ކުޅިވަރު

ވެލެންސިއާއަށް ޓިކެޓު ވާނީ ދީފައި، ފައިސާ ނުދެވުނީ އެކައުންޓެއް ނެތުމުން


އޭއެފްސީ ކަޕް ޕްރިލިމިނަރީ ދެވަނަ ބުރުގައި ބަންގްލަދޭޝްގައި އެގައުމުގެ ޑާކާ އަބަހާނީ އާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ދަތުރު ޓިކެޓު ވާނީ ދީފައި ކަމަށާއި، އެކަމަކު އެހެނިހެން ޚަރަދު ފައިސާ ނުދެވުނީ ކްލަބްގެ އެކައުންޓެއް ނެތުމުން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ހޯމަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަންގާރަ ދުވަހު ކުޅެން އޮތް މެޗަށް ދާން ޓިކެޓާއި އެކޮމަޑޭޝަން ފައިސާ ހަމަޖައްސައިދޭން ވެލެންސިއާއިން އެދިފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި މި ފުރުސަތަކީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމަށް އޮތް ފުރުސަތަކަށްވާތީ އެކަން ހަމަޖައްސައިދޭން ކުޅިވަރާ ބެހޭ ވުޒާރާއިން ނިންމި ކަމަށް ބުނެފައިވެއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ ފައިސާ މިދިޔަ ބުރާސްފަތި ދުވަހު ޖަމާކުރަން ބެލިއިރު ކުލަބް ވެލެންސިއާގެ އެކައުންޓެއް ނެތް ކަމަށް މައުލޫމާތު ލިބުނު ކަމަށާއި އެހެންވެ ދެން ބެލީ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރަން ކަމަށެވެ. އެކަމަކު ދެން އައީ ހަފްތާ ބަންދު ކަމުން އެކަން ނުވެ އޮއްވާ ހޮނިހިރު ދުވަހު ކުޅިވަރާ ބެހޭ ވުޒާރާއިން ޓިކެޓް އިޝޫކޮށްދޭން ވެލެންސިއާއިން އެދުމުން އެރޭ ޓިކެޓު ނަގައިދިން ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނީ އެ ވުޒާރާއިން ވެލެންސިއާއަށް އެކޮމަޑޭޝަން ފައިސާ ދޭން ބޭނުންވި ނަމަވެސް ދައުލަތުގެ ފައިސާގެ ނިޒާމު ހަމަޖެހިފައިވާ ގޮތުން އެކަންވާން ނެތީ ކަމަށެވެ. އެހެންވެ އާންމު އުސޫލުގެ ދަށުން މިފަދަ ޚަރަދުތަކަށް ޒިންމާވާނީ އެ ވުޒާރާއިން ފަހުން ދައްލާ ގޮތަށް ކުލަބްތަކުން ކަމަށެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ ނެގި ޓިކެޓުތަކުގެ ރީފަންޑު ނުލިބޭނެތީވެ ކުލަބުތަކަށް ފައިސާ ދޫކުރާއިރު ވެލެންސިއާގެ ބައި ދޫކުރާނީ ޓިކެޓު ފައިސާއިން އުނިކުރުމަށް ފަހުގައި ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ ދީފައެވެ.

ވެލެންސިއާއިން ޕްރިލިމިނަރީ ބުރުގެ ދެވަނަ ބުރުން ޖާގަ ހޯދީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު މާލޭގައި ކުޅުނު ކޮލިފައިންގެ ފުރަތަމަ މެޗުގައި ބޫޓާނުގެ ޕަރޯ އެފްސީ 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ.

މިއީ މިފަދަ ގޮތަކަށް މާލީ ދަތިކަމުގެ ސަބަބުން ރާއްޖޭގެ ކުލަބަކަށް އޭއެފްސީ ކަޕުގެ މެޗެއްގައި ބައިވެރިވެވޭ ގޮތް ނުވި ފުރަތަމަ ފަހަރެވެ.