ޚަބަރު

ހިޔާ ފްލެޓު ސަރަޙައްދުގައި ކުދި ވިޔަފާރިކުރެވޭނެ ފުރުޞަތު ފަހިކޮށްދޭނަން - އެޗްޑީސީ


ޤަވާޢިދާ އެއްގޮތަށް ހިޔާ ސަރަޙައްދުގައި ކުދި ވިޔަފާރިތައް ކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ. ހުއްދަ ނުނަގައި، ޤަވައިދާ ޚިލާފައި އެސަރަޙައްދުގައި ވިޔަފާރި ކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ، ހިޔާ ފްލެޓްތަކުގެ ތިރީގައި މޭޒާއި ގާޑިޔާފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުންވަނީ ޢާއްމުކަމަކަށް ވެފައެވެ. ހެދިކާއާއި އެހެނިގެން ބާވަތްތަކުގެ ކާބޯތަކެއްޗާއި އިމްޕޯޓު މުދަލާއި އެފަދަ އެތައް ސާމާނުވެސް މިފަދަ މޭޒުތަކުގައި ވިއްކަމުންދެއެވެ.

ވިޔަފާރިތައް ހިންގަމުން އަންނަނީ ވިޔަފާރިކުރުމުގެ ހުއްދަ ނެތި، އަދި އެޗްޑީސީގެވެސް އެއްވެސް ހުއްދަ ދިނުމަކާ ނުލައެވެ. ޚާއްސަކޮށް އެސަރަޙައްދަކީ އަދިވެސް ގިނަ ކޮންސްޓްރަކްޝަން ސައިޓްތަކެއް ހުރި ތަންތަނަށް ވުމާއެކު ސާފުތާހިރުކަން ކުޑަވުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކުޑަވެ އެފަދަ ވިޔަފާރިތައް ހުއްޓާލުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.

މިގޮތަށް އަންގާފައިވަނީ ޢާންމުންގެ ޝަކުވާ ލިބެމުންދާތީއާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކުޑަވެ ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ޝަކުވާ ލިބެމުންދާނެތީކަމަށް އެޗްޑީސީންވަނީ ވިދާޅުވެފައެވެ.

މިއާ ގުޅިގެން މިމަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް، ހިޔާ ސަރަޙައްދުގައި ކުރަމުންދާ މިފަދަ ވިޔަފާރިތައް ހުއްޓާލުމަށްވަނީ އަންގާފައެވެ. މި މުއްދަތު މިހާރު ހަމަވެފައިވާއިރު މޭޒުތަކާއި ގާޑިއާތައް ނަގައި އެ ސަރަޙައްދު ހުސްކުރަން ކުރަންޖެހޭ މަސައްކަތްތައް އެޗްޑީސީން މިހާރު ކުރަމުންދާކަމަށް އެ ކޯޕަރޭޝަނުންވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެޗްޑީސީގެ ވިސްނުމަކީ ވިޔަފާރިތައް ހުއްޓުވުމުގެ ބަދަލުގައި، ޤަވާޢިދާ އެއްގޮތަށް ވިޔަފާރިތައް ކުރުމުގެ ފުރުޞަތު ދިނުމެވެ. އެޗްޑީސީގެ ވިސްނުމަކީ ހިޔާ ސަރަޙައްދުގައި ކުދި ވިޔަފާރިތަކަށް ފުރުޞަތު ދެވޭނެ ގޮތްތައް ބަލައި އެގޮތަށް ޚާއްސަ ހުއްދައެއްގެ ދަށުން، ޤަވާޢިދުގެ ތެރެއިން ވިޔަފާރި ކުރެވޭނެ މަގު ފަހިކޮށްދިނުންކަމަށް އެ ކޯޕަރޭޝަނުންވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިހާރު ޤަވައިދާ ޚިލާފަށް އެ ސަރަޙައްދުގައި ކުރަމުންދާ ވިޔަފާރިތައް ހުއްޓާލައި އެ ސަރަޙައްދުގައި ބަަހައްޓާފައިވާ ތަކެތި ނެގުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެޗްޑީސީން ދީފައިވާ މުއްދަތު ހަމަވުމަށްފަހު، މިހާރު އެ ސަރަޙައްދުގައި ހުރި ތަކެތި ނަގަމުންދާނެކަމަށް އެޗްޑިސީން ވަނީ ވިދާޅުވެފައެވެ.

ހިޔާ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ލުއިފަސޭހަ ކުރުމަށް، އެ ސަރަޙައްދުގައި މާރުކޭޓެއް ހެދުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މޭވާއާއި ތަރުކާރީ ވިއްކާ މި މާރުކާޓުތަކުގެ ބައެއް ގޮޅިތަކުން މިހާރު ދަނީ ޚިދުމަތް ދެމުންނެވެ.