ޚަބަރު

ހުމާ ރޯގާގެ ބައެއް ބަލިތައް އިތުރުވެއްޖެ


ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ރާއްޖޭގައި ހުމާއި ރޯގާގެ ބައެއް ބަލިތައް ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ކޯވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު މިފަދަ ބަލިތައް ވޭތުވެދިޔަދެއަހަރުތެރޭގައި ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން އެޗްޕީއޭގެ ތަފާސް ހިސާބުން ދައްކައެވެ.

ރާއްޖޭގައި ޢާއްމުގޮތެއްގައި މޫސުމީ ބަލިތަކުގެ ގޮތުގައި ފެތުރޭ ހުމާއި ރޯގާގެ ޙާލަތު ބަޔާންކޮށް އެޗްޕީއޭއިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު މިހާތަނަށް އައިއިރު އަރިދަފުސް ރޯގާޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ފެބްރުއަރީ އަދި މާޗްމަހު 30524 މީހަކުވަނީ އަރިދަފުސް ރޯގާޖެހިގެން ރިޕޯޓުކޮށްފައެވެ.

އިންފްލުއެންޒާއަށް ފެބްރުއަރީމަހު ޓެސްޓު ކުރި މީހުންނަށްވުރެ ބަލީގެ ޢަލާމާތްތައް ހުރެގެން މާޗުމަހު ޓެސްޓު ކުރި މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. އެގޮތުން ފެބްރުއަރީމަހު ޓެސްޓުކޮށްފައިވަނީ 41 މީހެކެވެ. އަދި މާޗްމަހު 55 މީހަކު ޓެސްޓުކޮށްފައިވާއިރު މީގެތެރެއިން އެކަކުވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ޢަލާމަތްތައް ހުރެގެން އިންފްލުއެންޒާއަށް 413 މީހަކުވަނީ ޓެސްޓުކޮށްފައެވެ. މީގެތެރެއިން 4 މީހަކުވަނީ ޕޮޒިޓިވްވެފައެވެ.

މިދިޔަ އަހަރަށްވުރެ މިއަހަރުގެ މިހާތަނަށް ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައިވާ ޢަދަދުވެސް އިތުރުވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ފެބްރުއަރީމަހު އަދި މާޗްމަހުގައި 4802 މީހަކު ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކޮށްފައިވާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން ބޭރަށް ހިނގާ ހޮޑުލެވޭނަމަ ލޮނުޕެކެޓް ބޭނުންކޮށް ދިޔާ އެއްޗިހި ބޭނުންކުރުމަށް އިސްކަން ދިނުމަކީ މުހިއްމުކަމެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ހުމާއި ރޯގާއިން ރައްކާތެރިވުމަށް ޢާއްމު ސާފުތާހިރުކަމަށް ސަމާލުވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގީ ހުން މިދިޔަ އަހަރާއެއް ހަމައެއްގައި ހިފެހެއްޓިފައިވާއިރު ވައިރަލް ހުމާއި ފާނަ ބަސަންދު އަދި ލޮލުރޯގާ ފަދަ ބަލިތައް ޢާއްމުކޮށް އުޅޭ މިންވަރަށްވުރެ އިތުރު ނުވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.