔާ ސްކޫލްގެ ހޯލު ވެސް ލިބިފައިވަނީ ކޮލިފިކޭޝަން ފެށެން ކުޑަތަން ވެފައިވަނިކޮށެވެ.

މިއީ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖޭން ވާދަކުރި ފުރަތަމަ ފަހަރެވެ.