ކުޅިވަރު

ހުޅުމާލެ ވެޓެރަންސް އަތުންވެސް ޕޮލިސް ބަލިވެއްޖެ


މައިލޯ އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި އަންގާރަ ދުވަހު ހަވީރު ކުޅުނު މެޗުން ހުޅުމާލެ ވެޓެރަންސް އަތުންވެސް ޕޮލިސް ކުލަބް ބަލިވެއްޖެއެވެ.

އެފްއޭއެމް އެއް ނަމްބަރު ޓާފު ދަނޑުގައި ކުޅުނު މި މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.

ޕޮލިސް ކްލަބް ވަނީ މުބާރާތުގައި މިހާތަނަށް އެ ޓީމުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައެވެ. ތިން މެޗުން މޮޅުވި، ހުޅުމާލެ ވެޓެރަންސް އޮތީ ލީގު ތާވަލުގެ އެންމެ ކުރީގައި ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މޯލްޑިވްސް ސޮކަ މޭޓްސް އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ އަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ހުޅުމާލެ އިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ މުހައްމަދު ޖަމީލް (ޖަމްބެ) އާއި އަބްދުﷲ ސުޖާއު (ސުޖާ) އަދި އަބްދުﷲ ޝިފާއުއެވެ.

ދެ ވަނަ ހާފުގައި ޕޮލިހުގެ މުހައްމަދު ނާޒިމް އެ ޓީމަށް ލަނޑެއް ޖަހައިދިން ނަމަވެސް ހުޅުމާލެ ވެޓެރަންސް އިން މި ހާފުގައި އިތުރު ދެ ލަނޑު ޖަހައިފައިވެއެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ އަހުމަދު ޝާހިދު އާއި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިސްމާއިލް މުހައްމަދު (އިއްސޭ) އެވެ.

ތިން އަަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭއެމްގެ ވެޓެރަންސް މުބާރާތް މި ފަހަރު ކުރިއަށްދާއިރު، އިންތިޒާމްކުރަނީ ކްލަބް އިވެންޓްސް އިންނެވެ. މުބާރާތް ކުރިއަށްދަނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ

މުބާރާތުގައި ބުދަ ދުވަހުގެ ހަވީރު 16:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސްއެވެ.