ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމަށް 3 ބޭފުޅަކު ކުރިމަތިލައްވައިފި


ހައިކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް 3 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.  ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެމަޤާމަށް ކުރިމަތިލައްވާފައިވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފާއި އެކޯޓުގެ ފަނޑިޔާރު ސައީދު އިބްރާހިމް އަދި ހދ.ވައިކަރަދޫ ކޯޓް އިސް މެޖިސްޓްރޭޓް މުހައްމަދު ނިޔާޒެވެ.މި  ތިން ބޭފުޅުންގެ ތެރެއިން އަބްދުލް ބާރީ ޔޫސުފަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ ޝަރީއަތް ކްރިމިނަލްކޯޓްގައި ކުރިޔަށް ދިޔައިރު އެ މައްސަލަތައް ބެއްލެވި 3 ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގެންނެވި  ބޭފުޅެކެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ މައްސަލަވެސް ބައްލަވަމުން ގެންދަވަނީ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފެވެ. ހައިކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ސައީދް އިބްރާހިމް އަކީ މިހާރު ކުރިމިނަލް ކޯޓުގައި ކުރިޔަށްދާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ފިސްތޯލައެއް ގެންގުޅުނުކަމަށް ބުނާ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރެކެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ހައިކޯޓަށް ފަނޑިޔާރަކު އައްޔަންކުރެއްވުމުގެ މަސައްކަތް އެ ކޮމިޝަނުން މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. ހައިކޯޓުގެ ފަނޑިޔާރުގެ މަޤާމަށް ބޭފުޅަކު ހޯދަން އިއުލާންކުރީ، އެކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި އައްބާސް ޝަރީފް ރިޓަޔަރ ކުރެއްވުމުންނެވެ.